ތޫނު އެއްޗަކުން ހަމަލާދީ ބުލޮގަރު ޔާމީން ރަޝީދު މަރާލައިފި

ތޫނު އެއްޗަކުން ހަމަލާދީ ރޭ މަރާލި ޔާމިން ރަޝީދު ---

މާލޭގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ 29 އަހަރުގެ ޒުވާނަކަށް ކަމަށާއި އޭނާ ފެނިފައި ވަނީ ރޭ ދަންވަރު 2:59ގައި ބިސްބުރު ކައިރީގައި ހުރި ގެ އެއްގެ ސިޑި ގޮޅި ތެރެއިން ކަމަށެވެ. އަދި މިހާރު އެ ޒުވާނާ މަރުވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ރޭ ހަމަލާދީ މަރާލާފައި ވަނީ، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ، ސ. ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދު އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިިޝަލް ޒީނަތު އަލީ ހަބީބް މިއަދު 'ސަން'އަށް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ޒުވާނަކު ރޭ ދަންވަރު 3:15ގައި އެ ހޮސްޕިޓަލަށް ގެނައިސްފައިިވާ ކަމަށާއި ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވީ 3:48 އެހާކަންހާއިރު ކަމަށެވެ.

"ތޫނު އެއްޗަކުން ވަނީ އޭނާގެ ބޮލަށާއި ކަރަށް އަދި މެޔަށް ވެސް ބޮޑެތި ހަމަލާތެކެއް ދީފައި،" ޒީނަތު ވިދާޅުވި އެވެ.

އޭނާގެ ގައިގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ޒަހަމުކޮށްލާފައި އޮއްވައި ފެނިފައި ވަނީ މ. ސްޕެޓިއުލާ ގޭ ސިޑިގޮޅީގެ ތެރެއިންނެވެ.

ރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މ. ސްޕެޓިއުލާގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ

ފުލުހުން ދާދި ދެންމެ ކުރި ޓުވީޓެއްގައި ބުނީ އެ ޒުވާނާއަށް ވަނީ ބަޔަކު ގަސްތުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި ކަމަށާއި އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކުރައިމް ޑިޕާޓްމަންޓުން ތަހްގީގްކުރަމުން އަންނަ ކަމަށެވެ.

ޔާމީން ރަޝީދަކީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރަމުންް އަންނަ އަދި އެ މައްސަލާގައި ސޯޝަލް މީޑިއާގައި ގިނަ މަސައްކަތްތަކެއް ކުރަމުން އައި ޒުވާނެކެވެ.

comment ކޮމެންޓް