ދިރާގުން ސެމްސަންގް ގެލެސްކީ އެސް8 އަދި އެސް8 ޕްލަސްއަށް ޕްރީ ރެޖިސްޓަރކުރުމަށް ހުޅުވާލައިފި

ސެމްސަންގުން މިއަހަރު ނެރޭ އެކުންފުނީގެ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްއަށް ދިރާގު މެދުވެރިކޮށް ޕްރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސެމްސަންގް ގެލެކްސީ އެސް8ގެ ފޯނުތަކަށް ޕްރީ ރެޖިސްޓްރީކުރުމުގެ ފުރުސަތު ދިރާގު ވެބްސައިޓު މެދުވެރިކޮށް މިރޭ ހުޅުވާލާފައިވާ އިރު، ދިރާގުން އެ ފޯނު ގަނެވޭނެ އަގުތައް ވެސް ވަނީ އާންމުކޮށްފައެވެ.

ސެމްސަންގް ގެލެކްސީ އެސް8 ފޯނު ދިރާގުން ވިއްކާނީ 13،499 ރުފިޔާއަށެވެ. އަދި އެސް8 ޕްލަސް ފޯނު ދިރާގުން ވިއްކާނީ 15،499 ރުފިޔާއަށެވެ.

މީގެ އިތުރުން ދިރާގުން އެ ދެ ފޯނު އިންސްޓޯލްމެންޓަށް ވެސް ދޫކުރާ ޕްލޭނުތައް ވަނީ ވެބްސައިޓުގައި އާންމުކޮށްފައެވެ.

އެސް8 ފޯނު "މިޑްނައިޓް ބްލެކް" އަދި "މޭޕަލް ގޯލްޑް" ކުލައިން ލިބޭ އިރު، އެސް8 ޕްލަސް ހުންނާނީ އެ ދެ ކުލައިގެ އިތުރުން "ކޮރަލް ބްލޫ" ކުލައިންނެވެ.

ދިރާގުން ބުނީ ފޯނު ލޯންޗުކުރާ ތާރީޚަށް ފޯނު ސެކިއޯކޮށް ބެހެއްޓުމަށްޓަކައި އެޑްވާންސް ޕޭމެންޓެއް ހެދޭނެ ކަމަށެވެ.

ސެމްސަންގްގެ އެހެން ފޯނުތަކާ އަޅާކިޔާ އިރު މި ފޯނުގެ ސްކްރީން ބޮޑެވެ. އަދި ހޯމް ބަޓަންވެސް މި ފޯނުގައި ވަނީ "ފޮރުވައިފަ"އެވެ.

ހޯމް ބަޓަން އާންމުކޮށް ހުންނަ ތަނުގައި، ސްކްރީންގެ އަޑިން ވަނީ ޕްރެޝާ ސެންސިޓިވް ޕެނަލެއް ލާފައިވެއެވެ. އަދި ފޯނުގެ ފިންގަޕްރިންޓް ރީޑަރު ހުންނަނީ ފޯނުގެ ފަހަތުގައި، ކެމެރާއާ ޖެހިގެންނެވެ. މި ފިންގަޕްރިންޓް ރީޑަރު އެތަނުގައި ގާއިމުކޮށްފައި ވަނީ، ފޯނު ހިފަހައްޓައިގެން ހުންނަ އިރު އަތުގެ ޝަހާދަތް އިނގިލި ސްކޭން ކުރާ ގޮތަށެވެ. މީގެ އިތުރުން ސެކުއިރިޓީ ފީޗާއެއްގެ ގޮތުގައި ލޮލުގެ ކަޅިވެސް ސްކޭން ކުރެވެއެވެ.

ގެލެކްސީ އެސް8ގައި ހުންނަނީ ލޯ-ލައިޓް އިސްލާހުކޮށްފައިވާ 12 މެގަޕިކްސެލްގެ ޑުއަލް ޕިކްސެލް ކެމެރާއަކާއި، ކުރިމަތީގައި ސްމާޓް އޮޓޯފޯކަސްއަކާ އެކު އަށް މެގަޕިކްސެލްގެ ފްރަންޓް ކެމެރާއެކެވެ.

comment ކޮމެންޓް