ފައިދާއިން ހިއްސާއަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ އިން ހުށަހަޅަނީ

މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: މިއަހަރު ޖަލްސާގައި ހިއްސާއަކަށް 51 ރުފިޔާ ބަހަން ހުށަހަޅަން އެސްޓީއޯގެ ބޯޑުން ވަނީ ނިންމާފައި --- ސަން ފައިލް ފޮޓޯ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 2016 ވަނަ އަހަރު ލިބުނު ފައިދާއިން ޑިވިޑަންޑްގެ ގޮތުގައި ހިއްސާއަކަށް 51 ރުފިޔާ ބަހަން ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

އަންނަ މެއި މަހު ބާއްވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް އެ އަދަދު ހިއްސާއަކަށް ބަހަން ނިންމީ މިދިޔަ އަންގާރަ ދުވަހު ބޭއްވި އެސްޓީއޯގެ ޑިރެކްޓަރުންގެ ބައްދަލުވުމެއްގަ އެވެ. އަހަރީ ޖަލްސާ ބާއްވާނީ މެއި މަހުގެ ސީދާ ކޮން ތާރީހެއްގައި ކަމެއް އެސްޓީއޯ އިން އަދި ހާމައެއް ނުކުރެ އެވެ.

އެސްޓީއޯއަކީ ދައުލަތުގެ 81.63 ޕަސަންޓު ހިއްސާ، އަދި އާންމުންގެ 18.37 ޕަސަންޓު ހިއްސާ އޮންނަ، ދައުލަތުގެ ވިޔަފާރި ކުންފުންޏެވެ.

ހިއްސާ ބަހަން ހުށަހަޅާނެ އަދަދު ނިންމާފައިވާ އިރު، އެސްޓީއޯ އިން މީގެ ކުރިން ބުނެފައި ވަނީ އަހަރީ އާންމު ޖަލްސާއަށް ހާޒިރުވެވޭނީ، އަދި މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ހިއްސާގެ ފައިދާ ލިބޭނީ، މިހިނގާ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12ގެ ކުރިން، ހިއްސާގެ މުއާމަލާތް ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އެސްޓީއޯއަށް ނިމިދިޔަ 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 301.5 މިލިޔަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 30 ޕަސަންޓުގެ ދަށްވުމެކެވެ.

މިދިޔަ އަހަރު ބޭއްވި އެސްޓީއޯގެ 2015 ވަނަ އަހަރުގެ އާންމު ޖަލްސާގައި، ހިއްސާއަކަށް ފައިދާގެ ގޮތުގައި ބެހުމަށް ނިންމީ 57 ރުފިޔާ އެވެ.

comment ކޮމެންޓް