ވެނަޒުއާލާގައި ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާގައި ތިން މީހަކު މަރާލައިފި

ވެނަޒުއޭލާގައި ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާ -- ފޮޓޯ/ އޭޕީ

ކަރާކަސް (އޭޕްރިލް 20): ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި ތިން މީހަކު މަރާލައިފި އެވެ.

ވެނަޒުއޭލާގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް މީހުން ކުރަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ ތެރޭގައި އަންހެނަކާއި، ފުރާވަރު އުމުރުގެ ކުއްޖަކާއި، ނެޝަނަލް ގާޑެއް ހިމެނެ އެވެ.

އެ ގައުމުގައި މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ އާ ރިޔާސީ އިންތިހާބެއް ބޭއްވުމަށާއި ޖަލަށް ލާފައިވާ އިދިކޮޅު ފަރާތްތައް މިނިވަން ކުރުމަށް ގޮވާލަމުންނެވެ. ރައީސް މަޑޫރޯ ވަނީ މުޒާހަރާގެ ބައިވެރިން ދަނީ ފިހާރަތައް ލޫޓުވައި، ފުލުހުންނަށް ހަމަލާދެމުން ކަމަށް ވިދާޅުވެފަ އެވެ.

އެ ހަމަނުޖެހުންތަކުގެ ސަބަބުން 30 މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް އިދިކޮޅު ލީޑަރު އެންރީކޭ ކެޕްރިލޭސް ވަނީ މުޒާހަރާތަކުގައި އިތުރު ފަރާތްތަކުން ބައިވެރިވުމަށް ގޮވާލައްވާފަ އެވެ. އެމުޒާހަރާތަކަކީ ފާއިތުވި ތިން އަހަރު ތެރޭގައި އެގައުމުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާތައް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

މިދިޔަ މަހު އެމުޒާހަރާތައް ފެށުނީ ވެނަޒުއޭލާގެ އިދިކޮޅު ފަރާތްތަކުގެ އަޣުލަބިއްޔަތު އޮންނަ ގާނޫނު ހަދާ މަޖިލީހަކީ ސައްހަކަމެއް ނެތް، ބާތިލު ތަނެއް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. އޭގެ ތިން ދުވަސް ފަހުން ކޯޓުގެ އެ ނިންމުން ބާތިލު ކުރި ނަމަވެސް ވެނަޒުއޭލާގެ ރައްޔިތުން ވަނީ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހުއްޓާލަން ދެކޮޅު ހަދާފަ އެވެ.

އެ މުޒާހަރާތަކާ ގުޅިގެން ރައީސް މަޑޫރޯގެ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވެސް ވަނީ ގައުމުގެ ވެރިރަށުގައި މުޒާހަރާތައް ބާއްވާފަ އެވެ. (ބީބީސީ)

comment ކޮމެންޓް