އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުގެ ތިޖޫރީ ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ގެންގޮސްފި

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓު -- ފޮޓޯ/ އެސްޓީއޯ

މާލޭގައި ހުންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ފިހާރައިގެ ތިޖޫރީ ރޭ ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެން ގެންގޮސްފިއެވެ.

އެސްޓީއޯގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި ހޯމް އިމްޕްރޫވްމެންޓުގެ ތިޖޫރީ ފަޅާލައި، ފައިސާތަކެއް ވަގަށް ނެގި މައްސަލަ އެސްޓީއޯއިން ދަނީ ބަލަމުންނެވެ. ނަމަވެސް ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ނޭނގޭ ކަމަށް އެފަރާތުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލލް "ސަން"އަށް ވިދާޅުވީ އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުގެ ތިޖޫރީ ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލަ މިއަދު ހެނދުނު 7:50 ހާ އިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުންވެސް ބުނީ، ވަގަށް ނަގާފައިވާ ފައިސާގެ އަދަދު ނޭނގޭ ކަމަށެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓަކީ އޮފީސްތަކާއި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި، އިލެކްޓްރޯނިކް އެޕްލަޔަންސްތަކުގެ އިތުރުން ޕަވަރ ޓޫލްސްއާއި ކުލަ ފަދަ ތަކެތި ވިއްކާ އެސްޓީއޯގެ އައުޓްލެޓެވެ.

comment ކޮމެންޓް