'ބޫމީ' ރިލީޒް ކުރުން ފަސްކޮށްފި

ސަންޖޭ ދަތު --

ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށް ފަހު، ސަންޖޭ ދަތު އަލުން އެނބުރި އަންނަ ފިލްމު، 'ބޫމީ' ރިލީޒްކުރުން ފަސްކޮށްފި އެވެ.

ފިލްމު ރިލީޒް ކުރުން ފަސްކޮށްފައި ވަނީ ބޮކްސްއޮފީހުގައި އިތުރު އެއްވެސް ފިލްމަކާ ވާދަކުރަން ސަންޖޭ ބޭނުން ނުވާތީ އެވެ. 'ބޫމީ' ރިލީޒް ކުރަން ކުރިން ހަމަޖައްސާފައި އޮތީ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް ހަމަ އެ ތާރީޚުގައި ބޮކްސްއޮފީހުގެ "ރަސްގެފާނު" އާމިރު ޚާންގެ ފިލްމު 'ސީކްރެޓް ސުޕަސްޓަރ' ވެސް ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން މިހާރު 'ބޫމީ' ރިލީޒް ކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށް މިވަނީ ނިންމައިފައެވެ.

ފިލްމުގެ ޕްރޮޑިއުސަރު ބޫޝަން ކުމާރު ބުނީ ފިލްމު ރިލީޒް ކުރާ ތާރީޚަށް ބަދަލު ގެނައުމުގެ ސަބަބުން ފިލްމު ޕްރޮމޯޓު ކުރުމަށް އެކަށީގެންވާ ވަގުތު ލިބިގެންދާނެ ކަމަށެވެ.

ފިލްމު ރިލީޒް ކުރާ ތާރީޚު ބަދަލުކުރީ ސަންޖޭ އެކަމަށް އެދި ޕްރޮޑިއުސަރުންނަށް ސިޓީއެއް ފޮނުވުމުންނެވެ. ސަންޖޭ ބުނީ ފިލްމެއް އުފެއްދުމަށް އެހާ ބޮޑެތި ޚަރަދުތަކެއް ދާއިރު، އެހެން ފިލްމަކާ ވާދަކުރަން ޖެހުމަކީ އޭނާ ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.

އޮމަންގް ކުމާރު ޑައިރެކްޓުކޮށް، ބުޝަން ކުމާރު ޕްރޮޑިއުސް ކުރާ އެ ފިލްމަކީ ބައްޕައަކާ އަންހެން ދަރިފުޅުގެ މައްޗަށް ބިނާކޮށް އުފައްދާ އަސަރުގަދަ ފިލްމެކެވެ.

comment ކޮމެންޓް