އައްޑޫ ގެސްޓް ހައުސް ތަރައްގީގެ މަޝްރޫއާ އެކު 3000 އެނދު އިތުރުކުރަނީ

އައްޑޫ އިންވެސްޓާސް ފޯރަމުގެ ތެރެއިން -- ފޮޓޯ: އެމްއައިޓީޑީސީ

އައްޑޫ ސިޓީގައި ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ބޮޑު މަޝްރޫއެއް ފަށައި އެ މަޝްރޫއުގެ ދަށުން އައްޑޫގައި 3000 އެނދު އިތުރު ކުރުމަށް ނިންމައިފިއެވެ.

އެ މަޝްރޫއު އިއުލާން ކުރެއްވީ، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން މިއަދު އައްޑޫ ސީޓީ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖުގައި ބޭއްވި އައްޑޫ އިންވެސްޓާސް ފޯރަމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

އެ މަޝްރޫއުގެ ދަށުން ހެދުމަށް ހަމަޖައްސާފައި ވަނީ 25 ކޮޓަރީގެ ގެސްޓްހައުސްތަކެވެ. ގެސްޓް ހައުސެއްގެ އަގު 3.8 މިލިއަން ރުފިޔާއަށް އުޅޭ އިރު އެ ގެސްޓް ހައުސްތައް މާކެޓުކޮށް ތަރައްގީ ކުރާނީ އެމްއައިޓީޑީސީންނެވެ. އެ މަޝްރޫއުގައި ތަރައްގީ ކުރަނީ ބޭރުން ގެނެސް ރާވާލެވޭ ފަދަ ގެސްޓްހައުސްތަކެކެވެ.

ގެސްޓް ހައުސް ތަރައްގީގެ މަޝްރޫއުގައި 25 ކޮޓަރީގެ ގެސްޓްހައުސްތައް ތަރައްގީ ކުރާ އިރު، 97 ޕްރޮޓް ހަދާނެ އެވެ. އޭގެ ތެރެއިން މި މަޝްރޫއުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 20-25 މިލިއަން ޑޮލަރެވެ. އަދި މިތަންނަން 50 އަހަރަށް ލިބޭނެ އެވެ.

މި މަޝްރޫއު ތަރައްގީކުރާ ސަރަހައްދުތަކަކީ ހިކިހެރާ އާއި މީދޫ އަދި ހުޅުދޫގެ އިތުރުން ފޭދޫ އާއި ހިތަދޫ އަދި މަރަދޫ ފޭދޫ އެވެ.

ސަތޭކަ ފަންސާހަށްވުރެ ގިނަ ކުންފުނިތަކުން ބައިވެރިވި އެ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ބޭރުގެ އެއާލައިންތަކަށް އިތުރު މާކެޓު ލިބިގެންދާނެ ކަމަށެވެ. އަދި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އިންޓަނޭޝަނަލް އެއާޕޯޓަށް ދާއިމީކޮށް ޝެޑިއުލް ފްލައިޓް ޖައްސަން ފުރުސަތު ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ގެސްޓް ހައުސް މަޝްރޫއުގެ ދަށުން މޫދު ހޮޓާތަކާއި ގެސްޓްހައުސްތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ސްޕާ އާއި ވެލްނަސް ސެންޓަރު އަދި ރެކްރިއޭޝަނަށް އޭރިއާތަކާއި ފެހި ސަރަހައްދުތައް ވެސް ތަރައްގީ ކުރާނެ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ދެމަސް ތެރޭ ފަށާނެ އެވެ.

comment ކޮމެންޓް