ގައުމީ ޔުނިވާސިޓީގެ "ފަހި ދުވަސް" މިރެއާއި މާދަމާ

ގައުމީ ޔުނިވާސިޓީ އިން މިއަދު ފެށި "ފަހި ދުވަސް"ގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޔުނިވާސިޓީން ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ޔުނިވާސިޓީއާ ބެހޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "ފަހި ދުވަސް" ފަށައިފި އެވެ.

ރަތްދެބައި ހިނގުމުގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ފެށި އެ ފެއާ ހުޅުވައިދެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ފަވާޒު ޝަރީފެވެ.

މިއަދު ފެށި ފަހި ދުވަހާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ރިސާޗް އެންޑް އިނޮވޭޝަން އާއިޝަތު ޝާހީން ވިދާޅުވީ، ފެއާގައި ޔުނިވާސިޓީގެ ނުވަ ފެކަލްޓީ އާއި ތިން ސެންޓަރުގެ އިތުރުން ދަރިވަރުންނާ ގުޅުންހުރި ދެ ސްޓޯލްއެއް ހުންނާނެ ކަމަށެވެ.

ގައުމީ ޔުނިވާސިޓީ އިން މިއަދު ފެށި "ފަހި ދުވަސް"ގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޔުނިވާސިޓީގެ ފަހި ދުވަސް ކުރިއަށް ދާނީ ސެންޓަލް އެޑްމިނިސްޓްރޭޝަންގައި މިރޭގެ 8:00 އިން 10:00 އަށް އަދި މާދަމާގެ ހަވީރު 4:00 އިން 6:00 އަށެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ފަހި ދުވަހުގައި ވެސް ސެޓްފިކެޓްތައް އެޓެސްޓް ކޮށްދިނުމާއި ކޯސްތަކަށް ވަންނަން އެދޭ ކުދިންގެ ފޯމް ފުރައިދީ، ފޯމް ބަލައިގަތުމުގެ ހިދުމަތުގެ އިތުރުން، ޔުނިވާސިޓީގެ ފެކަލްޓީތަކުގެ ކޯސްތަކާ ގުޅޭ ގޮތުން ލެކްޗަރު ސެޝަންތަކެއް މާދަމާ ހަވީރު ކުރިއަށްދާނެ ކަމަށް ޔުނިވާސިޓީން މައުލޫމާތުދެއެވެ.

ގައުމީ ޔުނިވާސިޓީގެ ޖުލައި މަހު 65 ކޯހެއް ފެށުމަށް ހަމަޖެހިފައިވާއިރު، އެ ކޯސްތަކަށް 3171 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ގައުމީ ޔުނިވާސިޓީ އިން މިއަދު ފެށި "ފަހި ދުވަސް"ގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ފައުންޑޭޝަން ލެވެލް ދޭއްގެ 380 ޖާގަ އާއި ސެޓްފިކެޓް ލެވަލް 3، 4 އަދި އެޑްވާންސް ސެޓްފިކެޓް ލެވަލްގެ 1056 ޖާގަ އާއި ޑިޕްލޮމާ އަދި އެޑްވާންސް ޑިޕްލޮމާ ލެވަލްގެ 145 ޖާގަ އެވެ. އޭގެ އިތުރުން ބެޗްލާސް ޑިގްރީގެ 810 ޖާގަ އާއި މާސްޓާސް ޑިގްރީގެ 215 ޖާގައިގެ އިތުރުން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ލެވަލްގެ 20 ޖާގައެއް ޖުލައި މަހަށް ވަނީ ހުޅުވާލާފައެވެ.

އެ ކޯސްތައް މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި، އަދި ލ. ގަމުގައި ހުންނަ ޔުނިވަސިޓީގެ ކެމްޕަސްތަކުންނާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަމުންދާ އައުޓްރީޗް ސެންޓަރުތަކުގައި ހިންގަން ނިންމާފައިވާއިރު، އައުޓްރީޗް ސެންޓަރުތަކުން ތަފާތު އެކި ދާއިރާތަކުން ހިންގާ ކޯސްތަކުން 430 ޖާގަ ވެސް ވަނީ ހުޅުވާލާފައެވެ.

ގައުމީ ޔުނިވާސިޓީ އިން މިއަދު ފެށި "ފަހި ދުވަސް"ގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވައިސް ޗާންސެލަރު ޝާހީން ވިދާޅުވީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެންޓްރީ ކްރައިޓީރިއާ ތަފާތުވުމުން މިއަހަރު ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތަކަށް ވަނުމަށް ބޭނުންވާ ޝަރުތުތަކަށް ތަފާތުތަކެއް އައިސްފައި ހުންނާނެ ކަމަށެވެ.

އެގޮތުން، އޯލެވެލް ސަނަދު އޮވެގެން ބައިވެރިވެވޭ ޑިޕްލޮމާ ފެންވަރުގެ ބައެއް ކޯސްތަކުގައި ބައިވެރިވެވޭނީ މިހާރު އޭލެވެލް ސަނަދު އޮވެގެން ކަމަށް ޝާހީން ވިދާޅުވިއެވެ.

ނަމަވެސް ގައުމަށް މުހިއްމު އަދި ޑިމާންޑް އޮންނަ ބައެއް ދާއިރާތަކުގެ ތެރޭގައި ހިމެނޭ ހެލްތު ސައިންސް އަދި ނަރުހުންގެ ޑިޕްލޮމާ ކޯސްތަކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އޯލެވެލް ފެންވަރު ހުންނަ ކުދިންނަށް ވެސް އެ ކޯސްތަކަށް ކުރިމަތިލެވޭ ގޮތަށް ހަދާނެ ކަމަށް ޝާހީން ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީ އިން މިއަދު ފެށި "ފަހި ދުވަސް"އާ ގުޅޭގޮތުން ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޝާހީން މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

comment ކޮމެންޓް