ކުޅިވަރުގެ މުސްތަގުބަލް މަރޭ ކުރަހަނީ ނަންބަރުން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ހަސަން ސާއިދާއެކު މަރުޒޫޤް --- ފޮޓޯ/ އިމޭޖަސް ޑޮޓް އެމްވީ

"ދިހަ މެޑަލް ނުހޯދެންވީ ސަބަބެއް ނެތް. ދެން އެންމެ އަވަހަށް އޮންނަ އިންޑިއަން އައިލެންޑް އޯޝަންސް ގޭމްސްގައި 10 މެޑަލް ގެންނަންޖެހޭ. ހުރިހާ ޕްލޭން އެއް މިއޮތީ ރެޑީގަ،"

މިއީ މެންދަމުގެ ވަގުތެއްގައި ގެއަށް ވަންނަން އުޅެނިކޮށް، ކަންފަތުގެ ތޫރިއަށް ވާސިލުވި އިބާރާތްކޮޅެކެވެ. ހުއްޓުން އަރައި، އެކަމަށް ސަމާލުކަން ދެވުނެވެ. ދެން އިވޭނެ ވާހަކައަކާމެދު ސަމާލުކަން ދެވުނެނެވެ. ކުޅިވަރަށް ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ. ދެކެވެމުން ދިޔަ ވާހަކަތަކަކީ ކުޅިވަރުގެ މުސްތަގުބަލާ ގުޅޭ މުހިއްމު ސައްލާއެއް ކަމަށް ހީވާތީ އަޑުއަހާލަން މަޑުކޮށްލީމެވެ. އެ ބަޔަކު ވާހަކަ ދައްކަމުން ދިޔައީ މަގުމަތީގަ އެވެ.

ކުޅިވަރުގެ އިސް ސަފުގައި މިހާރު ތިއްބެވި އެ ދެ ބޭފުޅުން އެ ސައްލާ ކުރީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެއީ 2013 ވަނަ އަހަރު އެވެ. އޭރު ނަން ވެސް ނޭނގޭ އެތްލީޓުންތަކެއް ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީންކޮށް އެ ކުދިން ލައްވައި މެޑަލް ހޯދާ ވާހަކައެވެ. އެސޯސިއޭޝަންތައް ވެސް ވަކިވަކި ހިންގަންޖެހޭ ގޮތުގެ ހިޔާލު އެ ދެމީހުން ވެސް ދިޔައީ ފާޅުކުރަމުންނެވެ.

އޭގެ ދެ އަހަރު ފަހުން 2015 ވަނަ އަހަރު އެ ރޭ އެ ދެކެވުނު ވާހަކަތައް ހަގީގަތަކަށްވި އެވެ. ދިވެހި އެތުލީޓުން ނުވަ މެޑަލް ހޯދި އެވެ. އެއީ އިންޑިއަން އައިލެންޑް އޯޝަންސް ގޭމްސް (އައިއޯޖީ)އިންނެވެ.

ހިޔާލީ ޗާޓެއް ކުރަހައި، މުސްތަގުބަލުގެ ކުރި ބޯށިން ފޮނި މީރުކަމާ ހިސާބަށް ގެންދިޔައީ ކޮން ބައެއްކަން އެނގޭ ހެއްޔެވެ. އެ މަސައްކަތުގެ މުގުލުގައި ހުންނެވީ ކާކުކަން އެނގޭ ހެއްޔެވެ.

ސައުތު އޭޝިއނަް ގޭމްސްގައި ވާދަ ކުރާ ދިވެހި ފުޓްބޯޅަ ޓީމުގެ ކެޕްޓަން އިސްމާޢީލް ޢީސާ (މެސީ) އާއެކު މަރުޒޫޤް މަޑުކޮށްލައިގެން --- ފޮޓޯ/ އިމޭޖަސްޑޮޓްއެމްވީ

އެއީ މިހާރުގެ އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެރަޓާރީ އަހުމަދު މަރްޒޫގް (މަރޭ) އެވެ. އޭނާއާ ބައްދަލުވެ އެރޭ ދެކެވުނު ވާހަކަތަކުގެ އިތުރު ތަފްސީލް ހޯދައި އެ "މާސްޓާ ޕްލޭން" އާ ބެހޭ މައުލޫމާތު ހޯދަން ވާހަކަދައްކާލީމެވެ.

