މިއަހަރު ދިރާގަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ: އަޝްމަލީ

ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާގުގެ ކަސްޓަމަރުންނަށް ޚިދުމަތް ލިބުމުގައި ދިމާވާ ދަތިތަކާއި އެހެނިހެން ކަންބޮޑުވުންތަކަށް ވެސް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ދިރާގުން ވަރަށް ބޮޑު ބަދަލެއް ފެނިގެން ދާނެ ކަމަށް އެކުންފުނީގެ ޗެއާމަން މުހައްމަދު އަޝްމަލީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އާޓް ގެލެރީގައި މިރޭ ބޭއްވި ދިރާގުގެ 28 ވަނަ އަހަރީ އާންމު ޖަލްސާގައި ބައެއް ހިއްސާދާރުން ވަނީ ދިރާގުގެ ޚިދުމަތްތައް ލިބުމުގައި ދިމާވާ ބައެއް ދަތިތައް، ދިރާގުގެ ބޯޑުގެ ޑިރެކްޓަރުންނާ ހިއްސާ ކޮށްފައެވެ.

ބައެއް ހިއްސާދާރުން ވަނީ ދިރާގުގެ ސިގްނަލް ނުލިބޭ މައްސަލަ ފަދަ ކަންކަން ބޯޑުގެ ސަމާލުކަމަށް ގެނެސްފައެވެ.

ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީ ވިދާޅުވީ، ކަސްޓަމަރުންގެ މައިގަނޑު ކަންބޮޑުވުންތައް ކަމުގައިވާ، ކަނެކްޓިވިޓީއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ވަރަށް ބޮޑަށް ރަނގަޅު ކުރެވޭތޯ ބަލާނަން ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައިވެސް މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވަމުން، އަޝްމަލީ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ދިރާގުން ބޮޑު ބަދަލެއް ފެނިގެން ދާނެ ކަމަށެވެ.

"ސިގްނިފިކަންޓް، ބޮޑު ބަދަލެއް ކުރިޔަށް އޮތް މަސްތަކުގައި ފެނިގެން ދާނެ. އަޅުގަނޑު އެކަން ކަށަވަރު ކޮށްދެން،" އަޝްމަލީ ވިދާޅުވިއެވެ.

އަޝްމަލީ ވިދާޅުވީ ދިރާގުގެ 3ޖީ އަދި 4ޖީގެ ޚިދުމަތް މާލޭގައި ބައެއް ފަހަރު ލިބުން ދަތިވަނީ ކައިރި ކައިރީގައި އުސް އިމާރާތްތައް ހުރެ، މާލޭގެ މަގުތައް ވެސް ހަނިވުމުން ކަމަށެވެ. އެހެން ނަމަވެސް ސިގްނަލް ރަނގަޅުކުރުމަށް ދިރާގުން 2014 އިން ފެށިގެން ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރަމުންދާ ކަމަށް އަޝްމަލީ ވިދާޅުވިއެވެ.

"އަޅުގަނޑަށް އަމިއްލައަށް ފާހަގަވި އައިޖީއެމްއެޗުގައި ސިގްނަލް ނުލިބޭކަން. ދެން އަޅުގަނޑުމެންގެ ނެޓްވޯކް ޓީމް އެތަނަށް ގޮސް ބެލުމަށްފަހު، މިހާރު އަޅުގަނޑުމެން ވާނީ މުޅި އައިޖީއެމްއެޗުގައި ކޭބަލް އަޅާފައި. މިހާރު އައިޖީއެމްއެޗުގެ ތިއޭޓަރުނަށް ވެސް ދިރާގު ސިގްނަލް ލިބޭނެ،"

ޚިދުމަތް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން އަޝްމަލީ ވިދާޅުވީ، ދިރާގުން އަބަދާއި އަބަދު ގެންދަނީ ސިގްނަލް ރަނގަޅަށް ނުލިބޭ ސަރަހައްދުތައް ހޯދައި، އެތަންތަނުގައި ސިގްނަލް ރަނގަޅުކުރެވޭތޯ ބަލަމުން ކަމަށެވެ.

"އަޅުގަނޑުމެން އެބަ ބަލަން ސިގްނަލް ބޫސްޓް ކުރެވޭނެ ގޮތްތަކެއް ކުރެވޭތޯ. ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ ސަރަހައްދާއި، ބަނދަރުތަކާއި ފެރީ ޓާމިނަލް ފަދަ، މީހުން ގިނައިން ގޮސް އުޅޭ ތަންތަނުގައި އަޅުގަނޑުމެން ވަނީ ސިގްނަލް ބޫސްޓާސް ހަރުކޮށްފައި،" ދިރާގުގެ ޗެއާމަން ވިދާޅުވިއެވެ.

"ސްޕީޑު ދަށްވެ، ސިގްނަލް ނުލިބުމަކީ ދިރާގަށް ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް. އަޅުގަނޑުމެން މިކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން މިދަނީ."

comment ކޮމެންޓް