ޑީޑޮސް ހަމަލާތަކުން ރައްކާތެރިވުމަށް ސަރުކާރުން ދަނީ ބޭރުގެ އެހީ ހޯދަމުން: އަޝްމަލީ

ދިރާގުގެ 28 ވަނަ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ ޗެއާމަން، އަދި އެންސީއައިޓީ ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު އަޝްމަލީ (ކ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޓަނެޓަށް ދިމާވާ ޑިސްޓްރިބިއުޓެޑް ޑިނަޔަލް އޮފް ސާވިސް (ޑީޑޮސް) އެޓޭކުތަކުން ރައްކާތެރިވުމަށް ބޭރުގެ ދެ ގައުމެއްގެ ފަރާތްތަކުގެ އެހީ ސަރުކާރުން ހޯދަމުންދާ ކަމަށް ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިސްކޮށް ބަލަހައްޓަވާ، ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދެމުން ދިޔަ ޑީޑޮސް ހަމަލާތަކުގެ ތެރެއިން، ރާއްޖެއަށް ވެސް ވަނީ ހަމަލާތައް އައިސްފައެވެ. އެގޮތުން ދިރާގާއި އުރީދޫ ފަދަ އިންޓަނެޓު ސާވިސް ޕްރޮވައިޑާތަކުގެ ޚިދުމަތަށް ވަނީ ބުރޫ އަރައިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ދިރާގު ޕލކގެ ޗެއާމަންކަން ވެސް ކުރައްވާ އަޝްމަލީ ވިދާޅުވީ ޑީޑޮސް ހަމަލާތަކާ ގުޅިގެން ސައިބާ ސެކިއުރިޓީ އަދި އެމްއެންޑީއެފް ގުޅިގެން ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށެވެ.

"ޑީޑޮސް އެޓޭކްސް އަންނަނީ އެކި ޕެޓާނަށް. ދެން އަޅުގަނޑުމެންގެ ޓްރެފިކުތައް ބްލޮކު ކުރަނީ. މިއީ ހަމައެކަނި ރާއްޖެއަށް ދިމާވެގެން އުޅޭ ކަމެއް ނޫން،"

އަޝްމަލީ ވިދާޅުވީ ޑީޑޮސް އެޓޭކުތަކުގެ އަސަރު ރާއްޖޭގައި ބޮޑުވަނީ ރާއްޖޭގައި އިންޓަނެޓުގެ ރައުޓާ ނުވަތަ ސްވިޗުތަކުގެ ކެޕޭސިޓީ ކުޑަވީމަ ކަމަށެވެ. އަދި ޑީޑޮސްއަކީ އަބަދާއި އަބަދު ދިމާވަމުން އަންނަ މައްސަލައެއްކަން އަޝްމަލީ ފާހަގަކުރެއްވިއެވެ.

"ސައިބަ ސެކުއިރިޓީއާ ފަޔަވޯލްސް އިންކްރީސްކޮށް، ވަރުގަދަކޮށް ޑީޑޮސް ޕެޓާންތައް ދަސްކޮށް އެންޓިވައިރަސްވެސް އަޕްޑޭޓު ކުރަމުންދާ ވަރަކަށް އެޓޭކުތައް ވެސް އަންނާނެ އެކި ޕެޓާންތަކަށް،"

އަޝްމަލީ ވިދާޅުވީ މިކަމަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުން ސިންގަޕޫރާއި އެމެރިކާގެ ކުންފުންޏެއްގެ އެހީގައި، ޑީޑޮސް ހަމަލާތައް ހުއްޓުވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ދިރާގުން ވެސް ސައިބަރ ސެކުއިރިޓީގެ ކަންކަން ކުރުމަށް ބޭރުގެ ފަރާތެއްގެ އެހީގައި ފިޔަވަޅު އަޅަމުންދާ ކަމަށް އަޝްމަލީ ވިދާޅުވިއެވެ.

comment ކޮމެންޓް