އެ ރޭ އެ ދެއްކި ވާހަކަތައް މަރޭ ތަފްސީލް ކޮށްދިނެވެ. މަރޭ ވިދާޅުވީ އެ ރޭ އެ ދެކުވުނީ 10 މެޑަލް ރާއްޖެއަށް ހޯދުމާ ގުޅޭ ގޮތުންނެވެ.

"އޭރު ހަމަ ޓާގެޓް ކަނޑައެޅީ 2015 ވަނަ އަހަރުގެ މުބާރާތުން 10 މެޑަލް ހޯދާނަމޭ. އެއީ ނުވާވަރުގެ ކަމެއް ނުނޭ މަސައްކަތް ކޮށްފިއްޔާ. އޭރު ތިބޭނެ އޮލިމްޕިކް ކޮމިޓީން ބޭރަށް ތަމްރީން ހެދުމަށް ފޮނުވާފައި ތިބި ތްލީޓުން ޓާގެޓް ޖެހީ އެއިން ކޮންމެ އެތްލީޓަކު ލައްވާ ވެސް މެޑަލް ހޯދުން،" މަރޭ ވިދާޅުވިއެވެ.

ޗެލެންޖް ފުރިހަމަ ކުރުމަށް ފަހު ރައީސް ވަހީދު އާއި ސަޖަން މަރޭ(ކ-3) އާއި އެކު ފޮޓޯ އަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހ

ހަމަ އެކަނި މެޑަލް ހޯދަން އަޒުމް ހިފައި، އެ މަސައްކަތް މަރޭ އެ ހިސާބުން ނިންމާލީކީ ނޫނެވެ. އޭނާގެ ޕްލޭންގައި އެތްލީޓޫން އަރާނެ އިސްޓާކީނުގެ ކުލައިން ފެށިގެން ގޮސް މެޑަލް ލިބިއްޖެނަމަ އެތްލީޓުންނަށް މަރުހަބާ ކިޔުމަށް ކަންކުރާނެ ގޮތުގެ ތަފްސީލް ވެސް ވަރަށް ރަނގަޅަށް ލިޔެވިފައި ހުއްޓެވެ. ރީޔޫނިއަންގައި ބާއްވާ މުބާރާތައް ދާން އޮތް ދުވަހު ކަންކުރަންވީ ގޮތާއި ރީޔޫނިއަންއަށްދާއިރު ލަސްވެފައި ހުރެދާނެތީ އެތްލީތުންނަށް ފްލައިޓް ތެރޭގައި ކެއުން ދިނުމަށްޓަކައި ތައްޔާރު ވާން ޖެހޭ ކަމަށް ވެސް ލިޔެފައި އެބައޮތެވެ.

"ވަރަށް ތަފްސީލްކޮށް އޮންނާނޭ. ފުރަތަމަ ފުރަން ދިއުމުގެ ކުރިން މިސްކިތައް ގޮސް އެންމެން އެއްކޮށް މެންދުރު ނަމާދުކޮށްގެން އައިސް ރައީސް އޮފީހުން ނުކުމުގެން އެއާޕޯޓަށް ދާން ޕްލޭން ކުރެވިފައި އޮންނާނީ،" މީގެ ދެ އަހަރުގެ ކުރީގެ ހަނދާންތައް އާ ކޮށްދެއްވަމުން މަރޭ ވިދާޅުވިއެވެ.

މަރޭ ވިދާޅުވީ އެ ވަރަށް މަސައްކަތް ނުކޮށް ކާމިޔާބު ނުލިބޭނެ ކަމަށާއި އެ ނުވަ މެޑަލް ރާއްޖެ އަށް އައިއޯޖީން ލިބުމުގެ ކުރިން ފުޓްބޯޅަ ނޫން އެހެން ކުޅިވަރަކުން މެޑަލެއް ލިބިދާނެ ކަމަށް ބަޔަކު ގަބޫލުވެސް ނުކުރާ ކަަމަށެވެ.

