ރިޔާޒްގެ ޝަރީއަތް ސިއްރުކޮށްފި

އަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފި އެވެ.

މިރޭ 8:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެއްސި ޝަރީއަތް ސިއްރު ކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ރިޔާޒްގެ މައްޗަށް ކުރާ ދައުވާ އަކީ، ގާނޫނު ތަންފީޒު ކުރަމުންދާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދައުވާގައި ބުނެފައިވަނީ، ވަނީ 27 މާޗު ވަނަ ދުވަހުގެ ރޭ ޖިނާއީ މައްސަލައަކާ ގުޅިގެން، ރިޔާޒުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސް، ކޯޓު އަމުރެއްގެ ދަށުން ފޯނުގެ ލޮކް ކޯޑު ޖަހައިދިނުމަށް އެދުމުން އެކަން ކޮށްދީފައި ނުވާތީ، އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސްއެޅުން ކަމަށެވެ.

މިރޭ ބާއްވާ އަޑުއެހުމަކީ، ރިޔާޒްގެ މައްޗަށް ކޮށްފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް ބާއްވާ އަޑުއެހުމެކެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިމަހުގެ 13 ވަނަ ދުވަހު ބާއްވާފައިވާއިރު، އެ ދުވަހު ދައުލަތުން ވަނީ ރިޔާޒް ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިފައެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެ ދެވެން ނެތް ކަމަށް އެދުވަހު ކޯޓުން ވަނީ ނިންމާފައެވެ.

އެ ދައުވާ ރިޔާޒްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ، ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.

comment ކޮމެންޓް