އެލް ކްލެސިކޯ- ދެ ޓީމަށް ވުރެ ބޮޑު ޕްރެޝަރެއް ރެފްރީއަށް!

މިރޭ ކުޅޭ އެލް ކްލެސިކޯ މެޗުގައި ރެފްރީކަން ކުރާނީ، ހެނާންޑޭޒް ހެނާންޑޭޒް--

މިރޭ ސްޕެނިޝް ލަ ލީގާގައި ސްޕެއިންގެ ގަދަ ދެބާރު ކަަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާއިރު، ފުޓްބޯޅައަށް ލޯބިކުރާ ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ލޯތައް މި މެޗަށް އަމާޒުވާނެއެވެ.

މިރޭ ރާއްޖޭ ގަޑިން 23:45ގައި މި މެޗު ފެށިގެންދާއިރު ދެ ޓީމުވެސް އޮތީ މި މެޗުން މޮޅުވުމަށް ފެންބޮވައިގެންފައެވެ. ދެޓީމުގެ ސަޕޯޓަރުން ވެސް މި މެޗާ ގުޅިގެން ސޯޝަލް މީޑިޔާގައި، އެއްބަޔަކު އަނެއްބަޔަކަށް ފާޑު ކިޔުންތައް އަމާޒު ކުރަމުންދާއިރު މިރޭގެ މެޗުން ވާގޮތަކުން އެއްބައެއްގެ ލޮލަށް ނިދިވެސް ނާންނާނެއެވެ. އަނެއްބަޔަކު ނިދާނީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނުކަހަލަ ހާލެއްގައި ހިތް ހަމަ ޖެހިލައިގެންނެވެ.

މިރޭގެ މެޗުގައި ކުޅޭ ދެ ޓީމަށްވެސް ޕްރެޝަރު އޮތްއިރު ދެން އެންމެ ބޮޑު ޕްރެޝަރެއް އޮންނާނީ މިރޭގެ މެޗުގެ ރެފްރީއަށެވެ. ދެ ޓީމަށްވެސް ރެފްރީން "ފޭވާ" ކުރާކަމަށް ދެ ޓީމުގެ ސަޕޯޓަރުން ވާހަދައްކަމުންދާ ދަނޑިވަޅެއްގައި މިރޭގެ މެޗުގައި ރެފްރީ ނިންމާ ކޮންމެ ނިންމުމަކަށްވެސް ފާޑުކިޔުންތައް އަމާޒުވާނެއެވެ. ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނެތީ މިރޭ މެޗު ފަށާއިރުވެސް މެޗުގެ ރެފްރީ ހުންނާނީ ހޫނުފެނުގައެވެ.

މިރޭ މެޗުގައި އިންސާފް ކުރާނީ ބާސެލޯނާ ފޭނުންނަށް އެހާ ހިތްގައިމު ރެފްރީއެއް ނޫނެވެ. މިރޭގެ މެޗުގެ ރެފްރީއަކީ ހެނާންޑޭޒް ހެނާންޑޭޒްއެވެ. އޭނާއަކީ މީގެ ކުރިންވެސް މި ދެޓިމު ކުޅުނު އެލްކްލެސިކޯ މެޗެއްގައި ރެފްރީކަން ކޮށްފައިވާ ރެފްރީއެކެވެ. މިދިޔަ އަހަރު ކުޅުނު އެމެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. އެ މެޗުން ރެއާލް މޮޅުވީ ބަލި ނުވެ ބާސެލޯނާއިން 39 މެޗު ކުޅެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން ގެނެސްފައެވެ.

އެ މެޗަށް ފަހު ވާހަކަދައްކަމުން ހެނާންޑޭޒް ބުނެފައިވަނީ އޭނާ ރެއާލް މެޑްރިޑާއި ބާސެލޯނާ މިދިޔަ ސީޒަނުގައި ކުޅުނު މެޗު ފަހުން ބެލިކަމަށާއި ކޮންމެވެސް ވަރެއްގެ ގޯސް ތަކެއް ހެދުނު ނަމަވެސް ނަތީޖާ ބަދަލުވާވަރުގެ ގޯހެއް ހެދިފައި ނުވާކަމަށެވެ.

ހެނާންޑޭޒް މިސީޒަނުގައި ރެފްރީކަން ކޮށްފައިވާ މެޗުތަކަށް ބަލާއިރު ބާސެލޯނާ ސަޕޯޓަރުން ހެނާންޑޭޒް ދެކެ ރުޅި އަންނަ ވަރުގެ ގޯހެއް އޭނާއަށް ވަނީ ބާސެލޯނާއާ ދެކޮޅަށް ރެއާލް ބެޓިސް ކުޅުނު މެޗުގައި ހެދިފައެވެ. އެމެޗުގައި 1-1ގެ ނަތީޖާއިން ދެޓީމު އެއްވަރުވެފައި ވަނިކޮށް ބާސާގެ ސުއަރޭޒް ފޮނުވާލި ބޯޅަ ގޯލްތެރޭގައި އޮއްވައި ރެއާލް ބެޓިސްގެ އައިއްސާ މަންޑި ވަނީ ބޯޅަ ބޭރަށް ނެރެފައެވެ. އަދި ހެނާންޑޭޒް ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.

ހެނާންޑޭޒްވަނީ މި އަހަރު ބާސާ ކުޅުނު ހަތް މެޗެއްގައި ރެފްރީކަންކޮށްފައެވެ. އަދި މި ސީޒަނުގައި އޭނާ ރެފްރީކަން ކުރި 19 މެޗުގައި އޭނާވަނީ 97 ރީނދޫ ކާޑު ދައްކައި ފަސް ރަތްކާޑު ދައްކާފައެވެ.

މިރޭގެ މެޗަށް ނުކުންނައިރު ރެއާލަށް ވަނީ ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރު ކުރުމުގައި ރެފްރީގެ އެހީތެރިކަން ލިބުނުކަމުގެ ތުހުމަތުކޮށްފައެވެ. ބަޔާންއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި ރެފްރީ ގަސްދުގައި ރެއާލަށް އެހީވި ކަމަށްބުނެ ބަޔާންގެ ކުޅުންތެރިންވެސް އަދި ފުޓްބޯޅަ ދިރާސާކުރާ ގިނަބަޔަކުވެސް ވަނީ ފާޑުކިޔައިފައެވެ.

އަދި ބާސެލޯނާއިން ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގައި ޕީއެސްޖީއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައިވެސް އެ މެޗުގެ ރެފްރީ، ބާސައަށް އެހީވި ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ.

މި ސަބަބުތަކަށްޓަކައި މިރޭ އެއްވެސް ސަޕޯޓަރެއް ނެތި، ދުނިޔޭގެ އެންމެ ބޮޑު ދެ ކުލަބުގެ މެދުގައި ހުންނާނީ މިރޭގެ މެޗުގެ ރެފްރީއެވެ. އޭނާ ނިންމާ ކޮންމެ ނިންމުމަކީ އެއްބައެއްގެ ތައުރީފް ލިބޭނެ ކަމަކަށް ވާއިރު އަނެއްބަޔަކަށް އެ ނިންމުންވާނީ ވޭނުންފުރިގެންވާ ނިންމުމަކަށެވެ.

comment ކޮމެންޓް