ޚިޔާލު ފާޅުކުރުމުގެ ބައިނަލްއަގުވާމީ އެވޯޑެއް މޯލްޑިވްސް އިންޑިޕެންޑެންޓާއި ޒަހީނާއަށް

އެވޯޑު ލިބުމަށްފަހު ޒަހީނާ ---

އިނގިރޭސި ވިލާތުގެ މަދަނީ ޖަމިއްޔާއަކުން ދޭ ޚިޔާލު ފާޅުކުރުމާ ބެހޭ ބައިނަލްއަގުވާމީ އެވޯޑެއް، ރާއްޖޭގެ އިނގިރޭސި އޮންލައިން ނޫސް މޯލްޑިވްސް އިންޑިޕެންޑެންޓާއި އެނޫހުގެ ކުރީގެ އެޑިޓަރު ޒަހީނާ ރަޝީދަށް ލިބިއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ޖަމިއްޔާ، އިންޑެކްސް އޮން ސެންސާޝިޕުން ދިން ފްރީޑަމް އޮފް އެކްސްޕްރެޝަން އެވޯޑު މޯލްޑިވްސް އިންޑިޕެންޑެންޓަށް ލިބުނީ ސާބިއާގެ ތަހުގީގީ ވެބްސައިޓު "ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިންގް ނެޓްވޯކް"، ރަޝިޔާގެ ދެ ނޫސްވެރިއަކު ހިންގާ ވެބްސައިޓު "ދަޕްތަރު"ގެ އިތުރުން އޮސްޓްރޭލިއާގައި ރެފިއުޖީއެއްގެ ގޮތުގައި ދިރިއުޅޭ އިރާނުގެ ނޫސްވެރިޔާ ބެހްރޫޒް ބުޗާނީ އެވެ.

ރޭ އިނގިރޭސި ވިލާތުގެ ލަންޑަނުގައި އޮތް ރަސްމިއްޔާތެއްގައި، މޯލްޑިވްސް އިންޑިޕެންޑެންޓުގެ ފަރާތުން ފްރީޑަމް އޮފް އެކްސްޕްރެޝަން އެވޯޑާ ހަވާލުވީ އެ ނޫހުގެ އެކްޓިންގް އެޑިޓަރު އަހްމަދު ނާއިޝް އަދި އެނޫހުގެ ކުރީގެ އެޑިޓަރު ޒަހީނާ ރަޝީދެވެ.

އެވޯޑާ ހަވާލުވުމަށް ފަހު ޒަހީނާ ރަޝީދު ވިދާޅުވީ މި އެވޯޑު ލިބުމަކީ އުނދަގޫ ހާލަތަކުން އަރައިގަތުމަށް މޯލްޑިވްސް އިންޑިޕެންޑެންޓަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ނޫހަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް މާ ބޮޑު ބަދަލުތަކެއް ނާދޭ. އެކަމަކު މި އެވޯޑުގެ ސަބަބުން އަޅުގަނޑުމެންގެ ހިތްވަރު އާވެއްޖެ. އަޅުގަނޑުމެން މިތިބީ ހިތްދަތިވާ ދުވަސްތަކުގައި ވެސް ރިޕޯޓުކުރުމުގެ އަޒުމުގައި. މިހާރު އަޅުގަނޑުމެންނަށް އެކަނިވެރިކަމުގެ އިހުސާސެއް ވެސް ނުކުރެވޭ،" އަލް ޖަޒީރާ އިންގްލިޝްގައި މިހާރު މަސައްކަތް ކުރާ ޒަހީނާ ވިދާޅުވި އެވެ.

ޒަހީނާގެ ވާހަކައިގައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހު ވީނުވީއެއް ނޭނގި ގެއްލުނު، މޯލްޑިވްސް އިންޑިޕެންޑެންޓުގެ (ކުރީގެ މިނިވަން ނޫހުގެ) ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ ހަނދާންތައް ވެސް އާކޮށްފަ އެވެ.

"މިރޭ އަޅުގަނޑު ދަންނަވަން އޮތީ، ކިތަންމެ ދުވަހަކަށް ދެމިގެން ދިޔަޔަސް، ރިލްވާން ހޯދުމުގެ މަސައްކަތާއި ރިލްވާންގެ ހައްގުގައި މަސައްކަތް ކުރުން ހުއްޓައެއް ނުލާނަމޭ،" ޒަހީނާ ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ ދާއިރާ އިން މޯލްދިވްސް އިންޑިޕޭންޑެންޓާއި ޒަހީނާއަށް ފްރީޑަމް އޮފް އެކްސްޕްރެޝަން އެވޯޑު ލިބުނު އިރު، އެވޯޑު ލިބުނު އިތުރު ފަރާތްތަކަކީ ޑިޖިޓަލް އެކްޓިވިޒަމްގެ ދާއިރާއިން ތުރުކީގެ "ޓަކީ ބްލޮކްސް"، ކެމްޕޭނިންގްގެ ދާއިރާއިން ރަޝިއާގެ އިލްދަރު ދާދިން އަދި އާޓްސްގެ ދާއިރާއިން ޗައިނާގެ "ރެބެލް ޕެޕާ"އެވެ.

comment ކޮމެންޓް