ފިލްމުގެ މަންޒަރުތަކާ އެކު "ނިންޖެއް" ލަވަ ބެލުންތެރިންނަށް!

ޑާކްރެއިން އެންޓަޓެއިންމެންޓުގެ ނުވަ ވަނަ ފިލްމު "މީ ލޯތްބަކީ"ގެ ކާމިޔާބު 17 ޝޯ ވަނީ ބެލުންތެރިންނަށް ދައްކައި، ގިނަ ބައެއްގެ ތަރުހީބު ހޯދައިފިއެވެ. ފުރަތަމަ ހަފްތާގައިވެސް ތިން ލައްކަ ސައްބިސް ހާހަށް ވުރެ ބޮޑު އާމްދަނީއެއް ވެސް ފިލްމުން ހޯދައިފިއެވެ.

މި ފިލްމުގެ ތިން ލަވައެއް މީގެ ކުރިން ބެލުންތެރިންނާ ހަމައަށް އައިސްފައިވާ އިރު، ފިލްމުގެ ހަތަރުވަނަ ލަވައެއް ރޭ ވަނީ ޔޫޓިއުބުގައި ރިލީޒްކޮށްފައެވެ.

މި ލަވައަކީ ފިލްމުގެ މަންޒަރުތަކަކާއި، އިކުއޭޓިކް ވައިބުގެ މިއުޒިކާއި، ލީޑު ވޯކަލިސްޓް ޝައްމޫން މުހައްމަދުގެ ހިތްގައިމު އަޑުން ކިޔާފައިވާ ލަވަ "ނިންޖެއް"އެވެ.

މި ލަވައިން ފެނިގެން ދަނީ "މީ ލޯތްބަކީ"ގެ ލީޑުންވެސް ފެނިގެންދާ މަރިޔަމް އައްޒަ އަދި ޖުމައްޔިލް ނިމާލެވެ.

މީ ލޯތްބަކީގެ ލަވަ "ނިންޖެއް"ގެ މަންޒަރެއް --

ފިލްމު އެޅުވުމުގެ ކުރިން ޕްރޯމޯޓް ކުރުުމުގެ ގޮތުން ދެ ލަވަ އަކާއި ފިލްމުގެ ޓްރެއިލާ ތައްވެސް ބެލުންތެރިންނަށް ވަނީ ދައްކާލައިފައެވެ.

އެގޮތުން ފުރަތަމަ އާންމު ކުރީ ފިލްމުގައި ބޮޑު ރޯލަކުން ފެނިގެންދިޔަ އިބްރާހީމް ޝާފިއު (ފުބޫ)އާއި އިބްރާހިމް އަމާންގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ފަތުހުﷲ އަބްދުލްފައްތާހު (ފަތޯ)ގެ އަޑުން ކިޔާފައިވާ "އޭ މަންޖޭ"ގެ ކަވަރ ލަވައެވެ.

ދެވަނައަށް ބެލުންތެރިންނަށް ދޫކޮށްލީ މެގަ މޯލްޑިވްސްގެ ފްލައިޓެއްގެ ތެރޭގައި މަންޒަރުތައް ނަގާފައިވާ، އަދި ޑީޓިއުން ބޭންޑުން ކިޔާފައިވާ "ހީލާ ހަދަން"އެވެ. އެއަށްފަހު ތިންވަނައަށް ރިލީޒްކުރީ ފިލްމުގެ ހުރިހާ ތަރިން އެއްކޮށް ފެނިގެންދާ ލަވަ "އެންމެ މަލެއް"އެވެ.

އައިޝަތު ފުއާދު ތައުފީގާއި އަލީ ޝިފާއު (ޗިއްޕެ)ގެ ސްކްރީންޕްލޭއަކަށް، ޗިއްޕެ ޑައިރެކްޓްކޮށް މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ "މީ ލޯތްބަކީ އަކީ ރޮމޭންޓިކް ކޮމެޑީއެކެވެ.

އޮލިމްޕަހާ ދިމާލުން މަޖީދީމަގު ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާތީ، ފިލްމުގެ ޝޯތައް ވަނީ އަންނަ މަހަށް ފަސްކޮށްފައެވެ. އަންނަ މަހުގެ ހަތަރެއް، ފަހެއް އަދި ހަވަނަ ދުވަހާ ހަމައަށް މިހާރު ދަނީ ޓިކެޓް ވިއްކަމުންނެވެ.

comment ކޮމެންޓް