ޔާމީން ރަޝީދުގެ މަރަކީ ރާއްޖޭގެ ޑިމޮކްރަސީއާއި މިނިވަން މީޑިއާއަށް ދިން ހަމަލާއެއް: ސަރުކާރު

ރައީސް އޮފީސް: މަޝްހޫރު ބްލޮގަރ، ޔާމީން ރަޝީދު އަނިޔާވެރިގޮތަަށް މަރާލާފައި ވާއިރު، އެއީ ރާއްޖޭގެ ޑިމޮކްރަސީއާއި މިނިވަން މީޑިއާއަށް ދިން ހަމަލާއެއް ކަމަށް ދިވެހި ސަރުކާރުން ބުނޭ -- ސަން ފައިލް ފޮޓޯ

މަޝްހޫރު ބްލޮގަރ، ޔާމީން ރަޝީދު ރޭ މެންދަމުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް ހަމަލާދީ މަރާލާފައިވާއިރު، އެއީ ރާއްޖޭގެ ޑިމޮކްރަސީއާއި މިނިވަން މީޑިއާއަށް ދިން ހަމަލާއެއް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ރާއްޖޭގެ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވި މަޝްހޫރު ބްލޮގަރ، އައްޑޫ ސިޓީ ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދު އަނިޔާވެރިގޮތަކަށް މަރައިލުމާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، ޔާމީން ރަޝީދުގެ މަރުގެ ޚަބަރުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތީ ކުއްލި ސިހުމަކާއި ހިތާމައެއް ކަމުގައެވެ.

"މި އަމަލަކީ އަނިޔާވެރިކަމާއި ރަހުމްކުޑަކަމުގެ ދަށުދަރަޖައިގެ އަމަލެކެވެ. އަދި މި އަމަކު އެންމެ ހަރުކަށި އިބާރާތުން ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި، ދިވެހި ސަރުކާރުގެ ނަމުގައި ކުށްވެރިކުރަމެވެ." ސަރުކާރުން ނެރުނު ބަޔާނުގައި ވެއެވެ.

ސަރުކާރުން ބުނީ، ދިވެހި ޒުވާނަކަށް މިފަދަ އަނިޔާވެރިކަމެއް ދިނުމަކީ، ދިވެހި ސަރުކާރުން އިންތިހާއަށް ހިތާމަކުރާ ކަމެއް ކަމަށެވެ.

"ޔާމީން ރަޝީދުގެ މަރަކީ ރާއްޖޭގެ ސޯޝަލް މީޑިއަށް ލިބުނު އުނިކެމެކެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިއީ ރާއްޖޭގެ ޑިމޮކްރަސީއާއި މިނިވަން މީޑިއާއަށް ދިން ހަމަލާއެކެވެ."

ސަރުކާރުން ބުނީ، މޯލްޑިވްސް ޕޮލިސް ސާރވިސްއިން ޔާމީންގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށާއި، އަދި އެފަދަ މައްސަލަތައް އަވަހަަށް ބެލޭނޭ މަގު ފަހުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

"ފުން ހިތާމައިގެ މި ދަނޑިވަޅުގައި މަރުހޫމް ޔާމީން ރަޝީދުގެ އާއިލާއަށް، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި، ދިވެހި ސަރުކާރުގެ ނަމުގައި ވަރަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަމެވެ. އަދި މާތްﷲ، މަރުހޫމް ޔާމީން ރަޝީދުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވާށިއެވެ. އާމީން"

comment ކޮމެންޓް