ކަރަންޓަށް ޖެހުނު ދުވަސްވަރު ތިނަދޫއަށް ލިބުނު އެހީ ފިޔޯރީއަށް

ތިނަދޫއިން ފިޔޯރީއަށް ފޮނުވާ ބައެއް ތަކެތި --

ތިނަދޫގެ އިންޖީނުގޭގައި ރޯވެ، އެރަށުން ކަރަންޓު ކަނޑައިގެން ދިއުމާ ގުޅިގެން އެކި ފަރާތްތަކުން އެހީގެ ގޮތުގައި ފޯރުކޮށްދިން ތަކެތީގެ ތެރެއިން ބައެއް ތަކެތި ފިޔޯރީއަށް ފޮނުވަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

އެރަށު ކައުންސިލް މެމްބަރު ގުސައްޔު އަބްދުﷲ ވިދާޅުވީ ފިޔޯރީގައި މިއަދު ހިނގި ހާދިސާއާ ގުޅިގެން އެރަށުން ކަރަންޓު ކަނޑައިގެން ގޮސްފައިވާތީ، ތިނަދޫއަށް ދިމާވި ކަރަންޓުގެ ކާރިސާގައި އެހީގެ ގޮތުގައި ލިބިފައި ހުރި ބައެއް ތަކެތި ފިޔޯރީއަށް ފޯރުކޮށްދޭން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުގެން ކައުންސިލުގެ ބެލުމުގެ ދަށުގައި އެހީގެ ގޮތުގައި ލިބިފައި ހުރި މަދިރި ލޯޝަނާއި ބެޓަރި ފަންކާ އަދި ކޭންޑްލްސް މި ފޯރުކޮށްދެނީ. މިހާރު ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ އެއްޗެއް އެބަ ފޮނުވަން،" ގުސައްޔު ވިދާޅުވިއެވެ.

ތިނަދޫއިން ފިޔޯރީއަށް ފޮނުވާ ބައެއް ތަކެތި --

އެރަށު ކައުންސިލްގެ މެމްބަރު ސައުދު އަލީ ވިދާޅުވީ އެހީގެ ގޮތުގައި ފޮނުވާ ތަކެތި އެރަށަށް ފޯރުކޮށްދިނުމުގެ ގޮތުން މިހާރު ލޯންޗަށް ބަރުކޮށްފައިވާ ކަމަށެވެ. އަދި އިރުކޮޅެއް ތެރޭގައި ފިޔޯރީއަށް ދާން ފުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތިނަދޫއިން ފިޔޯރީއަށް ފޮނުވާތަކެތީގެ ތެރޭގައި 63 ބެޓަރި ފަންކާ އާއި މަދިރި ލޯޝަންގެ ނުވަ ކޭހާއި މަދިރި ދުންދަނޑީގެ ތިން ކޭހާއި 29 ކޭސް އުއްބައްތި އާއި 19 ފޮށީގެ އުއްބައްތި ހިމެނެއެވެ.

ތޭރަސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ގދ. ފިޔޯރީގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ މިއަދު ހުކުރު ވަގުތު އެވެ. އެ ހާދިސާގައި ފިހިގެން އެ ރަށު ޗިޗަންޑާގޭ، 26، ނާޒިދު އަބްދުﷲ ވަނީ ނިޔާވެފައެވެ.

އެރަށުން މައުލޫމާތު ދިން އޮފިޝަލް ބުނިގޮތުގައި ބޮޑަށް ބެލެވޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އިންޖީނެއްގެ ބެޓެރި ގޮވައިގެންނެވެ. އަލިފާން ނިއްވާލީ ގަޑިއެއްހާއިރުގެ މަސައްކަތުންނެވެ.

comment ކޮމެންޓް