އިމްރާން އިސްތިއުނާފު މައްސަލައިގެ ހުކުމް މާދަމާ

ޝެއިހު އިމްރާން އަބްދުﷲ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޖަލަށް ގެންދަނީ --- ސަން ފައިލް ފޮޓޯ

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނު އަބްދުﷲގެ މައްޗަށް ކޮށްފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލާގައި ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި "މޭޑޭ" މުޒާހަރާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ އަހަރު ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ފަސް އަޑުއެހުމެއް ބޭއްވި އެވެ. އެ މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފައި ވަނީ މާދަމާ 10:45 އަށެވެ.

މިހާރު ގޭބަންދުގައި ހުންނަވައިގެން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެނދަވާ އިމްރާނުގެ ފަރާތުން ހައި ކޯޓުގައި ޖުމްލަ 12 ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ. އެ ނުކުތާތަކާ ގުޅިގެން އިސްތިއުނާފު މަރުހަލާގައި ތަފްސީލުކޮށް ވަނީ ފާހަގަކޮށްފަ އެވެ.

އިމްރާނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފައިވާއިރު އިމްރާން ވަނީ އިދިކޮޅު ތިން ލީޑަރުންނާ ގުޅިގެން ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ.

comment ކޮމެންޓް