މި ސީޒަންގެ ގަދަ ފަހަކަށްވެސް ބީއެމްއެލްގެ 10،000 ރުފިޔާގެ ގިފްޓު ކާޑު

އައިޑަލްގެ ގަދަ ފަސް ބައިވެރިންނަށް ބީއެމްއެލް ގިފްޓްކާޑު ހަދިޔާ ކުރުން -- ފޮޓޯ/ ބީއެމްއެލް

މޯލްޑިވިއަން އައިޑަލްގެ ގަދަ ފަހެއްގައި ހިމެނޭ ކޮންމެ ބައިވެރިއަކަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން 10،000 ރުފިޔާގެ ވެލިއު ހުރި ގިފްޓު ކާޑު ހަދިޔާ ކޮށްފިއެވެ.

ބީއެމްއެލްއިން މާސްޓަރކާޑާ ގުޅިގެން އުފެއްދި ގިފްޓު ކާޑަކީ މިދިޔަ އަހަރު އެކުންފުނިން ތައާރަފުކުރި ޕްރޮޑަކްޓެކެވެ. މި ކާޑު ތައާރަފުކުރީ މިދިޔަ އަހަރުގެ އައިޑަލްގެ ގަދަ ފަހެއްގެ އެލިމިނޭޝަން ނައިޓުގައެވެ.

މިރޭ ކުރިޔަށްދާ ޝޯގައި، ބީއެމްއެލްއިން ވަނީ މި ސީޒަންގެ ގަދަ ފަސް ބައިވެރިންނަށް ގިފްޓު ކާޑު ހަދިޔާ ކޮށްފައެވެ. ކޮންމެ ބައިވެރިއެއްގެ ފޮޓޯ ޖަހާފައިވާ ކާޑު އެ ބައިވެރިންނާ ހަވާލުކޮށްދިނީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއެވެ.

ބީއެމްއެލްގެ ގިފްޓު ކާޑަކީ ޕީއޯއެސް މެޝިނުގައި ސްވައިޕު ކުރަންޖެހޭ ކާޑަކަށް ވީ ނަމަވެސް، އައިޑަލްގެ ސީޒަން ދޭއްގެ ގަދަ ފަހަކަށް ދިން ކާޑު ބޭނުންކުރުމަށް ޖެހޭނީ ކާޑު ދައްކާލާށެވެ. މި މޭރުމުން 10،000 ރުފިޔާގެ ވިޔަފާރި، އެ ކާޑު ބޭނުންކޮށްގެން ކުރެވޭނެއެވެ.

އެހެން ނަމަވެސް ބީއެމްއެލް އިން ބާޒާރަށް ނެރުނު ގިފްޓު ކާޑު ހުންނަނީ ތަފާތު ޑިނޯމިނޭޝަންތަކެއްގައެވެ. ބާޒާރުގައި ވިއްކަން ހުންނާނީ 200 ރުފިޔާ، 300 ރުފިޔާ، 500 ރުފިޔާ، 700 ރުފިޔާ އަދި 1،000 ރުފިޔާގެ ގިފްޓު ކާޑެވެ.

މޯލްޑިވިއަން އައިޑަލްގެ ގަދަ ފަހެއްގައި ހިމެނޭ ބައިވެރިންނަކީ ހަމޫދު އަހްމަދު، މުހައްމަދު ތަސްނީމް (ބޮބް)، އިބްރާހިމް ވަހީދު (ބޮޑުބެ)، އަބްދުﷲ ހިޝާން އަދި ޝަމްވީލް މުހައްމަދެވެ.

ޕީއެސްއެމްގެ ޓީވީއެމްއިން މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ގަދަ ފަސް ބައިވެރިންގެ ހުށަހެޅުންތައް ރޭ ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން އެއް ބައިވެރިއަކު މިރޭ އެލިމިނޭޓު ވާނެއެވެ.

ރޭގެ ޝޯގައި ކޮންމެ ބައިވެރިއަކުވެސް ދެ ލަވައެއް ހުށަހެޅިއެވެ. ފުރަތަމަ ހުށަހެޅުމަކަށް ބައިވެރިން ހުށަހެޅީ ޝޯގެ ފަނޑިޔާރު އައްފާންގެ ޗޮއިސްގެ ލަވައެކެވެ. ދެވަނައަށް ބައިވެރިން ހުށަހެޅީ އެކޯސްޓިކް ލަވަތަކެވެ.

comment ކޮމެންޓް