ކީމޯތެރަޕީ އަށްފަހު ހީވީ އޭލިއަން އެއް ހެން: މަނީޝާ ކޮއިރަލާ

މަނީޝާ ކޮއިރަލާ ---

ކެންސަރަށް ފަރުވާ ކޮށް ނިމުނު އިރު، އަމިއްލަ މީހާ ސިފަވީ އޭލިއަން އެއްގެ ގޮތަށް ކަމަށް ބަތަލާ މަނީޝާ ކޮއިރަލާ ބުނެފި އެވެ.

‘އަގްނީ ސާކްޝީ’، ‘ސައުދާގަރް’، ބޮމްބޭ’، އަދި ‘1942: އަ ލަވް ސްޓޯރީ’ ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ބަތަލާ އަށް ކެންސަރު ޖެހުނީ 2012 ވަނަ އަހަރު އެވެ. ފަރުވާ އަށް ފަހު މަނީޝާ މިހާރު ވަނީ އެ ބަލިން މުޅިން ރަނގަޅު ވެފަ އެވެ.

މަނީޝާ ބުނީ ފަރުވާ އަށް ފަހު މީހާގެ ސިފައަށް ބަދަލު އަންނާނެ ކަން ކުރިން ވެސް އެނގޭ ކަމަށާއި އެހެންކަމުން އެކަމަށް ތައްޔާރުވެގެން ހުރި ކަމަށެވެ.

“އަހަންނަށް އެނގުނު ކެންސަރާ ހަނގުރާ ކުރުމަށް ވަރަށް ބޮޑަށް މީހާ މެންޓަލީ ތައްޔާރުވާން ޖެހޭނެ ކަން. އާއިލާގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނު. ކީމޯތެރަޕީ އަށް ފަހު ބޮލުގެ އިސްތަށްޓާއި، ބުމަ އަދި އެސްފިޔަ ތައް އެކީގައި ދިޔަ. ލޯގަނޑުން ބަލާއިރު އަހަންނަށް ސިފަވީ އޭލިއަން އެން ހެން،” މަނީޝާ ބުންޏެވެ.

ކެންސަރު ބަލިން ރަނގަޅުވެ މަނީޝާ މިވަނީ ފިލްމީ ދާއިރާ އަށް އަލުން ނުކުތުމަށް ތައްޔާރުވެފަ އެވެ. މަނީޝާ އެންމެ އަވަހަށް މަސައްކަތް ފަށާނީ ސަންޖޭ ދަތުގެ ބަޔޮޕިކްގަ އެވެ. އެ ފިލްމުގައި އޭނާ އަދާކުރާނީ ސަންޖޭގެ ދަތުގެ މަންމަ، ނަރްގިސް ދަތުގެ ރޯލެވެ.

މަނީޝާ ބުނީ ފިލްމު އިންޑަސްޓްރީ އިން އޭނާ އަށް ކިޔާފައި ވަނީ ހޫނު މަރުހަބާއެއް ކަމަށާއި، މިހާރު ނަރްގިސްގެ ފިލްމުތައް ބަލައި އޭނާގެ ހިނގުމާއި، ވާހަކަ ދެއްކުމާއި ހިނިތުންވުން ފަދަ ކަންކަން ދަސްކުރަމުން އަންނަ ކަމަށެވެ. އަދި ނަރްގިސްގެ އަންހެން ދަރިފުޅު ޕްރިޔާ ދަތުގެ ކައިރިން ނަރްގިސްގެ ދިރިއުޅުމުގެ ކަންކަން އޮޅުން ފިލުވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

މަނީޝާ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް