އިލެކްޝަންސް އިން ފައިސާ ދޫނުކުރަން ނިންމާފައި އޮތް ދެ ޕާޓީ އަކަށް ފައިސާ ދިނުމަށް ހުކުމްކޮށްފި

ސިޔާސީ ހަރަކާތްތައް ނުހިންގާތީ އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫނުކޮށް ހިފަހައްޓާފައިވާ ޕީޕަލްސް ޕާޓީ )ޕީޕީ( އާއި މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ )އެމްއެސްޑީޕީ( އަށް ހަތް ދުވަހުގެ ތެރޭ ފައިސާ ދޫކުރުމަށް ސިވިލް ކޯޓުން އެކޮމިޝަނުގެ މައްޗަށް މިއަދު ހުކުމްކޮށްފި އެވެ.

ޕީޕަލްސް ޕާޓީންނާއި އެމްއެސްޑީޕީން ސިވިލް ކޯޓަށް ހުށެހެޅި މައްސަލަ ބެއްލެވުމަށް ފަހު ގާޒީ މަރިޔަމް ނިހާޔަތު އިއްވެވި ހުކުމްގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީތަކަށް ދިނުމަށް ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިސާ ގާނޫނާއި ގަވައިދުގައިވާ ގޮތުގެ މަތިން ބެހުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ޕީޕީ އާއި އެމްއެސްޑީޕީ އަކީ ސިޔާސީ ޕާޓީއެއް ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ދެ ޕާޓީ ކަމަށްވާތީ، ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ދިނުމަށް ހުރަހެއް ނެތް ކަމަށް ވެސް ހުކުމްގައިވެ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ ދަށުން ފިނޭންސް މިނިސްޓްރީން އިލެކްޝަންސް އަށް އެ އަހަރެއްގެ ބަޖެޓު ދޫކުރާތާ، ސަރުކާރު ބަންދު ނޫން ފުރަތަމަ 10 ދުވަހުގެ ތެރޭގައި "އެ ފައިސާ ސިޔާސީ ޕާޓީތަކަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްވެގެންވާ" ކަމަށެވެ. އަދި އެކަމުގައި އެކޮމިޝަނުގެ "އިހުތިޔާރަށް ކަމެއް ދޫކޮށްފައިވާ ކަމަށް ބެލެން ނެތް" ކަމަށް ވެސް ހުކުމްކޮށްފައިވެ އެވެ.

އިލެކްޝަންސް އިން އެ ފައިސާ ދޫނުކޮށް ހިފެހެއްޓީ އެމްއެސްޑީޕީ އާއި ޕީޕަލްސް ޕާޓީން އަސާސީ ގަވައިދުގައިވާ މަގުސަދުތައް ހާސިލްވާ ގޮތަށް ސިޔާސީ ހަރަކާތްތައް އެކަށީގެންވާ ވަރަށް ހިންގައިފައި ނެތުމުން ކަމަށް ބުނެފައިވާ ނަމަވެސް، ޕާޓީތަކުން މަސައްކަތް ކުރަނީ ޕާޓީތަކުގެ އަސާސީ ގަވާއިދުގައިވާ މަގްސަދުތައް ހާސިލުވާނެހެންތޯ ބެލުމަކީ އިލެކްޝަންސްގެ ޒިންމާއެއް ނޫން ކަމަށް ވެސް އެހުކުމްގައިވެ އެވެ.

އެހެންކަމުން، ސިޔާސީ ޕާޓީތަކަށް ފައިސާ ބެހުމުގައި ޕާޓީތަކުގެ ގަވައިދުގައި ބަޔާންކޮށްފައިވާ "ކަންކަމުގެ ބޭރުން ނުވަތަ އެކަންކަމުގެ އިތުރުން އެޕާޓީތަކުގެ އޮޑިޓް ރިޕޯޓަށް ބަލައި ނުވަތަ އެނޫން ކަމަކަށް ވެސް ބަލައި ފައިސާ ދިނުމުގައި އިތުރު ޝަރުތުތަކެއް އެކަށައެޅުމުގެ ބާރު" ގާނޫނުން ލިބިފައިނުވާ ކަމަށް ވެސް ހުކުމްކޮށްފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު