ޔާމިންގެ މަރުގެ ތަހްގީގު އިންސާފުވެރިކޮށް ގެންގޮސް ދިނުމަށް ކުރީގެ ތިން ރައީސުން ގޮވާލައްވައިފި

ތޫނު އެއްޗަކުން ހަމަލާދީ ރޭ މަރާލި ޔާމިން ރަޝީދު ---

ރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލި، ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމިން ރަޝީދުގެ މަރުގެ ތަހްގީގު މިނިވަންކަމާއި އިންސާފުވެރި ކަމާ އެކު ކުރިއަށް ގެންގޮސް ދިނުމަށް ކުރީގެ ތިން ރައީސުން ގޮވާލައްވައިފި އެވެ.

ޔާމިން ރަޝީދުގެ ހަށިގަނޑުގެ އެކިތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައި އޮތްވައި ފެނުނީ ރޭ ދަންވަރު އެވެ. އަދި އައިޖީއެމްއެޗަށް ގޮސް ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ ނިޔާވެފަ އެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމިންގެ މަރުގެ ހަބަރު ލިބުމުން ޝޮކެއް ލިބިވަޑައިގަތް ކަމަށާއި ގާތިލުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓުވީޓްގައި ވިދާޅުވެފައި ވަނީ ޔާމިންގެ އަޑު އެވަނީ އަނިޔާވެރި ގޮތެއްގައި ކަނޑުވާލާފައި ކަމަށާއި އޭނާ އަށް އިންސާފު ލިބޭނީ ބޭރުގެ ފަރާތްތައް އެކުލެވޭ ގޮތަށް ކުރާ މިނިވަން ހުޅުވާލެވިފައިވާ ތަހްގީގަކުން ކަމަށެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ޔާމިންގެ އަނިޔާވެރި މަރާ ގުޅިގެން ކޯފާވެފައި ހުރި ކަމަށެވެ. އަދި މަރުގެ އެ މައްސަލާގައި މިނިވަން ތަހްގީގެއް ކުރެއްވުމަށް ވެސް ވަހީދު ވަނީ ގޮވާލައްވައިފަ އެވެ.

ފުލުހުން ބުނީ ޔާމިން ވަނީ ބަޔަކު ގަސްތުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި ކަމަށާއި އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކުރައިމް ޑިޕާޓްމަންޓުން ތަހްގީގްކުރަމުން އަންނަ ކަމަށެވެ.

ޔާމިިންގެ ހަށިގަނޑު މިވަގުތު އަދި އޮތީ އައިޖީއެމްއެޗުގަ އެވެ.

ޔާމީން ރަޝީދަކީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރަމުންް އަންނަ އަދި އެ މައްސަލާގައި ސޯޝަލް މީޑިއާގައި ގިނަ މަސައްކަތްތަކެއް ކުރަމުން އައި ޒުވާނެކެވެ.

comment ކޮމެންޓް