ރ. އަތޮޅުގެ ޝޫޓިން އެއްކޮށް ނިންމައި "ހައްދު"ގެ ކުރޫ މާލެއަށް!

"ހައްދު" ގެ ރާ އަތޮޅު ޝޫޓިން ނިންމާ މިހާރުވަނީ މާލެ އައިސްފަ---

މަޝްހޫރު ބަޠަލާ ނިއުމާ މުހައްމަދާއި ކުޅަދާނަ ޑައިރެކްޓަރު އަބްދުލް ފައްތާހް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމު، "ހައްދު"ގެ ރ. އަތޮޅުގައި ނަގަން ޖެހޭ މަންޒަރުތައް ނެގުމަށްފަހު ފިލްމުގެ ކުރޫ މާލެ އަތުވެއްޖެއެވެ.

ރ. އަތޮޅު ޝޫޓިން ނިންމައި ކުރޫ މާލެ އައީ މިއަދު އެވެ.

"ހައްދު" ގެ ޓީމު ރ. އަތޮޅަށް ގޮސްފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އެ އަތޮޅު ވާދޫގެ އިތުރުން އަނގޮޅިތީމު ގައިވެސް ފިލްމުގެ މަންޒަރުތައް ނަގާފައިވެއެވެ.

މަހުދީ އަހަމުދުގެ ސްކްރީންޕްލޭ އަކަަށް ހަދާ އެ ފިލްމުގެ ބޮޑުބައެއް ވަނީ އެ އަތޮޅުގައި ޝޫޓް ކޮށްފައެވެ. މިހާރުު ފިލްމުގެ 55 ޕަސެންޓް ޝޫޓް ކޮށް ނިމުނީއެވެ.

"ހައްދު" ގެ ރ.ވާދޫ ޝޫޓިންގެ ތެރެއިން---

"މިހާރު މިއޮތީ 55 ޕަސެންޓް ޝޫޓްކޮށް ނިމިފަ. ވަރަށް ހިތްހަމަޖެހިގެން މިއަތޮޅުގެ ޝޫޓިން މިނިންމާލީ. މިއީ މިހާތަނަށް ފިލްމީ ކެރިޔަރުގަ އެންމެ ހިތްހަމަޖެހިގެން ނިންމި އެއް ޝޫޓިން. ވަރަށް ސަޅި ހަމަ،" 2014 ވަނަ އަހަރު ރިލީޒްކުރި "އާދޭސް" އަށް ފަހު ޑައިރެކްޓްކުރާ ފުރަތަމަ ފިލްމާ ގުޅޭގޮތުން ފައްތާހް ބުންޏެވެ.

މީގެ ކުރިން ވަނީ ފިލްމުގެ މަންޒަރުތައް ހއ. ކެލާ އަދި އެ އަތޮޅު އުތީމުގައިވެސް ނަގާފައެވެ.

ރ. އަތޮޅު ޝޫޓިން ނިންމައި ބައެއް ތަރިން ވަނީ މިދިޔަ ހަފްތާގައިވެސް މާލެ އައިސްފައެވެ. އޭގެ ތެރެގައި މުހިއްމު ރޯލަކުން ފެނިގެންދާ ފައުޒިއްޔާ ހަސަން އާއި މަރިޔަމް ހަލީމް، އަދި ނަޖާހު ފަދަ ތަރިން ހިމެނެއެވެ.

ފައްތާހު ބުނީ ރ. އަތޮޅުގެ ޝޫޓިން ތާވަލް ކުރި މުއްދަތުގެ ތެރެގައި ނިންމާ ލެވުނު ކަމަށާއި އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބުނު ކަމަށެވެ.

"100 ޕަސެންޓް އެއްބާރުލުން ލިބުން އެ އަތޮޅުގެ ރައްޔިތުންގެ ފަރާތުން. އެމީހުންގެ ފަރާތުން އެ ލިބުނު ސަޕޯޓް ނުލިބުނު ނަމަ ހިތްހަމަ ޖެހިގެން ޝޫޓިން ނުނިންމުނީސް. ވަރަށް ސަޕޯޓިވް ބައެއް އެއީ،" ލިބުނު އެއްބާރުލުން ފާހަގަ ކޮށް ފައްތާހު ވަނީ ޝުކުރު އަދާކޮށްފައެވެ.

"ހައްދު"ގެ ލީޑު ރޯލުން ފެނިގެންދާނެ ތިން ތަރިން--

"ރެކޯޑް ބްރޭކިން މޫވީ" ގެ ގޮތުގައި ޕްރޮމޯޓް ކުރާ އެ ފިލްމުގެ ބާކީ މަންޒަރުތައް ނަގާނީ މާލޭ އާއި ރިސޯޓެއްގެ އިތުރުން ސަފާރީއެއްގައެވެ. އެ މަންޒަރުތައް ނަގަން ދެދުވަހެއް ފަހުން ފަށާނެއެވެ.

"ހައްދު" ގެ ލީޑުއެކްޓަރުންގެ ގޮތުގައި ފެނިގެންދާނީ މިހާރު ފިލްމީ ދާއިރާގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަރި މަރިޔަމް އައްޒަ އާއި ޒުވާން ބަތަލާ އައިމިނަތު ރިޝްފާ އަދި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ އަހްމަދު ޝިބާނެވެ.

އިބްރާހިމް ވިޝާން (ކަނޑި) ގެ ސިނަމެޓޯގްރަފީ ފެނިގެންދާ އެ ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ.

comment ކޮމެންޓް