މިދިޔަ އަހަރު ކަނޑުމަތީގައި ހާލުގައި ޖެހުނު 769 މީހަކު ސިފައިން ސަލާމަތް ކުރި

އޭޕްރިލް 10، 2016: އިންޖީނު ހުއްޓުނު ބޯޓެއްގައި ތިބި 90 އަށް ވުރެ ގިނަ މީހުން އެމްއެންޑީއެފް އިން މާލެ ގެނައުމުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ތެރޭގައި ކަނޑުމަތީގައި ދިމާވި އެކި ކަހަލަ ހާދިސާތަކުގައި 769 މީހަކަ ސަލާމަތްކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސިފައިންގެ ހިދުމަތަށް 125 އަހަރު ފުރުމާ ގުޅިގެން ސިފައިންގެ ހިދުމަތުގެ އަގުވަޒަން ކުރުމާއި ކާމިޔާބީ ފާހަގަކުރުމަށް ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރަކީ ސިފައިންނަށް ކާމިޔާބު އަހަރެއް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު ސިފައިންނަށް ހޯދުނު ކާމިޔާބީތައް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކަނޑުވި 18 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށް، އުޅަނދުތަކުގައި ހާލުގައި ޖެހިފައި ތިބި 769 މީހުން ސަލާމަތްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރެއިން ވެސް ގެއްލިގެން ހޯދަމުންދަނިކޮށް މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެނުނު ލަންކާގެ ހަތަރު މަސްވެރިން ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

22 އޭޕްރީލް 2017: ސިފައިންގެ 125ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭގެ އިތުރުން މަސްވެރިންނަށް ހާއްސަކޮށް އެމްއެންޑީއެފުން ނިޔަވި ކަމުގެ ކޯހެއް ފަށައި އޭގެ 23 ބެޗް ފުރިހަމަ ކޮށްފައިވާއިރު އެ ޕްރޮގްރާމް 701 މަސްވެރިއަކު ފުރިހަމަ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެމްއެންޑީއެފްގެ ކޮލެޖް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި 47 ޕްރޮގްރާމަކުން 973 މީހުން ތަމްރީން ކޮށްފައިވާއިރު، ޖުމްލަކޮށް 362 ސިފައިން ރާއްޖޭން ބޭރުގެ ކޯސްތަކާއި ސެމިނާތަކުން ފުރުސަތު ދީފައިވާ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރު މައުލޫމާތު ދެއްވި ގޮތުގައި، މިދިޔަ އަހަރު ޝަރަފްގެ ނިޝާނާއި ކުލަ 950 ސިފައިންގެ ބޭކަލަކަށް އަދި 733 މީހުންނަށް ޕްރޮމޯޝަން ދީފައިވެއެވެ.

ރަސްމިއްޔާތުގައި ސިފައިންގެ ހޮސްޕިޓަލް، ސެނަހިޔާގެ ހިންގުން ހަރުދަނާ ކުރުމަށް ކަންތައްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ ޑިފެންސް މިނިސްޓަރު ވިދާޅުވީ، ސިފައިންގެ 328 މީހުންނަށް ރާއްޖޭން ބޭރުން ފަރުވާ ދިނުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަމަށް 27 ލައްކަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި އަގުވަޒަން ކުރުމުގެ ގޮތުން 176 ސިފައިންނަށް ކޮމަންޑޭޝަން ލެޓާ ދީފައިވާއިރު، 34 ފަރާތަކަށް ހަދާނީ ލިޔުމުގެ އިތުރުން 19 ފަރާތަކަށް ހަދާނީ ފިލާ ދީފައިވެއެވެ.

comment ކޮމެންޓް