ކާޑާއި ތެލުގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމައިފި

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އަންނަ އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ ކާޑުގެ ބާވަތްތަކާއި ތެލުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކާޑުގެ އަގު ބޮޑުކުރުމާ އެކި ގިނަ ބަޔަކު ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް އޭރުވެސް އެސްޓީއޯއިން ބުނަމުން ދިޔައީ ކާޑުގެ އަގު ހެޔޮކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި "ވަރަށް އަވަހަށް ހެޔޮ ބަދަލެއް" އަންނާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު މިއަހަރުގެ ތެރޭގައި "ސަން"އަށް ވިދާޅުވިއެވެ.

އެސްޓީއޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ވުޒާރާތަކާ އެކު މަޝްވަރާކުރުމަށްފަހު، އަންނަ ހަފްތާއިން ފެށިގެން ކާޑާއި ތެލުގެ އަގު ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

ޝަހީރު ވިދާޅުވީ މި ބަދަލު ގެންނަނީ ރައީސް ޔާމީންގެ ޚާއްސަ އިރުޝާދެއްގެ ދަށުން ކަމަށެވެ. އަދި ކާޑާއި ތެލުގެ ބާވަތްތައް އެތެރެކުރުމަށް ކުރާ ޚަރަދުތަކާއި، ސަރުކާރުން ދައްކަންޖެހޭ ފައިސާ މިހާރަށް ވުރެ ފަސެހައިން ލިބޭނެ ގޮތްވެސް ހަމަޖައްސާފައިވާ ކަމަށް ޝަހީރު ވިދާޅުވިއެވެ.

އާދީއްތަ ދުވަހު އަގުތަކަށް އަންނަ ބަދަލާ އެކު ހަނޑުލާއި ހަކުރު ބަސްތާއެއްގެ އަގު 15 ޕަސަންޓުން ކުޑަވާނެއެވެ. އެއީ ބަސްތާއަކުން ގާތްގަނޑަކަށް 60 ރުފިޔާގެ ކުޑަވުމެކެވެ. އަދި ފުށް ބަސްތާއަކުން 12 ޕަސަންޓު، ނުވަތަ 35 ރުފިޔާ ހެޔޮވާނެއެވެ.

މީގެ އިތުރުން ޑީސަލް ލީޓަރެއްގެ އަގުން 10 ލާރި، އަދި ޕެޓްރޯލް ލީޓަރެއްގެ އަގުން 20 ލާރި ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޝަހީރު ހާމަކުރެއްވިއެވެ.

comment ކޮމެންޓް