ހިނގާލުމަށް އެދިއެދި 12 އަހަރު

ރިޔާޒު އޭނާ އެއްތަނުން އަނެއްތަނަށް ދާން އުޅޭ ބައިސްކަލުގައި--

އެއީ މީގެ 12 އަހަރު ކުރިއެވެ. ނ.މަނަދޫ، ހަޒާރުމާގެ، ހުސެއިން ރިޔާޒް،49، އޭރު މަސައްކަތް ކުރަމުން ދިޔައީ އޭޖޭ އެންޓަޕްރައިޒަސްގެ ސެކިއުރިޓީ އިންޗާޖަކަށެވެ. ވިލިމާލޭގައި މަސައްކަތް ކުރަމުން ދިޔަ ސައިޓުން ނުކުމެ ހިނގާފައި ދަނިކޮށް އުނަގަނޑުން ތިރިން ވާގިދާހެން ހީވިއެވެ. މާކަ ގިނައިރެއްނުވެ މީހާ ވެއްޓުނީއެވެ.

"ހަމަ ވާގިދަމުން ދަމުން ދިޔައީ، މީހެއްގެ އެހީތެރިކަމުގައި ތެދުވެ ވިލިމާލެ ސިއްހީ މަރުކަޒަށްވެސް ދެވުނީ، އެތަނުގައި ބާއްވާފަ ބޭސް ދިނީ،" އެހިތްދަތި ހާދިސާ ކިޔައިދެމުން ރިޔާޒް ބުންޏެވެ.

ރިޔާޒު ބުނިގޮތުގައި އޭރު ޑޮކްޓަރުން ބުނީ އެއީ ނާރުތަކުގެ މައްސަލައެއް ކަމަށެވެ. ރާއްޖެއިން ފަރުވާ ދިންނަމަވެސް ރަނގަޅެއްނުވެއެވެ. އުނަގަނޑުން ތިރި ހުންނަނަނީ އައްސިވެފައެވެ. އިންޑިއާއަށް ގޮސް ޓެސްޓްތައް ހެދުމުން ޑޮކްޓަރު ބުނީ މައިބަދައިގެ މައްސަލައެއް ކަމަށެވެ.

ރިޔާޒު އޭނާ އެއްތަނުން އަނެއްތަނަށް ދާން އުޅޭ ބައިސްކަލުގައި--

"އެމްއާރްއައި ދައްކަނީ މައިބަދަ ލެނބިފަ ހުންނަަކަމަށް، އުނަގަނޑުމަތިން ތިންވަނަ ބަދައިން، އެހެންވެ ނާރު ފިތިފައި ހުންނާތީ ލޭ ދައުރުނުވަނީ،" ޑޮކްޓަރުންނާއި ހަވާލާދީ ރިޔާޒު ބުންޏެވެ.

ސިފައިންގޭގައިވެސް މަސައްކަތްކޮށްފައިވާ ރިޔާޒު ބުނިގޮތުގައި އޭނާ ތަނަކުން ވެއްޓި ނުވަތަ އެފަދަ އެހެން ހާދިސާއަކުންވެސް އަނިޔާއެއްނުވާ ކަމަށެވެ. މިއަދު އޭނާ އެއްތަނުން އަނެއްތަނަށް ގޮސް އުޅެނީ އަތުން ދުއްވާ ބައިސްކަލެއްގައެވެ.

އާނަންތަ ޕޫރީގެ ޑޮކްޓަރުން ބުނަނީ އޮޕަރޭޝަންކޮށް އެކަން ރަނގަޅު ކުރެވޭނެ ކަމަށެވެ. އޮޕަރޭޝަން ކުރަން ފައިސާ ނެތުމުން އެކަން ވަނީ އަދި ނުވެފައެވެ.

ދަރިއެއް ނެތް، ތިބީ މުސްކުޅި މައިންބަފައިން!

ރިޔާޒުގެ އެއްބަޑުއެއްބަފާ ހުންނަނީ އެންމެ އަންހެނެކެވެ. ދެން ތިބީ މުސްކުޅި މައިންބަފައިންނެވެ. ބައްޕައަކީ ވެސް ފައިބިނދި ނުހިގޭ މީހެކެވެ. މަންމަ އަކީ ދުވަސްވެ ބަލިވެފައިވާ މީހެކެވެ.

"މަންމަ އާއި ބައްޕައަށް ލިބޭ ސަރުކާރުންދޭ ފައިސާ، އޭގެން އުޅެނީ، ދެން އަޅުގަނޑު މަސައްކަތްކުރަން، ހަމަ ހުންނަނީއެއް ނޫން، ކަރަންޓް މަސައްކަތްތާއި ކޮންސްޓްރަކްޝަން މަސައްކަތްކޮށް އުޅެން،" ރިޔާޒު ބުންޏެވެ.

ރިޔާޒު އުނަގަނޑުން ތިރި ވާގިދިޔައިރު އޭނާ އުނުޅީ މީހަކާ އިނދެގެންނެވެ. ނަމަވެސް އެބައިވެރިޔާ ވަކިވީއެވެ. އެންމެ ކައިވެންޏެއް ކުރިއިރު ދަރިޔަކު ލިބިފައެއްނުވެއެވެ.

ރިޔާޒު އޭނާ އެއްތަނުން އަނެއްތަނަށް ދާން އުޅޭ ބައިސްކަލުގައި--

އާސަންދަ ވަނީ ލިބިފަ!

ރިޔާޒުގެ މައިބަދައިގެ އޮޕަރޭޝަނަށް އާސަންދަ ވަނީ ހަމަޖެހިފައެވެ. ކޮލޮމްބޯ ދެކޮޅު ޓިކެޓާއި 500 ޑޮލަރު ވަނީ ސަރުކާރުން ހަމަޖައްސައިދީފައެވެ. ނަމަވެސް އެ އޮޕަރޭޝަނަށް އިތުރު ފައިސާ ބޭނުންވެއެވެ.

އާނަންތަ ޕޫރީ ޑޮކްޓަރުންގެ ވާހަކައިންނާއި ރިޔާޒުގެ އަމިއްލަ ވިސްނުމަށްވެސް މައިބަދައިގެ އޮޕަރޭޝަން ކޮށްގެން ހިނގާބިނގާ އުޅެވޭނެ ކަމުގެ ޔަގީންކަން ރިޔާޒު އަށް ލިބެއެވެ. އޭނާގެ އެދުމަކީ ހިނގާލުމުގެ އުންމީދު ހަގީގަތަކަށް ހެދުމަށް ދީލަތި އެހީއެއް ދެއްވުމެވެ.

އެހީތެރިވުމަށް:

ހުސެއިން ރިޔާޒް: 9724646

އެކައުންޓް:

7720223811101 ހުސެއިން ރިޔާޒު

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް