ސެމީގައި ޔުނައިޓެޑާ ދެކޮޅަށް ސެލްޓާ، ލިޔޯންއާާ ދެކޮޅަށް އަޔެކްސް

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އަންޑާލެހްޓާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: ސެމީއަށް ޔުނައިޓެޑް ދަތުރުކުރީ 3-2 ލަނޑުގެ އެގްރިގޭޓުން އަންޑާލެޚްޓް ބަލިކޮށްގެން --- ފޮޓޯ/ އޭޕީ

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި އިނގިރޭސިވިލާތުގެ ކާމިޔާބު ކްލަބު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ސްޕެއިންގެ ސެލްޓާ ވިގޯ ނުކުންނަން ޖެހޭއިރު، ފްރާންސްގެ ލިޔޯންއާ ދެކޮޅަށް ނެދަލެންޑްސްގެ އަޔެކްސް ނުކުންނަން ޖެހިއްޖެއެވެ.

ޔޫރޮޕާ ލީގުގެ ސެމީގައި ވާދަކުރަން ޖެހޭ ޓީމުތައް ކަށަވަރުވީ މިއަދު މެންދުރުފަހު ނެގި ގުރުނެގުމުގެ ރަސްމިއްޔާތަށްފަހުއެވެ.

ޔޫރޮޕާ ލީގުގެ ސެމީން ޔުނައިޓެޑް ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 3-2 ލަނޑުގެ އެގްރިގޭޓުން ބެލްޖިއަމްގެ އަންޑަލެޚްޓްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގު މެޗު އަދި ދެވަނަ ލެގު މެޗުގެ ފުރިހަމަ ވަގުތު ވެސް 1-1 ލަނޑުން އެއްވަރުވެފައިވުމުން ރޭ ކުޅުނު މެޗުގައި ނަތީޖާ ނެރެން ޖެހުނީ 30 މިނެޓްގެ އިތުރު ވަގުތު ކުޅެގެންނެވެ. ސެމީއަށް ޔުނައިޓެޑް ދަތުރުކުރީ އިތުރު ވަގުތުގެ ތެރޭގައި މާކަސް ރަޝްފާޑް ކާމިޔާބުކުރި ލަނޑުންނެވެ.

ޔޫރޮޕާ ލީގުގެ ސެމީގައި ޔުނައިޓެޑާ ދެކޮޅަށް ނުކުންނަންޖެހޭ ސެލްޓާ ވިގޯ ވަނީ ކުއާޓާގައި 4-3 ލަނޑުގެ އެގްރިގޭޓުން ބެލްޖިއަމްގެ ގެންކްގެ މައްޗަށް ކުރި ހޯދައިފައެވެ.

ސެމީއަށް އަޔެކްސް ދަތުރުކުރީ 4-3 ލަނޑުގެ އެގްރިގޭޓުން ޖަރުމަންގެ ޝާލްކޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަޔެކްސްއާ ދެކޮޅަށް ސެމީގައި ނުކުންނަންޖެހޭ ލިޔޯން ވަނީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ތުރުކީގެ ބެސިކްޓާސް އަތުން މޮޅުވެފައެވެ.

ޔޫރޮޕާ ލީގުގެ ސެމީގެ ފުރަތަމަ ލެގު މެޗުތައް އަންނަ މަހުގެ 4 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ލެގު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ. ފުރަތަމަ ލެގު މެޗުގައި ރަށުން ބޭރުގައި ސެލްޓާއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނަންޖެހޭއިރު، ރަށުން ބޭރުގައި އަޔެކްސްއާ ދެކޮޅަށް ލިޔޯން ނުކުންނާނެއެވެ.

comment ކޮމެންޓް