ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށް 15 އަހަރުގެ ތަސައްވުރެއް އެކުލަވާލަނީ

އޭޕްރީލް 20، 2017: މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފާހަގަކުރުމަށް އެ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަން ވެގެންދާނެ ގޮތުގެ ތަސައްވުރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި އެންމެ ފުރަތަމަ އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށި ސްކޫލު ކަމަށާއި އެ ސްކޫލަކީ ރާއްޖެއަށް ޒަމާނީ ތައުލީމް ތައާރަފް ކުރި ސްކޫލު ކަމަށެވެ.

އެގޮތުން ރާއްޖޭގައި ޒަމާނީ ތައުލީމް އުނގަންނައިދޭތާ 90 އަހަރު ފުރުން ފާހަގަ ކުރާއިރު، އެ ދާއިރާ ބައްޓަން ވެގެންދާނެ ގޮތާ މެދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމުގެ މަތިން 15 އަހަރު ދުވަހުގެ ތަސައްވުރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް 15 އަހަރު ދުވަހު ތައުލީމީ ދާއިރާގެ ތަސައްވުރު

  • ގްރޭޑް 10 ނިންމައި އިތުރު ދެ އަހަރުގެ ތައުލީމާ އެކު މަތީ ތައުލީމަށް ޝަރުތު ހަމަވާ ދަރިވަރުންގެ އަދަދު 80 ޕަސެންޓު އިތުރު ކުރުން
  • ޒަމާނީ ޓެކްނޮލީޖީގެ އެހީގައި ދަރިވަރުންގެ ކިޔެވުން ތަރުތީބުކޮށް ސްކޫލުތައް އިންޓަނެޓް ވިއުގައަކުން ގުޅައިލައިގެން ފަސޭހަކަމާ އެކު ކަރިކިއުލަމް ތަންފީޒުކޮށް، ވާޗުއަލް ކޮށް އުނގެނުމުގެ މާހައުލުތަކެއް ގާއިމް ކުރުން

މިނިސްޓަރު ވިދާޅުވީ ތަފާތު ސަގާފަތްތަކުގެ މީހުންނާ ގުޅިގެން ގައުމު އާރާސްތު ކުރުމުގެ މަސައްކަތުގައި ތަހުޒީބުކޮށް މީހުން ދިރިއުޅޭތަން ފެނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއަކީ ކުޑަ އިގްތިސާދެއް އޮންނަ ގައުމަކަށް ވެފައި ބޭރުގެ އެހީއާ އެކު އަންނަ އަޅުވެތިކަމުން ސަލާމަތްވުމުގެ ކުޅަދާނަކަން ކާބަފައިން ދައްކުވައިދީފައިވާކަން ދަރިވަރުންނަށް އަންގަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ކުޑަ ޖަޒީރާ ގައުމަކަށް ވީ ނަމަވެސް މި ގައުމަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ހައްގު ބަސް ބުނަން ކެރޭ ރައްޔިތެއް ދިރިއުޅޭ ގައުމެއްކަން ދަރިވަރުންނަށް އަންގަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއަރުވަން ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަން ފާހަގަކޮށް ވާހަކަ ދައްކައިފަ އެވެ. އެގޮތުން ޓީޗަރުންގެ ތައުލީމީ ފެންވަރު މަތި ކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ވާހަކަ އާއި އެންމެ ކުއްޖަކު ވެސް އެއްކިބާ ނުކޮށް ތައުލީމް އުނގަންނައިދިނުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މިނިސްޓަރު ވާހަކަ ދެއްކެވި އެވެ.

comment ކޮމެންޓް