އައްޑޫ އިންވެސްޓާސް ފޯރަމް މާދަމާ ބާއްވަނީ

އައްޑޫ ސިޓީ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖު: އައްޑޫ އިންވެސްޓާސް ފޯރަމް ބާއްވާނީ އީކުއޭޓާ ވިލެޖުގައި --

އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން އައްޑޫގެ މެދު ފަންތީގެ ޓޫރިޒަމަށް ބެޑް ކެޕޭސިޓީ އިތުރުކޮށް، ޓޫރިޒަމް ދާއިރާ ފުޅާކުރެވޭނެ ގޮތްތައް ފަހިކުރުމުގެ ގޮތުން ބާއްވާ އައްޑޫ އިންވެސްޓާސް ފޯރަމް މާދަމާ ބާއްވާ ގޮތަށް މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ހަމަޖައްސައިފިއެވެ.

އައްޑޫ އިންވެސްޓާސް ފޯރަމް ފަށާނީ މާދަމާ ހެނދުނު 10:00ގައި އައްޑޫ ސިޓީ ގަމުގައި ހުންނަ އީކްއޭޓަ ވިލެޖްގައެވެ. މާދަމާ ހަވީރު 16:00 އާ ހަމައަށް ފޯރަމް ކުރިއަށް ގެންދާނެ އެވެ.

އެމްއައިޓީޑީސީގެ ޑިރެކްޓާ ބިޒްނަސް ޑިވެލޮޕްމެންޓް މުހައްމަދު ހަމްޒީލް ވިދާޅުވީ ފޯރަމުގައި 150 އަށްވުރެ ގިނަ ކުންފުނިތަކުން ބައިވެރިވާނެ ކަމަށާއި، ފޯރަމުގެ ތެރެއިން އައްޑޫ ސިޓީ ގެސްޓްހައުސް ޕްރޮޖެކްޓުވެސް އިއުލާން ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މި ފޯރަމްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ބައިވެރިވާނެ ކަމަށް އެމްއައިޓީޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ބޭންކުތަކާއި ޓޫރިޒަމް ދާއިރާގެ ހަރަކާތްތެރިވާ މީހުން ހިމެނެ އެވެ.

މިއީ އެމްއައިޓީޑީސީ ވުޖޫދަށް އައި ފަހުން މިވީ ކުރު މުއްދަތުގައި އެކުންފުނިން ބާއްވާ ފުރަތަމަ އިވެންޓެވެ.

ކުންފުންޏާ ބެހޭ ގާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި އެމަނިކުފާނު އުފެއްދެވި އެ ކުންފުނީގެ މަގްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުން މުޖްތަމައަށް ކުރާ މަންފާ ފުޅާ ކުރުމެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސީދާ ގޮތުން ބައިވެރިވުމަށް މިހާރަށް ވުރެ ބޮޑަށް މަގުފަހިކޮށްދިނުން ވެސް މި ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ހަމަ އެއާ އެކު ސަރުކާރުން ތައާރަފުކޮށްފައިވާ މެދުފަންތީގެ ފަތުރުވެރިކަން ކަމުގައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް މަޝްރޫއު ދިވެހިރާއްޖެއަށް ތައާރަފު ކުރުން ވެސް މި ކުންފުނީގެ މަގްސަތުތަކުގެ ތެރޭގައި ހިމެނެއެވެ.

comment ކޮމެންޓް