މުވައްޒަފު ފިހިގެން މަރުވިއިރު އިންޖީނުގޭގައި އަލިފާން ނިއްވޭނެ ގޮޮތެއް ނެތް!

ނާޒިދު މަރުވި ހާދިސާ ހިނގި އިންޖީނުގޭ-- އެއިންޖީނުގެއަށް މާ ބޮޑެތި ގެއްލުންތަކެއްނުވޭ-- ފޮޓޯ: ފޭސްބުކް

ގދ. ފިޔޯރީ އިންޖީނުގޭ އިންޖީނެއްގެ ބެޓެރި ގޮވައި ފިހިގެން މީހަކު މަރުވިއިރު އެތަނުގައި އަލިފާން ނިއްވޭނެ ވަސީލަތެއްނެތް ކަމަށް އެއިންޖީނުގޭ އިސްވެރިއަކު ބުނެފި އެވެ.

މިއަދު ހުކުރު ވަގުތު އެއިންޖީނުގޭ ބެޓެރިއެއް ގޮވައި ހިނގި ހާދިސާގައި މަރުވެފައި ވަނީ އެރަށު ޗިޗަންޑާގޭ، 26، ނާޒިދް އަބްދުﷲ އެވެ.

އެއިންޖީނުގޭގައި މަސައްކަތްކުރާ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވީ އެހާދިސާ ހިނގީ ދެ ގޮވުމެއް ގޮވުމަށް ފަހު ކަމަށާއި ހުކުރުން ފައިބައިގެން މީހުން ދިޔައިރު ނާޒިދު ހުރީ އިންޖީނުގޭގައި ރޯވެފައިވާ އަލިފާންގަނޑު ތެރޭގައި "އަނދައަނދާ" ކަމަށެވެ.

ގދ. ފިޔޯރީ އިންޖީނުގޭގައި މިއަދު އަލިފާންރޯވެ އަނދާފައި --- ފޮޓޯ: ފޭސްބުކު

"އޭރުވެސް ބަޔަކު ދިޔައީ ފެން ޖަހަމުން، އަލިފާން ގަނޑު ނިއްވާލެވުނީ ވެލި ޖަހައިގެން، ދެން ސުކޫލުން ގެނައީ އަލިފާން ނިއްވާ ފުޅިއެއް، މީހުން އެތެރެއަށް ވަތްއިރު ނާޒިދު އޮތީ ފިހިފައި ވެއްޓި، އޭރު ނޭވާލާ، ބޭރަށް ނެރުމާ އެކު މަރުވެއްޖެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއިންޖީނުގޭގައި އަލިފާން ނިއްވާ ނިޒާމެއް ނުހުރެ އެވެ. އެނިޒާމް ގާއިމްކޮށްދިނުމަށް އެތައް ފަހަރަކު އެދިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު އެއިންޖީނުގޭގައި 800 ލީޓަރު ޑީސަލް ހުއްޓެވެ. އަލިފާން ނިއްވޭނެ ގޮތެއް ނެތްއިރު އެއިންޖީނުގޭ ހުންނަނީ މީހުން ދިރިއުޅޭ ގެތަކެއް ކައިރި ސަރަހައްދެއްގަ އެވެ. އިންޖޫނުގޭ ކުޑަވުމުން ބެޓެރީ ސެޓާއި އިންޖީނާއި ދޭތެރޭ ހުންނަނީ ކުޑަ ޖާގައެއްކަމުން މައްސަލައެއް ދިމާވެގެން ހައްލުކުރަން އުޅޭއިރު ނުރައްކާ ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޖީނުގޭ އޮފިޝަލް ވިދާޅުވީ ބޮޑަށް ބެލެވޭގޮތުގައި އިންޖީނުގެ ބެޓެރި ޝެޓް ގޮވީ ލޯޑް ބޮޑުވެގެންނެވެ. އެރަށުގައި ބޭނުން ކުރަމުން އަންނަނީ 250 ކިލޯ ވޯޓްގެ އެންމެ އިންޖީނަކަށްވާއިރު އެއިންޖީނަށް ވަރަށް ލޯޑް ބޮޑުކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެރަށުގައި މިވަގުތު ކަރަންޓްގެ ހިދުމަތް ވަނީ އެއްކޮށް ކެނޑިފަ އެވެ.

އެރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި މީގެ ފަސް ވަރަކަށް އަހަރު ކުރުން އިންޖީނުގޭ އަޅައި ތައްޔާރުކޮށްފައިވާއިރު އެތަނަށް ބަދަލުވުމަށް ވެސް އެތައް ފަހަރަކު ފެނަކައިގައި އެދިފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނާޒިދު އަކީ ފެނަކައިން ހިނގާ އެއިންޖީނުގޭ ޓެކްނީޝަނެކެވެ. އޭނާ އެވަޒީފާގައި އުޅޭތާ އަދިވީ ތިން ވަރަކަށް އަހަރެވެ. އޭނާ އަކީ އެތަނުގައި މަސައްކަތް ކުރާ އެންމެ ޒުވާން މުވައްޒަފެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ ފިޔޮރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފުރިހަމަ ފިޔަވަޅުތައް އެނގޭނީ ތަހުގީގަށް ފަހު ކަމަށެވެ. ނަމަވެސް މިހާރުން މިހާރަށް ހުރިހާ ރަށެއްގެ އިންޖީނުގެތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް