ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ގާސިމްގެ ބަންދަށް 15 ދުވަސް ޖަހައިފި

އިހްތިޝާމް މުހައްމަދު
ލިޔުނީއިހްތިޝާމް މުހައްމަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ގާސިމްގެ ބަންދަށް 15 ދުވަސް ޖެހީ މިއަދު ހަވީރު 4:15 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހުއެވެ. ބަންދާމެދު ގޮތެއް ނިންމުމަށްފަހު މިހާރު ގާސިމް ވަނީ އަނެއްކާވެސް ދޫނިދޫ އަށް ގެންގޮސްފައެވެ.

މީގެކުރިން ފުލުހުން ގާސިމް ހައްޔަރުކުރީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލައިގައި ގާސިމްގެ މައްޗަށް ވަނީ، ތިން ދައުވާއެއް އުފުލައިފައެވެ. ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝަވަތުދޭން އުޅުނު ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

މިފަހަރު ގާސިމް ހައްޔަރުކުރީ އެހެން މައްސަލައެއްގައެވެ. އެއީ 42 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްޓަކައި ސޮއި ހޯދުމަށް އެކި މެމްބަރުންނަށް އެކި ގޮތްގޮތުން ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކޮށެވެ.

ގާސިމްގެ ބަންދުގެ ޝަރީއަތަށްފަހު އޭނާގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ ދީދީ ވިދާޅުވީ، ފުލުހުން އެދިފައި ވަނީ، 15 ދުވަހުގެ މުއްދަތަށް ގާސިމް ހައްޔަރުގައި ބަހައްޓައި ދިނުމަށެވެ. އަދި ޕީޖީން ވެސް ފުލުހުން އެދުނު ގޮތަށް 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްދިނުމަށް ގާޒީގެ ކިބައިން އެދިލެއްވި ކަމަށް މާރިޔާ ވިދާޅުވި އެވެ. ދައުލަތުން އެދުނު ގޮތަށް ގާޒީ ވަނީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދީފަ އެވެ. އަދި އެ އަމުރަކީ ރަނގަޅު އަމުރެއް ކަމަށް ގާޒީ ވިދާޅުވެފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
DB released.