"ނަމަވެސް މިއަދު ބުނަން ކެރޭނެ އެކަން ވެސް އެއޮތީ ކޮށްފައޭ. އަދި އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދިޔައީ އެ ދުވަހު އަޅުގަނޑޫ ޕްލޭން ކުރި ގޮތަށް،" މަރޭ ވިދާޅުވިއެވެ.

މަރޭ މާލޭގައި ކުރިއަށް ގެންދިޔަ ޓްރެއިން ވިތް މައި ޗެމްޕްސްގެ ތެރެއިން --- ފޮޓޯ: ފާއިދު

އެހާ ހިސާބުން މާޒީގެ ފޮނި ހަނދާންތަކުގެ ވާހަކަ ނިންމާލާ މުސްތަގުބަލަށް ކުރެވިފައި ހުރި ޕެލޭންތަކުގެ ވާހަކަ ދައްކަން ފެށީމެވެ.

"ވަރަށް ބައިވަރު ޕްލޭން އެބަހުރި. މިހާރުވެސް ސިކުނޑި ތެރޭގައި އެބަހުރި މުހިއްމު އެތައް ޕްލޭނެއް. މިވިސްނަނީ 2019 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ބައިވަރު މެޑަލް ތަކެއް ހޯދަން. ހަމަ 100 އިންސައްތަ ގެރެންޓީކޮށް މިބުނަނީ އެބަތިއްބޭ އެތައް މެޑަލެއް ހޯދޭނެ ވަރުގެ އެތްލީޓުން،"

މަރޭގެ އެންމެ ބޮޑު ތަފާތަކީ އޭނާއަކީ އެހެން މީހުންނާއި ހިލާފަށް ނަންބަރުން ވާހަކަދައްކާ މީހެކެވެ. އޭނާގެ ޕްލޭންގައި މުޅިންވެސް ޖަހާފައި ހުންނަނީ ނަންބަރު ތަކެކެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ކާމިޔާބީ ހޯދުމުގެ އެންމެ މުހިއްމު ތަޅުދަނޑިއަކީ ކަންކަން ކުރަންވާ ގޮތަށް ހުރިހާ ކަމެއްވެސް ކުރިއާލާ ޕްލޭންކޮށް އެކަންކަން ތަންފީޒް ކުރުން ކަމަށެވެ.

"ކާކުތޯ ވިސްނީ ޖަރުމަނުން އެންމެ ފަހުގެ ވޯލްޑްކަޕް ހޯދީ ކިހިނެތްކަން. އެ މީހުން ހުރިހާ ދިރާސާއެއް ވެސް ކުރި. އެމީހުން ހުރިހާ ކަމެއް ބެލި. އެންމެ ކުޑަމިނުން ކުޅުންތެރިން ކާ އެއްޗެއްސަށް އަޅަން ޖެހެނީ ކިތައް ސަމުސާ ލޮނުތޯވެސް ބެލި. އެހާވަރުން އެ ޗެމްޕިއަންކަން ނެގީ. އެހެން ވީމަ އަޅުގަނޑުމެންވެސް އެގޮތަށް ޕެލޭން ކޮށްގެން ގޮސްފިއްޔާ ކީއްވެތޯ މެޑަލް ނުހޯދޭނީ،" ބައެއް ގައުމުތަކުން ހޯދާފައިވާ ކާމިޔާބީތަކުން ހެކި ދައްކަމުން މަރޭ ބުންޏެވެ.

ރައީސް ޔާމީނަށް ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސްގެ ބެޓަން މަރޭ ހަވާލުކޮށްދެއްވަނީ: މަރޭގެ އެ ހަރަކާތަކީ ކުޅިވަރަށް ޕާޓްނަރުން ހޯއްދެވުން ކަމަށް އޭނާ ވިދާޅުވޭ --- ފޮޓޯ: ރައީސް އޮފީސް

މާދަމާ ބާއްވާ އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި ޖެނެރަލް ސެކަރަޓީގެ މަގާމަށް ވާދަކުރާ އަދި އިތުރު ކެނޑިޑޭޓަކު އެމަގާމަށް ނުލާތީ ގާތްގަނޑަކަށް މަގާމު ޔަގީންވެފައިވާ އެ އިދާރާގެ މިހާރުގެ ޖެނެރަލް ސެކެރަޓަރީ ވިދާޅުވީ އޮލިމްޕިކް ކޮމިޓީގައި ހުރެ ހާސިލް ކުރަން ބޭނުންވި ކަންތައްތަކުގެ ބޮޑު އިންސައްތައެއް އަދި ހާސިލް ނުވާ ކަމަށާއި އަދިވެސް ހާސިލް ކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ހަރުދަނާ ކުރަން ޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެކަންކަން ހާސިލް ކުރަން ބޭނުން ކަމަށެވެ.

