ބިހުރޯޒު މިސްކިތުގެ ގޯތިތެރެއިން ގަބުރުފެނުމުން އެސަރަހައްދުގައި ނަމާދު ނުކުރަން އަންގައިފި

ބިހުރޯޒް މިސްކިތް: އެމިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނިފައިވާތީ ގޯތިތެރޭގައި ނަމާދުކުރުން ވަނީ މަނާކޮށްފައި-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ރަށްދެބައިމަގާއި ނީލޯފަރުމަގާ ގުޅުނު، އިރުދެކުނު ކަންމަތީގައި ހުންނަ ބިހުރޯޒު މިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނިފައިވާތީ އެ ގޯތިތެރޭގައި ނަމާދުކުރުން ހުއްޓާލަން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓާ މުހައްމަދު އަހުސަން މިއަދު ސަން އަށް ވިދާޅުވީ އެމިސްކިތު ގޯތިތެރެއިން ގަބުރު ފެނިފައިވާ ކަމަށެވެ. އެހެންކަމުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެ މިސްކިތު ގޯތިތެރޭގައި ނަމާދު ނުކުރަން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެމިސްކިތުގެ އެތެރޭގައި ނަމާދު ކުރާނެ ކަމަށް އަހުސަން ވިދާޅުވި އެވެ.

ނަމާދު ކުރާތާ އެތައް ޒަމާނެއްވެފައިވާ އެ މިސްކިތަކީ ވަރަށް ކުޑަ މިސްކިތެކެވެ. މިސްކިތުގެ ތެރެއިން ޖާގަ ނުލިބޭތީ ގިނަ މީހުން ނަމާދު ކުރަމުން ގެންދިޔައީ މިސްކިތު ގޯތިތެރޭގަ އެވެ.

މާލޭގައި ހުރި އެންމެ ޒަމާންވީ މިސްކިތްތަކުގެ ތެރޭގައި އެކުޑަ ކުޑަ މިސްކިތް ހިމެނެ އެވެ.

މިސްކިތުގެ ތާރީހް

އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އުތީމު އަލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނު) އާއި އެ ރަދުންގެ ކޮއްކޯފުޅު، އަލްޣާޒީ ޙަސަން ރަންނަބަނޑޭރި ކިލެގެފާނާއި މި ދެ ބޭފުޅުންގެ މަހާނަފުޅު ހުރި ޒިޔާރަތެއް ހުންނަ މި މިސްކިތް ބިނާކުރައްވައިފައި ވަނީ ބިހުރޯޒު ފާށަނާކަލޯ އެވެ.

މި މިސްކިތާ ބެހޭ އެންމެ މުސްކުޅި ލިޔުމުން ދައްކާގޮތުގައި، 993ހ. (1585މ.) ގައި އައްސުލްޠާނުލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނު ސިރީސަވާދީއްތަ މަހާރަދުން އަވަހާރަވެ ފަސްދާނުލެވުނުއިރު މި މިސްކިތް ހުރެ އެވެ. އަދި އެއިރު އެ މިސްކިތަށް ބިހުރޯޒު ފާށަނާކަލޯ މިސްކިތް މި ނަން ކިޔައި އުޅުނުކަން ވެސް އެނގެ އެވެ.

----------------------------------------

*--ނޯޓް: މިސްކިތުގެ ތާރީޚާ ގުޅޭ މައުލޫމާތު ނަގާފައި ވަނީ، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވެބްސައިޓުން.

comment ކޮމެންޓް