ޓީމު އޮތީ ތައްޔާރަށް ބޭނުންވަނީ މޮޅެއް: ފެސްކޯ

ވެލެންސިއާގެ ކޯޗު އަހްމަދު މުޖްތަބާ(ފެސްކޯ)--ސަންފޮޓޯ/ ފަޔާޒް މޫސާ

މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނަ މެޗަކީ ފަސޭހަ މެޗެއްގެ ގޮތުގައި ނުދެކެނެ ކަމަށާއި ހަފްތާއެއްހާ ދުވަހުގެ ޕްރެކްޓިހާއެކު ޓީމު އޮތީ، އިދިކޮޅު ޓީމަށް ރަނގަޅު ރައްދެއް ދެވޭފަދަ ފޯމެއްގައި، ތައްޔާރަށް ކަމަށް ވެލެންސިއާގެ ކޯޗް އަހްމަދު މުޖްތަބާ (ފެސްކޯ) ބުނެފިއެވެ.

ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީ މިރޭ މާލޭ ލީގުގައި ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ފެސްކޯ ބުނީ ޓީމުގެ ކަންކަން ރަނގަޅު ކުރަން ވަގުތު ބޭނުންވާ ކަމަށާއި ހަފްތާއެއްހާ ދުވަހުގެ ރަނގަޅު ޕްރެކްޓިހަށް ފަހު ޓީމް އޮތީ މެޗަށް ތައްޔާރުވެފައި ކަމަށެވެ.

ފެސްކޯ ބުނީ ވެލެންސިއާގެ ތެރޭގައި ކޮންމެސް ވަރެއްގެ މައްސަލަތެކެއް އުޅޭ ކަމަށާއި އެކަންކަން ހައްލު ކުރަން ވަގުތު ބޭނުންވާނެ ކަމަށެވެ. އަދި އެ މައްސަލަތަކަކީ މިރޭގެ މެޗަށް އޮތް ގޮންޖެހުންތަކެއް ކަަމަށް ގަބޫލު ނުކުރާކަމަށާއި ހުރިހާ ކުޅުންތެރިންވެސް ތިބީ މިރޭގެ މެޗުން މޮޅުވުމަށް ތައްޔާރަށް ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޔުނައިޓެޑް ވިކްޓަރީގައި ތިބީ ރަނގަޅު މޮޅު ކުޅުންތެރިންކަމަށާއި އެ ޓީމަށް ކުރަންޖެހޭ އިހްތިރާމް ކުރާނެ ކަމަށާއި ނަމަވެސް މި މެޗުން މޮޅެއް މުހިއްމުވާތީ ހުރިހާ ކުޅުންތެރިންވެސް ނުކުންނާނީ އެއް އަޒުމެއްގައި މެޗުން މޮޅުވުމަށް ކަމަށެވެ.

އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު މާލޭގައި ނޫޅޭތީ ހާޒިރުވެފައި ނުވާއިރު، މިވަގުތު ޔުނައިޓެޑް ވިކްޓަރީ އޮތީ ލީގު ތާވަލްގެ ފުލުގައެވެ. އަދި ވެލެންސިއާ އޮތީ ލީގު ތާވަލްގެ ހަތްވަނަ މަގާމުގައެވެ. މި ދެޓިމް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 21:00 ގައި ގައުމީ ދަނޑުގައެވެ.

comment ކޮމެންޓް