ޔާމީން މަރާލުމަށް ދިން ހަމަލާ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ޔާމީން ރަޝީދު: ސަރުކާރުން ވަނީ އޭނާ މަރާލުމަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައި ----

ތޫން އެއްޗަކުން ހަމަލާދީ، މަޝްހޫރު ބްލޮގަރ ޔާމިން ރަޝީދު މަރާލުމަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފިއެވެ.

ޔާމިން ރަޝީދުގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައިވަނީ އެ ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު އަައިޖީއެމްއެޗުގައެވެ.

ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ ޒުވާނަކަށް ދެވުނު ރަހުމް ކުޑަ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ގައުމު ހަމައަކަށް އަޅުވައި، ޒުވާނުން ކުށުގެ ވެށިން ދުރުކޮށް އަމާން މުޖުތަމައުއެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

ޔާމީންގެ މަރު މިނިވަން ކަމާއި އިންސާފުވެރިކޮށް ތަހްގީގްކޮށްދިނުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މައުމޫން އާއި ރައީސް ނަޝީދުގެ އިތުރުން ރައީސް ވަހީދު ވަނީ ގޮވާލާފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމިންގެ މަރުގެ މައްސަލަ ތަހްގީގް ކުރުމުގައި އެ އިދާރާއަށް ލިބިފައިވާ ހުރި ހުރިހާ ވަސީލަތެއް އޭގެ އެންމެ މަތީ ދަރަޖާގައި ބޭނުން ކުރާނެ ކަމަށެވެ.

ޔާމިންގެ ހަށިގަނޑު މިހާރު ވަނީ ފުލުހުން ނަގަން ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އާއިލާއާ ހަވާލުކޮށްފައެވެ. އަދި އާއިލާއިން ވަނީ އޭނާގެ ހަށިގަނޑު ވަޅުލުމަށް ހުޅުމާލޭއަށް ގެންގޮސްފައެވެ.

comment ކޮމެންޓް