"އަޅުގަނޑަށް އާއިލާއަށް ވުރެ ވެސް މުހިއްމު އެތްލީޓުންގެ ކަންކަން. އަޅުގަނޑުގެ ހުސް ދަރިން އެތާ އެތިބީ. އެ ކުދިންނަށް ކާމިޔަބީއެއް ލިބުމަކީ އަޅުގަނޑަށް ވެސް ލިބޭ ކާމިޔާބީއެއް. މިހާރުވެސް އެބަތިބި ސީދާ އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން އެތައް ކުދިންނެއް ބޭރަށް ފޮނުވާފަ ތަމްރީނަށް. އެއިން ކޮންމެ ކުއްޖަކީ މާދަމާ ގައުމަށް މެޑަލް ހޯދަދޭނެ ކުދިންތަކެއް،" މަރޭ ވިދާޅުވިއެވެ.

މަރޭ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޓްރެއިނިން ވިތު އެމްވީ ޗެމްޕްސް ޗެލެންޖަކީ މަރޭގެ އެންމެ ފުރިހަަމަ ޕްރޮޑަކްޓްތަކުގެ ތެރެއިން ޕްރޮޑަކްޓެވެ. އަދި މަރޭއަކީ މާލޭގައި ކޮންމެ ކުޅިވަރެއް ކުރިއަށް ގެންދިޔަސް އެ ތަނަކަށް ގޮސް އެ ކުޅިވަރަކަށް އެހީތެރިކަން ފޯރުކޮށްދޭ މީހެކެވެ.

އޮލިމްޕިކް ކޮމެޓީގެ އަހަރީ އާންމް ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

އިންޓަވިއު ނިންމާލަމުން މަރޭ އަނެއްކާވެސް އަޅުގަނޑަށް ދޫކޮށްލީ ހައިރާންވާހާ މޮޅު ކުރެހުމެކެވެ. އެއީ 2019 ވަނަ އަހަރު އެސޯސިއޭޝަންތަކައި ގުޅިގެން އައިއޯޖީން އޭނާ ހޯދަން ބޭނުންވާ ކާމިޔާބީގެ ކުރެހުމެކެވެ. އެ ކުރެހުން ބަލާލާފައި ސާއިދު ރަން މެޑަލް އަޅައިގެން ހުންނަތަން ސިފަވާ ކަހަލައެވެ. އެ ކުރެހުން މަރޭގެ ސިކުނޑިގައި އޮތްއިރު މަރޭ އެ ކުރެހުމުގައި ބޭނުންކޮށްފައި ވަނީ މުޅިން ވެސް ނަންބަރެވެ. ކާމިޔާބީ ހޯދުމަށް އޭނާ ކޮށްފައިވާ ޕްލޭންގައި ހޯދުމަށް ކަނޑައަޅާފައިވާ މެޑަލް އާ ދުވުން ތެރިން ރޭސް ނިންމާނެ ކަމަށް ލަފާ ކުރަ ވަގުތަށް ދަންދެން އަދި އެ މުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކުގެ އެތްލީޓުންގެ ސްޕީޑަށް ދަންދެން އޭނާގެ ބޮލުގައި އެބަހުއްޓެވެ.

"ބައްޕަ އަބަދުވެސް ބުނާނެ މަސް ބޭނޭނީ ކަރުގޮހޮރު އަޅައިގެނޭ. އެއީ ވަރަށް ބޮޑު ވާހަކައެއް. ކުޅިވަރު 'ކުޅި ކުޅިވަރަށް' ހެދޭކަށް ނެތް، އެއަށް ވުރެ ސީރިއަސްް ކަމެއް މިއީ،" މަރޭ ވިދާޅުވިއެވެ.

comment ކޮމެންޓް