އިންޑިއާގައި މުޒާހަރާ ކުރަމުން ދިޔަ ބައެއްގެ ގައިގައި ލޮރީއަކުން ޖެހި، 20 މީހަކު މަރުވެއްޖެ

އަންދުރަ ޕްރަދޭޝްގައި ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އާއިލާތަކުން ހިތާމަ ފާޅު ކުރަނީ -- ފޮޓޯ: އޭއެފްޕީ

ދިއްލީ (އޭޕްރިލް 22): އިންޑިއާގެ ދެކުނުގައި އޮންނަ އަންދުރަ ޕްރަދޭޝްގައި މުޒާހަރާ ކުރަމުން ދިޔަ ދަނޑުވެރިންތަކެއްގެ ތެރެއަށް، ލޮރީއެއް ވެއްދުމާ ގުޅިގެން 20 މީހަކު މަރުވެއްޖެ އެވެ.

އެހާދިސާ ހިނގީ ޗިއްތޫރު ޑިސްޓްރިކްޓުގެ ޕޮލިސް ސްޓޭޝަނެއްގެ ކުރިމަތީގައި، ގާނޫނާ ހިލާފަށް ވެލި ނެގުމާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިނގީ ލޮރީގެ ޑްރައިވަރަށް އެ އުޅަނދު ކޮންޓްރޯލު ނުކުރެވުމުގެ ސަބަބުންނެވެ. ނަމަވެސް އާއްމުން ބުނާ ގޮތުގައި މުޒާހަރާ ތެރެއަށް ލޮރީ ވެއްދީ ގަސްތުގަ އެވެ.

އަންދުރަ ޕްރަދޭޝްގެ އޮފިޝަލުން ވަނީ އެހާދިސާ ތަހުގީގު ކުރުމަށް އަންގާފަ އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި ބާރު ސްޕީޑުގައި ދިޔަ އެ ލޮރީ މުޒާހަރާ ތެރެއަށް ވަނީ ކާރެއްގައި ޖެހި، ކަރަންޓު ހޮޅިއެއްގައި ޖެއްސުމަށް ފަހުގަ އެވެ.

އެ ހާދިސާގައި އަނިޔާވުމުގެ ސަބަބުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ލޮރީ ދުއްވަން ހުރި މީހާ ވެސް ހިމެނޭ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އަންދުރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އެން ޗަންދުރަބާބޫ ނައިދޫ ވަނީ މަރުވި މީހުންގެ އާއިލާތަކަށް 500،000 ރުޕީސް (7،739 ޑޮލަރު) ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާ އަކީ މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކުގެ ސަބަބުން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވާ ގައުމެވެ. އެގައުމުގެ އެފަދަ އެކްސިޑެންޓުތަކުގެ ސަބަބުން ދުވާލަކު 400 އަށް ވުރެ ގިނަ މީހުން މަރުވެ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް