އެމެރިކާއިން ސިއްރުގައި ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް އީރާނުން ތުހުމަތުކޮށްފި

ތެހެރާން (އެޕްރީލް 21) : އެމެރިކާ އިން ބައިނަލްއަގްވާމީ ޓެރަރިޒަމް ލީޑްކޮށް އެމެރިކާ ސަރުކާރުން ޓެރަރިސްޓުންނަށް ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދެމުން ގެންދާކަމަށް އީރާނުން ތުހުމަތުކޮށްފި އެވެ.

އެމެރިކާއަށް ބަހުގެ ޙަމަލާތައް ދެއްވަމުން އީރާނުގެ ދިފާއީ ވަޒީރު ޖެނެރަލް ޙުސައިން ދަހްޤާން ވިދާޅުވީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ކުރާހާ ވެސް ކަމަކީ ޓެރަރިސްޓް ޖަމާއަތްތަކަށް ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދީ ބައިނަލްއަގްވާމީ ޓެރަރިޒަމް ލީޑްކުރުން ކަމަށާއި އައިއެސް އާއި އަލްގާއިދާ އާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ނުވަނީ އެމެރިކާ އެޖަމާއަތްތަކަށް ސިއްރިޔާތުގައި އެހީތެރިވުމުގެ ސަބަބުން ކަމުގަ އެވެ. އެމެރިކާ ސިފައިން ރޭގަނޑުގެ ވަގުތުތަކުގައި ސިއްރިޔާތުގައި އައިއެސް އަށް ހަތިޔާރު ފޯރުކޮށްދޭ ކަމުގެ މައުލޫމާތު އީރާނުގެ އިތުރުން އިރާގަށް ވެސް އެނގޭ ކަމަށް އީރާނުގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.

އީރާނުން އެމެރިކާގެ މައްޗަށް ޓެރަރިޒަމަށް އެހީތެރިވާ ކަމުގެ ތުހުމަތުކޮށްފައި މިވަނީ އީރާނުން މެދުއިރުމަތީގެ ގައުމުތަކަށް ބާރާއި ނުފޫޒު ހިންގައި މުޅި ސަރައްދު ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވެ އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މާޓީސް ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ. ސައޫދީ މަސްއޫލުވެރިންނާ ރިޔާޒްގައި ބައްދަލުކުރެއްވުމަށް ފަހު އެމެރިކާގެ ދިފާއީ ވަޒީރު ވަނީ އީރާނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފަ އެވެ.

މިއީ އީރާނަކީ ބިރެއްކަމަށް ދައްކައިގެން ސައޫދީ އާއި ގަލްފުގެ ގައުމުތަކަށް ބިލިޔަން ޑޮލަރުން ހަތިޔާރު ވިއްކުމަށް ކުރީއްސުރެ އެމެރިކާ ގެންގުޅޭ ސިޔާސަތުގެ ދަށުން ސައޫދީން ރުއްސުމަށް ދެއްވި ބަޔާނެއްކަމަށް ވަނީ ބެލެވިފަ އެވެ.

އެމެރިކާ އީރާނާ މެދު އާންމު ގޮތެއްގައި ގެންގުޅެނީ އީރާނާދެކޮޅަށް ހަރުކަށި ބަޔާންތައް ދީ އީރާނަކީ ގަލްފުގެ ގައުމުތަކަށް އޮތް ބިރެއްކަމަށް ދައްކައިގެން އެމެރިކާގެ ހަތިޔާރުތައް ގަލްފުގެ ގައުމުތަކަށް ވިއްކުމަށް މަގުފަހިކުރުމުގެ ސިޔާސަތެކެވެ. ނަމަވެސް މިގޮތަށް އީރާނާދެކޮޅަށް އެމެރިކާގެ ވެރިން ހަރުކަށި ބަޔާންތައް ދެއްވާއިރު އެމެރިކާ ސަރުކާރުން ގެންދަނީ ސިއްރިޔާތުގައި އީރާނާ ވާހަކަދައްކައި އީރާނާ ކުރަން ޖެހޭ ހުރިހާ މުއާމަލާތްތަކެއް ކުރަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުންވެސް ގެންގުޅުނީ މިބާވަތުގެ ދެފުއްދެގޮތް ސިޔާސަތެކެވެ. އެމެރިކާގެ ދިފާއީ ވަޒީރު އީރާނާ ދެކޮޅަށް ބަޔާން ދެއްވިއިރު އެމެރިކާގެ ހަރުކަށި ބޭފުޅެއްކަމަށްވާ އދ.ގައި ހުންނަވާ އިންޑިޔާ ދަރިކޮޅުގެ އެމެރިކާގެ ސަފީރާ ނިކީ ހިލީ ވެސްވަނީ ވަރަށް ހަރުކަށި އިބާރާތުން އީރާނަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.

ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ނިކީ ވަނީ ސޫރިޔާ ސަރުކާރަށާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށާއި ޔަމަންގެ ހޫޘީ ޖަމާއަތަށް އީރާނުން ފޯރުކޮށްދޭ ހަތިޔާރަށް ހުރަސްއަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އީރާނާއެކު ދުނިޔޭގެ ބޮޑެތި ބާރުތައް ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުން އަލުން މުރާޖައާ ކުރުމަށްވެސް އަމުރުކުރައްވާފަ އެވެ.

އެމެރިކާ ކުއްލި ގޮތަކަށް އީރާނާ ދިމާމިކޮށްލީ އުތުރުކޮރެޔާއަށް ބިރުދެއްކުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމާ ގުޅިގެންނެވެ. އޭގެކުރިން އެމެރިކާވަނީ ސޫރިޔާއަށާއި އަފްޣާނިސްތާނަށް ހަމަލާތަކެއްދީ އެތަށް ބަޔަކު މަރާލާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް