މާކަސް ރަޝްފަރޑްގެ ލަނޑުން ޔުނައިޓެޑް ސެމީއަށް

މާކަޝް ރަޝްފަރޑްގެ ލަނޑާއެކު އެންޑަލެކްޓް އަތުން ޔުނައިޓެޑް މޮޅުވީ 2-1 (3-2 އެގްރިގޭޓް) ލަނޑުން -- ފޮޓޯ: ބީބީސީ

ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ރޭ، ބެލްޖިއަމްގެ އެންޑަލެކްޓް އަތުން 2-1 (3-2 އެގްރިގޭޓް) ލަނޑުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް އެ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އެޓީމުގެ ޒުވާން ފޯވާޑް މާކަސް ރަޝްފަރޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ރޭ ކާމިޔާބުކުރި ދެ ލަނޑުގައިވެސް އޭނާގެ ހިއްސާބޮޑެވެ.

ރޭގެ އެ މެޗުގެ ފުރަތަމަ ހާފްގެ 10 ވަނަ މިނިޓްގައި ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިން ލަނޑު ހެންރިކް މިކިތާރްޔަން ކާމިޔާބުކޮށްދިނީ ރަޝްފަރޑް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގެ 32 ވަނަ މިނިޓްގައި އެންޑަލެކްޓްގެ ސޯފިއާނޭ ހައްނީ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ 90 މިނިޓް ހަމަވި އިރު ދެޓީމުގެ ނަތީޖާ 1-1 ލަނޑުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު 30 މިނިޓްގެ އިތުރު ވަގުތުގައި ރަޝްފަރޑް ވަނީ ޔުނައިޓެޑަށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިދީ ސެމީގެ ޖާގައެއް އެޓީމަށް ކަށަވަރު ކޮށްދީފައެވެ.

ރޭގެ މެޗުގައި ހޯޒޭ މޮރީނިއޯގެ ޓީމަށް މެޗުގެ ނަތީޖާ ބަދަލުކޮށްލަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިއުމުގެ ސަބަބުން އެޓީމަށް ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވެގެން ދިޔަކަން ފާހަގަކުރެވެއެވެ.

ހަމައެއާއެކު މެޗުގެ 90 މިނިޓް ހަމަވީއިރު، ޑިފެންޑަރު މާކޯ ރޮހޯއާއި ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗަށް އަނިޔާވުމުގެ ސަބަބުން ޕެނަލްޓީ ޝޫޓްއައުޓަކަށް ދާން ޖެހިދާނޭކަމުގެ ބިރު ޓީމަށް ހީވެފައި ވަނިކޮށް، މަރުއާނޭ ފެލައިނީ ތަނަވަސްކޮށްދިން ފުރުސަތަކުން ރަޝްފަރޑް ވަނީ މެޗުގެ 107 ވަނަ މިނިޓްގައި ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ.

ސެމީގައި ޔުނައިޓެޑް ވާދަކުރާން ޖެހޭނީ، ނެދަލޭންޑްގެ އަޔެކްސް، ސްޕެއިންގެ ސެލްޓަ ވީގޯ، ނުވަތަ ފްރާންސްގެ ލިޔޯން މިއިން ކޮންމެވެސް އެއްޓީމަކާއެވެ.

comment ކޮމެންޓް