ޗެލްސީ އަތުން ބަލިވުމުން ހާހެއްނުވޭ، ވިސްނުންހުރީ ޕްރިމިއަރ ލީގަށް: ޓޮޓެންހަމް ކޯޗް

ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗް މައުރީޝިއޯ ޕޮކެޓީނޯ ބުނީ، ޗެލްސީ އަތުން ބަލިވުމުން ހާސް ނުވާކަމަށް --

އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ވާދަވެރި ޗެލްސީ އަތުން ބަލިވުމުން އެކަމާ ހާސްނުވާ ކަމަށާއި ހުރިހާވެސް ވިސްނުމެއް ހުރީ ޕްރިމިއާ ލީގުގައި މިހާރު އެޓީމުން ހޯދަމުންދާ ކާމިޔާބީތައް އެގޮތުގައި ދެމެހެއްޓުމަށް ކަމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗް މައުރީޝިއޯ ޕޮކެޓީނޯ ބުނެފިއެވެ.

ޗެލްސީ އަތުން ރޭ 4-2ގެ ނަތީޖާއަކުން ބަލިވެ، 26 އަހަރުވަންދެން އެފްއޭ ކަޕްގެ ފައިނަލުގައި ކުޅުމަށް ކުރަމުންއައި އުންމީދު ފުނޑުފުނޑުވެގެންދިޔަ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޕޮކެޓީނޯ ބުނީ މެޗުން ބަލިވީމަ އެކަމާ ދެރަވާނެ ކަމަށާއި ނަމަވެސް މިއީ ފުޓްބޯޅަ ކަމުން ބަލިވުމާއި ދެރަވުންވެސް އޮންނާނެ ކަމަށެވެ. އަދި ބުނީ އޭނާގެ ޓީމް އޮތީ ވަރުގަދައަށް ކަމަށާއި ދެން މަސައްކަތް ކުރާނީ ޕްރިމިއާ ލީގުގައި ޗެލްސީއާ ދެމެދު އޮތް ފަރަގު ކުޑަކޮށް ތާވަލުގެ އެއްވަނަ އަށް އެރުމަށް ކަމަށެވެ.

"އަހަރެން ޗެލްސީއަށް މަރުހަބާ ކިޔަން. ދެން އަހަރަމެން މަސައްކަތް ކުރާނީ ޗެލްސީ ފަހަތަށް ލުމަށްފަހު ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައަށް އަރަން. އެއީ އަހަރަމެންގެ އަމާޒަކީ،" ޗެލްސީއަށް ވުރެ ހަތަރު ޕޮއިންޓް މަދުން ލިބިގެން ދެވަނައިގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.

ޖެހިޖެހިގެން ހަތް މެޗުން މޮޅުވެ މި ސީޒަނުގައި ޓޮޓެންހަމް ރަނގަޅު މިސްރާބަކަށް ގެންދިޔުމުގައި ބުރަކޮށް މަސައްކަތް ކުރަމުންދާ ޕޮކެޓީނޯ އިތުރަށް ބުނީ ރޭގެ މެޗުގައި ރަނގަޅަށް ކުޅުނީ އޭނާގެ ޓީމުން ކަމަށާއި އަދި ގިނަ ޝޮޓް ހެދީވެސް އޭނާގެ ޓީމުން ކަމަށެވެ. ނަމަވެސް ނަސީބު އެހީވީ ޗެލްސީއަށް ކަމަށާއި ޗެލްސީން ގޯލަށް ފަސް ޝޮޓް ހެދިއިރު އޭގެން ހަތަރު ބޯޅަ ގޯލަށް ސީދާ ވުމަކީ ޗެލްސީގެ ނަސީބު ކަމަށެވެ.

"އަހަރަމެން މުޅި ގޭމް ޑޮމިނޭޓް ކުރީ. އަހަރެން ފަހުރުވެރިވޭ ކުޅުންތެރީން ދެއްކި ކުޅުމާ މެދު،" ކޯޗިން ކެރިއަރުގައި ތައްޓެއް ހޯދިފައިނުވާ 45 އަހަރުގެ ކޯޗު ބުންޏެވެ.

ރޭގެ މެޗުގެ ފަސްވަނަ މިނިޓްގައި ޗެލްސީން ވަނީ ލީޑް ނަގައިފައެވެ. އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ވިލިއަންއެވެ. މެޗުގެ 18 ވަނަ މިނިޓްގައި ހެރީ ކޭން ވަނީ ޓޮޓެންހަމްއަށް ނަތިޖާ އެއްވަރުކޮށްދީފައެވެ. ފުރަތަމަ ހާފުގެ 43 ވަނަ މިނިޓްގައި އަނެއްކާވެސް ވިލިއަން ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. އޭނާ އެ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ.

ދެވަނަ ހާފުގެ ހަތް ވަނަ މިނެޓްގައި، ޑެލީ އަލީ ވަނީ އަނެއްކާވެސް ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ޗެލްސީން ލަނޑެއްޖަހައި އަނެއްކާވެސް ލީޑު ނެގީ މެޗުގެ 75 ވަނަ މިނެޓްގައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑެވެ. އަދި ނަތީޖާ 4-2 ބަދަލް ކޮށްލީ ނަމެންޔާ މަޓިޗްއެވެ.

comment ކޮމެންޓް