ހުރިހާ ރަށެއްގެ އިންޖީނުގެތަކުގެ ސަލާމަތީ ފިޔަވަޅު ވަރުގަދަކުރަން ފަށައިފި

ގދ. ފިޔޯރީ އިންޖީނުގޭގައި މިއަދު އަލިފާންރޯވެ އަނދާފައި --- ފޮޓޯ: ފޭސްބުކު

ގދ. ފިޔޯރީ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ރާއްޖޭގެ ހުރިހާ ރަށެއްގެ އިންޖީނުގެތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ ފިޔޮރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފުރިހަމަ ފިޔަވަޅުތައް އެނގޭނީ ތަހުގީގަށް ފަހު ކަމަށެވެ. ނަމަވެސް މިހާރުން މިހާރަށް ހުރިހާ ރަށެއްގެ އިންޖީނުގެތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިންޖީނު ރޫމްތެރޭގައި ހުރި ބެޓަރީތައް އިންޖީނު ރޫމުން ބޭރުގައި ބެހައްޓުން ހިމެނެ އެވެ. އަދި ކޮންޓްރޯލް ރޫމަށް ވެސް ކޮންމެވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމައިފަ އެވެ.

"ކޮންޓްރޯލް ރޫމުން އިންޖީރޫމަށް ވަންނަން ހުންނަ ދޮރުގެ އިތުރުން ކޮންޓްރޯލް ރޫމުން ބޭރަށް ވެސް ދެވޭކަހަލަ ގޮތެއް ހެދުމަށް މިވަނީ ނިންމާފައި. މިކަހަލަ ސަލާމަތީ ފިޔަވަޅުތަކެއް އަޅުގަނޑުމެން މިއަދުން މިއަދަށް އަޅަން ފަށާނަން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ހާދިސާއެއް ދެވަނަ ފަހަރަށް ހިނގާނެ ހުރިހާ ދޮރެއް ބަންދުކުރާނެ ކަމަށެވެ.

މިއަދު ހުކުރު ނަމާދު ކުރިއަށްދަނިކޮށް ފިޔޮރީ އިންޖީނުގޭގެ ޖަނެރޭޓަރުގައި ރޯވި އިރު، ބާރުގަދަ ދެ އަޑެއް ވަނީ ގޮވައިފަ އެވެ.

ޝަރީފް ވިދާޅުވީ ހުކުރު ވަގުތު އިންޖީނުގެތަކުގެ ޑިއުޓީގައި ދެ މުވައްޒަފުން ތިބޭނެ ކަމަށާއި ފިޔޯރީ އިންޖީނުގޭގައި ވެސް މިއަދު ދެ މުވައްޒަފުން ޑިއުޓީގައި ތިބި ކަމަށެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގީ އެއް މުވައްޒަފަކު ބްރޭކް ގަޑިއަށް ބޭރަށް ނުކުތްވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އަލިފާނުގެ ހާދިސާ ހިނގީ ބެޓަރީއެއް ގޮވައިގެން ކަމަށާއި ބެޓަރި ގޮވީ ޑިއުޓީގައި ހުރި މުވައްޒަފު ރީޑިން ނަގަން އިންޖީނު ކައިރިއަށް ދިޔަވަގުތުގައި ކަމަށް ބެލެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ބެޓަރީ ކުދިކުދި ވެފައި ހުރި. ބޮޑަށް ލަފާކުރެވެނީ ރީޑިން ނަގަން އިންޖީނު ކައިރިއަށް ދިޔަ ވަގުތާ ދިމާވީ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލިފާން ރޯވިއިރު ބޭނުންކުރަމުން ދިޔަ ޖަނެރޭޓަރުގައި މައްސަލައެއް ހުރި ކަމަށް އަދި ފާހަގަނުކުރެވޭ ކަމަށާއި ނަމަވެސް ގއ. ދެއްވަދޫން އެރަށަށް ބެކަޕް ޖަނެރޭޓަރެއް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފެނަކައިން މަސައްކަތް ކުރަމުން ދަނީ މިއަދު އިރުއޮއްސުމުގެ ކުރިން އެރަށަށް ކަރަންޓުދެވޭތޯ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

comment ކޮމެންޓް