ދަރަނި ދައްކާފައިވާތީ ނަދީމްގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަނބިދަރިކަލުން އަދި ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ ޗެއާމަން މުހައްމަދު ނަދީމްގެ މައްސަލަ ނުބަލަން ސިވިލް ކޯޓުން ނިންމައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ހެނދުނު ނަދީމް ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.

އޭނާ ކޯޓަށް ހާޒިރުކޮށްފައި ވަނީ، އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ސާބިތު ދަރަންޏެއްގެ މައްސަލާގަ އެވެ.

ސިވިލް ކޯޓުން ނުކުމެ ވަޑަައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަދީމް ވިދާޅުވީ، ދަރަނި ދައްކާފައިވާތީ އެ މައްސަލަ ބައްލަވާ ގާޒީގެ ޑިޕާޓްމަންޓްގެ އިދާާރީ މުވައްޒަފަކު ވަނީ އެ މައްސަލަ ކުރިއަށް ނުގެންދާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.

"އިދާރީ މުވައްޒަފެއް، މައްސަލަ ބައްލަވާ ގާޒީގެ ޑިޕާޓްމެންޓްގެ ބޭފުޅެއް ނުކުމެ ވިދާޅުވީ ދައްކަން އޮތް ޑިއު އެމައުންޓް މިހާރު ދައްކާފަ ވާތީވެ، އެހެންވެ ދެން އިތުރަށް މައްސަލަ ކުރިއަށް ނުގެންދާ ގޮތަށޭ އޮތީ،" ނަދީމް ވިދާޅުވި އެވެ.

ނަދީމް ވިދާޅުވީ، އޭނާ ކޯޓަށް ހާޒިރު ކުރަން އަމަލުކޮށްފައި ވަނީ އިޖުރާއަތްތަށް ފުރިހަމަނުކޮށް ކަމަށެވެ. އެކަން ކޯޓުގައި ފާހަގަ ކުރުމުން އެ ކޯޓުން ދެއްވި ޖަވާބަކީ، ފެބްރުއަރީ މަހު ޗިޓު ހަވާލު ކުރަން ދިޔަ އިރު ގޭގައި ނޫޅުއްވާތީ ހަވާލު ނުކުރެވުނީ ކަމަށެވެ.

އެހެން ނަމަވެސް ގޭގައި ރެޑް ނޯޓިސް ހިއްޕާފައި ނުވާ ކަމަށާއި، އެކަމާ ސުވާލު ކުރުމުން އެ އިހްތިޔާރު ގާޒީއަށް ލިބިގެން ވާ ކަމަށް ކޯޓުގެ މުވައްޒަފަކު ވިދާޅުވި ކަމަށެވެ.

comment ކޮމެންޓް