އެސްޓީއޯއިން ވަގަށް ނެގީ 25،000 ރުފިޔާ، ލެޕްޓޮޕެއް އަދި ކެމެރާއެއް

އެސްޓީއޯ ހެޑް އޮފީސް

ރޭ ދަންވަރު އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ކުރި ވައްކަމުގައި ވަގަށް ގެންގޮސްފައިވަނީ 25،000 ރުފިޔާއާއި، ލެޕްޓޮޕެއްގެ އިތުރުން ކެމެރާއެއް ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓު ފިހާރައިން ރޭ ވައްކަން ކޮށްފައިވާކަން ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 7:50 ހާ އިރުއެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ވައްކަމުގެ ތަހުގީގު ފުލުހުން މިހާރު ކުރަމުންދާ ކަމަށެވެ.

އަދި މިހާތަނަށް އެނގުނު ގޮތުގައި، ހޯމް އިމްޕްރޫވްމެންޓުން ވަގަށް ނަގާފައިވަނީ 25،000 ރުފިޔާގެ ޕެޓީ ކޭޝްގެ އިތުރުން ލެޕްޓޮޕަކާއި ކެމެރާއެއް ކަމަށް އެ ބަޔާނުގައި އެސްޓީއޯއިން ބުންޏެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓަކީ އޮފީސްތަކާއި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި، އިލެކްޓްރޯނިކް އެޕްލަޔަންސްތަކުގެ އިތުރުން ޕަވަރ ޓޫލްސްއާއި ކުލަ ފަދަ ތަކެތި ވިއްކާ އެސްޓީއޯގެ އައުޓްލެޓެވެ.

comment ކޮމެންޓް