ބޭހަށް މާފުށީ ޖަލުން ގައިދީން މާލެ ނުގެންނަ ގޮތަށް ނިންމައިފި

ކ. މާފުށީ ޖަލުން ޑޮކްޓަރަށް ދައްކަން ގައިދީން މާލެ ގެނައުމުގެ ބަދަލުގައި މާފުށީގައި ރަނގަޅު ޑޮކްޓަރުން ބައިތިއްބައިގެން ގައިދީންނަށް ފަރުވާ ދޭ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ ވަޒީރުންގެ މަޖިލީހަށް ހެލްތު މިނިސްޓްރީން އެކަން ހުށަހެޅުމުން މަޝްވަރާ ކުރުމަށް ފަހު އެވެ. އެގޮތުން މިހާރު ނިންމާފައި ވަނީ ގައިދީން މާލެ ނުގެނެސް މާފުށީ ޖަލުގައި ބައިތިއްބައިގެން ފަރުވާ ދިނުމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ މާފުށީ ސިއްހީ މަރުކަޒުގައި ގައިދީންނަށް ފަރުވާދޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމަށެވެ. އަދި އެ މަރުކަޒުން އިތުރު ޚިދުމަތްތައް ލިބޭނެ ގޮތަކަށް ތަރައްގީ ކޮށް، ކަނޑައަޅާ ހާއްސަ ޑޮކްޓަރުން ތިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ސަރުކާރުގެ މައި ޖަލުގައި ހެލްތު ވޯކަރެއް ބެހެއްޓުމަށް ވެސް ވަނީ ނިންމާފަ އެވެ.

މި ގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއިރު ބޭސްފަރުވާ އަށް މާލެ ގެންނަ ގައިދީން ފިލުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު