ނޫސްވެރީންނާއި އާންމުންނަށް ދޭ އިންޒާރުތަކަށް އަވަސް ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި

މާރާމާރީއެއް ހިންގި ސަރަހައްދެއްގައި ފުލުހުންގެ ތަހުގީގު ޓީމަކުން ހަރަކާތްތެރި ވަނީ -- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ނޫސްވެރީންނަށާއި އާންމު ފަރުދުންނަށްދޭ ތަފާތު އިންޒާރުތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި މަޝްހޫރު ބްލޮގަރ ޔާމީން ރަޝީދު ރޭ މެންދަމުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިފަދަ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ، ފުލުހުންގެ "އޮޕަރޭޓިން ޕްރޮސީޖަރ" މުތާލިއާ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

"މި މަސައްކަތް ކުރިއަށް މި ގެންދަނީ، ރާއްޖޭގެ ނޫސްވެރީންނަށާއި އާންމު ފަރުދުންނަށް ލިބޭ އިންޒާރުތަކަށް އަވަސް ފިޔަވަޅު އެޅުމަށް މަގުފަހިކުރުމަށެވެ." ސަރުކާރުން ނެރުނު ބަޔާނުގައި ވެއެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާނޭކަމުގެ ފުރިހަމަ ޔަގީންކަން، މި ފުރުސަތުގައި ވެސް ރާއްޖޭގެ ރައްޔިތުންނަށް އަރުވަމެވެ."

ޔާމީން ރަޝީދު މަރާލި ހާދިސާއާ ގުޅިގެން ސަރުކާރުން ބުނީ، ދިވެހި ޒުވާނަކަށް މިފަދަ އަނިޔާވެރިކަމެއް ދިނުމަކީ، ދިވެހި ސަރުކާރުން އިންތިހާއަށް ހިތާމަކުރާ ކަމެއް ކަމަށާއި މިއީ ޑިމޮކްރަސީއާއި މިނިވަން މީޑިއާއަށް ދިން ހަމަލާއެއް ކަމަށެވެ.

"ޔާމީން ރަޝީދުގެ މަރަކީ ރާއްޖޭގެ ސޯޝަލް މީޑިއާއަށް ލިބުނު އުނިކެމެކެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިއީ ރާއްޖޭގެ ޑިމޮކްރަސީއާއި މިނިވަން މީޑިއާއަށް ދިން ހަމަލާއެކެވެ."

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ޚާއްސަ ތަހުގީގު ޓީމެއް އެކުލަވާލައިފައެވެ.

އުމުރުން 29 އަހަރުގެ އެ ޒުވާނާއަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައި ވަނިކޮށް ފެނިފައި ވަނީ ރޭ މެންދަމު 2:59ގައި މ. ސްޕެޓިއުލާ ގޭ ސިޑިގޮޅީގެ ތެރޭން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

comment ކޮމެންޓް