ސިފައިންނަށް ދޭ "ނޮން ޕްރެކްޓިސް އެލަވަންސް" ފުޅާ ކުރަނީ

ސިފައިންގެ 125ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ސިފައިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސިފައިންނަށް މިހާރު ދެމުން އަންނަ "ނޮން ޕްރެކްޓިސް އެލަވަންސް" އިތުރަށް މުރާޖައުކޮށް އެ އެލަވެންސް ފުޅާކުރަން ނިންމާފައިވާކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސިފައިންނަށް ކުރިން ދެމުންދިޔަ ނޮން ޕްރެކްޓިސް އެލަވެންސަކީ ވަކި ޝަރުތުތަކަކާއެކު ވަކި ހާލަތްތަކެއްގައި ދެމުންދިޔަ އެލަވެންސެކެވެ.

ސިފައިންގެ ހިދުމަތަށް 125 އަހަރު ފުރުމާ ގުޅިގެން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމިންގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ސިފައިންނަށް ދެމުންދާ ނޮން ޕްރެކްޓިސް އެލަވެންސް މުރާޖައުކޮށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، ޑޮކްޓަރުގެ ސެޓްފިކެޓް ހުށަހަޅައިގެން ސަލާމުގައި ހުންނަ ސިފައިންނަށާއި އާއިލީ ޒިންމާގައި ތިބޭ ސިފައިންގެ އިތުރުން އަންހެނުން ވިހެއުމާ ގުޅިގެން ޗުއްޓީ ލިބޭ މީހުންނާއި މުސާރައިގެ ދެބައިކުޅަ އެއްބައި ލިބޭ މީހުންނަށް އެ އެލަވެންސް ލިބޭނެ ގޮތް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ދަރިއަކު ލިބިގެން ޗުއްޓީ ނަގާ ދުވަސްތަކަށާއި ހިތާނު ކުރުމުން ޗުއްޓީ ނަގާ ދުވަސްތަކަށާއި ހައްޖު ޗުއްޓީ އާއި ޕެއިޑް ލީވްގައި ހުންނަ ސިފައިންގެ ބޭކަލަކަށް ވެސް ނޮން ޕްރެކްޓިސް އެލަވަންސް ދިނުމަށް ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ސިފައިންނަށް މިއަހަރުގެ ތެރޭގައި ހުރި ކަންތައްތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ސިފައިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ ސިފްކޯ ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް މިއަހަރު ނިމި، އަންނަ އަހަރުގެ ސިފައިންގެ ދުވަހަށް އެ ތިން ބުލޮކުގެ މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، އެމްއެންޑީއެފްގެ ހޮސްޕިޓަލް، ސެނަހިޔާ ހިންގުން ހަރުދަނާ ކުރުމަށް ކަންތައްތަކެއް ކުރަމުން އަންނަކަމަށާއި އެކަންތައްތަކުގެ ނަތީޖާ ސިފައިންނަށް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް