"ނުދެއްކޭ ވަރުގެ ލޯނެއް ނުނަގަން"

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ސަން"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަވަށްޓެރި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގެ ފަހު ދުވަސްވަރު، ލަންކާގެ އެކި ސަރަހައްދުތަކުގައި އިންފްރާސްޓްރަކްޗަރުގެ ބޮޑެތި މަޝްރޫއުތަކެއް ކުރިޔަށް ގެންދިޔައީ ބޭރު ގައުމުތަކުން ބޮޑެތި ލޯނުތައް ނަގައިގެންނެވެ. ރަނގަޅަށް ޕްލޭން ނުކޮށް، ރާޖަޕަކްސަ އެމަނިކުފާނުގެ އުފަން ވަޒަން، ހަމްބަންތޮޓަގައި ވައިގެ ބަނދަރަކާއި ކަނޑުގެ ބަނދަރެއް އެޅުއްވިއެވެ. އެހެން މަޝްރޫއުތައް ވެސް ކުރިޔަށް ގެންދެވިއެވެ.

ނަމަވެސް މިއަދު ސްރީލަންކާ ސަރުކާރުން ގެންދަނީ އެ މަޝްރޫއުތައް ހިންގުމަށް އޭރުގެ ސަރުކާރުން ނެގި ލޯނުތަކުގެ އަގު އަދާކުރަމުންނެވެ. މިދިޔަ އަހަރު ނިމުނު އިރު ޗައިނާއަށް ލަންކާ ވަނީ އަށް ބިލިޔަން ޑޮލަރުން ދަރައިފައެވެ.

ލަންކާގެ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ އެންމެ "އެކަނިވެރި" އެއާޕޯޓު --

ރާއްޖޭގައިވެސް އުމްރާނީ ބޮޑެތި މަޝްރޫއުތަކެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގަމުންދާ އިރު، އެ މަޝްރޫއުތައް ހިންގުމަށް ބޭރުން ހޯދާ ލޯނުގެ އެހީތައް އަނބުރައި ދެއްކޭނެތޯ ބައެއް ރައްޔިތުން ސުވާލު އުފައްދައެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި، މިކަމުގައި ޝައްކެއްވެސް ނެތެވެ. ލޯނުތައް ދެއްކޭނެކަމަށް ވިދާޅުވެއެވެ.

"ރީޕޭ ނުކުރެވޭ ވަރުގެ އެއްވެސް ކަމަކާ ކުރިމަތި ނުލަން. ރާއްޖޭގައި ކުރާ ހުރިހާ މަސައްކަތަކީ އޭގެ ނަފާ އެއްގޮތަށް ވުރެ ގިނަ ގޮތުން ލިބޭނެ، އަދި ބައިވަރު ދިރާސާތަކަކަށް ފަހު ހިންގާ މަޝްރޫއުތައް،" އިކޮނޮމިކް މިނިސްޓަރު "ސަން"އަށް ވިދާޅުވިއެވެ.

"ޕްރައިވެޓް ވިޔަސް، ޕަބްލިކް ވިޔަސް، ސަރުކާރުގެ މަޝްރޫއުތަކަކީ ރީޕޭމެންޓުގެ އެއްވެސް ކަމަކާ ދޭތެރޭގައި އެއްވެސް ކަހަލަ ބިރެއް އަދި ގޮންޖެހުމެއް ނެތް ކަންކަން. ދައްކާ އަދާކުރެވޭނެ މަޝްރޫއުތަކެއް ކުރިޔަށްް ދަނީ،"

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ސަން"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިވަގުތު ރާއްޖޭގައި ކުރިޔަށްދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއެވެ. އެތަނުގައި އާ ޕެސެންޖަރ ޓާމިނަލަކާއި، އާ ރަންވޭއަކާއި އިތުރު މުހިންމު މަސައްކަތްތަކެއް ކުރަމުންދެއެވެ. ސަރުކާރުގެ އަމާޒަކީ އަހަރަކު ހަތް މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ވަރުގެ ތަނަކަށް ވެލާނާ އެއާޕޯޓު ހެދުމެވެ.

އަށްސަތޭކަ މިލިޔަން ޑޮލަރުގެ އަގުބޮޑު، ނަމަވެސް ރާއްޖެއަށް ބޭނުންޖެހިފައިވާ މި މަޝްރޫއު ހިންގުމަށް ސަރުކާރުން މިހާތަނަށް 500 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ، ލޯނުގެ ގޮތުގައި ވަނީ ހޯދާފައެވެ. އޭގެ ތެރެގައި ހިމެނެނީ ސައުދީ ފަންޑު ފޯރ ޑިވެލޮޕްމެންޓުން 100 މިލިޔަން ޑޮލަރު، ކުވައިތު ފަންޑުން 50 މިލިޔަން، އޮފިޑުން 50 މިލިޔަން އަދި ޗައިނާގެ އެގްޒިމް ބޭންކުން 370 މިލިޔަން ޑޮލަރެވެ.

އަބޫ ދާބީ ފަންޑުން އެއާޕޯޓު ތަރައްގީގެ މަޝްރޫއަށް 40 މިލިޔަން ޑޮލަރުގެ ލޯނެއް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެއާޕޯޓު ފަދަ މަޝްރޫއުތަކަކީ އެއާ ނުލައި ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ދަތިވާނެ ކަންކަމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުން އެއާޕޯޓުގެ މަންޒަރެއް---ސަން ފޮޓޯ: މުހައްމަދު އަފްރާހް

"ވިސްނާ ފިކުރުކުރިޔަސް އެނގޭނެ އެއާޕޯޓު ޑިވެލޮޕްނުކޮށް ޓުއަރިޒަމް ފުޅާކުރެވެން ނެތްކަން. ޓުއަރިޒަމަށް ސަޕޯޓުކުރާ އެހެން ސެކްޓަރުތައް، ޓްރާންސްޕޯޓާއި ކޮންސްޓްރަކްޝަންވެސް ފުޅާ ކުރެވެން އޮތީ އެހެން. ކޮންމެ ދާއިރާއަކަށް ބެލިޔަސް ބޭސްއަކީ އެއާޕޯޓަށް އަންނަ ކުރިއެރުން،"

މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއަށް އުމްރާނީ ތަރައްގީގެ މަސައްކަތަށް ނަގާ ލޯނުތައް އަދާކުރެވޭނެކަމާ މެދު ސުވާލު އުފައްދަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހިތްތަކުގައި ވަހުމު އުފެއްދުމަށެވެ.

"އަޅުގަނޑުމެން ދައްކާ ވާހަކައަކަށް އިދިކޮޅު ފަރާތްތަކުން ކައުންޓާ އާގިއުމެންޓެއް ނާދޭ. ނުދެއްކޭ ވަރުގެ ލޯނެއް ނުނަގަމޭ. އަދި ގައުމަށް ނަފާ އެއްގޮތަށް ވުރެ ގިނައިން އިތުރުވެގެން ނުދާނެ އެއްވެސް ކަމެއް ސަރުކާރަކުން ނުކުރާނެ،" ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް