އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ މަހާނަފުޅު ---

(13 އޭޕްރިލްގެ އަދަދާގުޅޭ)

އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ވަނީ ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަރަކާތްތެރި ހަނދާނީ ބައެއް އެއްޗެހިކޮޅު އެއްކުރައްވައިފައެވެ. އެއެއްޗެހިކޮޅުތައް ހުންނަނީ ޚާއްޞަ ކޮޓަރިކޮޅެއްގައި ބަހައްޓަވައިފައެވެ. އޭގެތެރޭގައި ހިމެނެނީ އެނދުދާންކޮޅަކާއި، ބާލީސްކޮޅާކާއި، ފޮށާކޮޅަކާއި، ޖޯޑުކޮޅަކާއި، ދުނިދަނޑިކޮޅަކާއި، އަސާކޮޅާއި އުޑިކޮޅެކެވެ. ކޮންމެ ދުވަހަކުވެސް އެއްފަހަރު އެއެއްޗެހިކޮޅުތަކަށް ޒިޔާރަތް ކުރައްވައެވެ. ލޯފުޅަށް ފިނިކަން ހޯއްދަވައެވެ. ބައެއް ފަހަރު ޤުރައިޝުވަންހައިގެ މީހުންނަށްވެސް އެއެއްޗެހިކޮޅުތައް ދައްކަވައެވެ. ވިދާޅުވެއެވެ. މިއީ އެމަތިވެރި ޝަޚްޞިއްޔަތެއްގެ ބަރަކާތުން އަރަހުށި މާތްﷲ ތިޔަބައިމީހުން ޢިއްޒަތްތެރި ކުރެއްވި މަތިވެރި ޝަޚްޞިއްޔަތުގެ ހަނދާންތަކެވެ.

އެއެއްޗެހިކޮޅުގެ އިތުރަށްވެސް ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހަނދާނެއް ތަނަކުން ފެނިވަޑައިގެންފިނަމަ އެއްޗެއްގައި ބޮސްދެއްވައެވެ. ލޯފުޅުގައި ޖައްސަވައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ތިމާގެ ބޭކަލެއް އެއްފަހަރަކު ޢުމަރުގެ އަރިހަށްވަޑައިގެން އިތުރުސާހިބާގެ ފަތްކޮޅެއް ދައްކަވައިލެއްވިއެވެ. ޢުމަރުބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެފަތްކޮޅުގައި ބޮސްދެއްވިއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަދެކެ ލޯބިވުމަކީ އެމާތްސާހިބާގެ އަހްލުބައިތުންދެކެ އާއި އެމާތް ސާހިބާއާ ގުޅުންހުރި އެހެނިހެން ފަރާތްތައްދެކެވެސް ލޯބިވުމެވެ. ޢުމަރުބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެމާތް ސަހިބާދެކެ ވެވަޑައިގަންނަވާ ފުންލޯބިފުޅުގެ ސަބަބުން އިތުރު ސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމައާ ގުޅިވަޑައިގެންފައިވާ ފަރާތްޕުޅުތަކަށްވެސް ޚާއްޞަ އިސްކަމެއްދެއްވިއެވެ. އެގޮތުން އަމީރުލް މުއުމިނީން ޢަލީ ކައްރަމަﷲ ވަޖްހަހޫއަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރެއްވިއެވެ. ކަމޭހިތްތެވިއެވެ. އަމީރުލް މުއުމިނީން ޢަލީ ކައްރަމަﷲ ވަޖްހަހޫއަށް ހުކުރު ޚުޠުބާގައި އެއްޗެހިގޮވުން މަނާކުރެއްވި ވާހަކަ ކުރިންވަނީ ދަންނަވައިފައެވެ.

މަދީނާގެ ގަވަރުނަރަކަމުގައި ހުންނެވި ދުވަސްވަރު އެއްދުވަހަކު ޢަލީގެފާނު ދަރިކަނބަލުން ފާޠިމާ ބިންތި ޢަލީ، އުމަރުގެ އަރިހަށް ވަޑައިގެންނެވިއެވެ. ޢުމަރު އެކަމަނާއަށް އިންތިހާއަށް މާތްކޮށް ހިއްތެވިއެވެ. އަމީރުލް މުއުމިނީން ޢަލީ ކައްރަމަﷲ ވަޖްހަހޫ މިނިވަންކުރެއްވި އަޅެއްކަމުގައިވާ ޒަރީޤު، ޢުމަރުގެ ޚިލާފަތުގެ ދުވަސްވަރު އެކަލޭގެފާނުގެ އަރިހަށް ދިޔައެވެ. އޭނާ ޝަކުވާކުރިއެވެ. އަޅުގަނޑަކީ މަދީނާގެ އަހްލުވެރިޔަކީމެވެ. އަޅުގަނޑު ކީރިތި ޤުރުއާން ހިތުދަހެވެ. ދީނުގެ ފަރުޟުތައް ދަންނަމެވެ. އެކަމަކު ބައިތުލްމާލުގެ ރަޖިސްޓްރީއަކު އަޅުގަނޑުގެ ނަމެއްނޯވެއެވެ. އަޅުގަނޑަކީ ހާޝިމްވަންހައިގެ މަވާލީއަކީމެވެ. ޢަލީ ކައްރަމަﷲ ވަޖްހަހޫގެ އަޅަކަށްވުމުގެ ޝަރަފު އަޅުގަނޑަށްވަނީ ލިބިފައެވެ.

ޒަރީޤުގެ ޝަކުވާ އަޑުއައްސަވައިފައި ޢުމަރު ފެންކަޅިފުޅުވިއެވެ. ވިދާޅުވިއެވެ. ޚުދު އަހަންނަކީވެސް ޢަލީ ރަޟިޔަﷲ އަންޙުގެ އަޅަކީމެވެ. އެއަށްފަހު އެކަލޭގެފާނުގެ މަވާލީ މަޒާހިމާ ސުވާލުކުރެއްވެވިއެވެ. މިފަދަ މީހުންގެ ޕެންޝަނަކަށް އޮންނަނީ ކިހާވަރެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ސަތޭކަ ނުވަތަ ދުއިސައްތަ ދިރުހަމެވެ. ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަﷲ ވިދާޅުވިއެވެ. ޢަލީ ކައްރަމަﷲ ވަޖްހަހޫއާ މިނާއާ އޮތްގުޅުމުގެ މައްޗަށް ރިޢާޔަތްކޮށް މީނާގެ ޕެންޝަނަށް ފަންސާސް ދީނާރު ހަމަޖައްސާށެވެ.

އެއްފަހަރަކު އުމައްޔަތުވަންހައިގެ އެތައް ބޭފުޅުންނެއް ފައިންޕުޅު ދެކެވަޑައިގަންނަވާން ވަޑައިގެން ދޮރުކޮޅުމަތީގައި ތިއްބަވަނިކޮށް ޢަބްދުﷲބިން ޢައްބާސު ރަޟިޔަﷲ ޢަންހުގެ އަޅެއްވެސް ފައިންޕުޅު ދެކޭން އައެވެ. އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލް ޢަޒީޒު އެންމެ ފުރަތަމަ ފައިންޕުޅު ދެއްކެވީ އިބްނު ޢައްބާސުގެ އަޅުކަލޭގެއަށެވެ. ޢާއިލާގެ މެމްބަރުންގެ ފުސްމޫނު ހެއްދެވުމަކަށް ސަމާލުކަމެއްނުދެއްވައެވެ.

ޙިއްބުއްނަބިއްޔު އުސާމާބިން ޒައިދު ރަޟިޔަﷲ ޢަންހުގެ ދަރިކަނބަލެއް އެއްފަހަރަކު ފައިންޕުޅު ދެކެވަޑައިގަންނަވާން ވަޑައިގެންނެވިއެވެ. ޢުމަރު އެކަމަނާއާ އިސްތިޤްބާލަށް ތެދުވެވަޑައިގެންނެވިއެވެ. ކުރިއަށް ހިންގަވައިފައި ވަޑައިގެން މަރްޙަބާ ވިދާޅުވަމުން ގެންނަވައި އެކަލޭގެފާނު އިށީދެވަޑައިގެން އިންނެވި ތާނގައި ބޭންދެވިއެވެ. އެކަމަނާ އެދިވަޑައިގެންނެވި ކަންކަން ހަމަޖައްސަވައިދެއްވިއެވެ.

މަދީނަތުއް ނަބިއްޔުދެކެ ވަރަށް ބޮޑަށް ލޯބިފުޅުވެއެވެ. އެއްފަހަރަކު ވިދާޅުވިއެވެ. "ބަނގުރާތަކެއް ގެންދާތީ މީހަކު ހައްޔަރުކޮށްގެން އަހަރެންގެ ގާތަށް ގެނަޔަސް އަހަންނަށް އެކަން ބަރުދާސް ކުރެވިދާނެއެވެ. ނަމަވެސް މަދީނާގެ ޙަރަމުން ރޯގަހެއް ކަނޑައިލައިގެން މީހަކު އަހަރެން ގާތަށް ގެނެވިއްޖެނަމަ އަހަންނަކަށް އެކަން ބަރުދާސްތެއް ނުކުރެވޭނެއެވެ."

މަދީނާގެ ގަވަރުނަރުކަމުން ވަކިވެވަޑައިގެން ފުރާވަޑައިގެންނެވި ދުވަހު ވަޑައިގެންނެވީ ކޯތާފަތްޕުޅު މައްޗަށް ކަރުނަފޮދުގެ ރޮނގުތައް ބާލުއްވަމުންނެވެ. މަދީނާގެ މޭގަ އޮބާލާންދެން އިރުއިރުކޮޅުން އެނބުރި ވަޑައިގެން ފަސްބައްލަވަމުން ގެންދެވިއެވެ.

މާތްﷲގެ ރަސްކަންފުޅަށް ބިރުފުޅުގަތުން

މާތްﷲގެ ރަސްކަންފުޅަށް ބިރުވެތިވުމަކީ ހުރިހާ އަޅުކަމެއްގެ ރޫޙެވެ. ތަޤްވާވެރިކަމުގެ ނާރެހެވެ. އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލްޢަޒީޒު ރަޙިމަﷲ އަކީ މާތްﷲގެ ރަސްކަންފުޅަށް އިންތިހާޔަށް ބިރުފުޅުގަންނަ ބޭކަލެކެވެ. އަބަދުވެސް ހުންނަވަނީ އާޚިރަތް ދުވަހުގެ ހިސާބުބެއްލެވުމާމެދު ބިރުފުޅުންނެވެ. ކޮންމެރެޔަކުވެސް ޢިޝާ ނަމާދަށްފަހު މިސްކިތުގައި ނުވަތަ އެކަލޭގެފާނުގެ ކޮޓަރިކޮޅުގައި އަޅުކަމާއި،ދުޢާކުރެއްވުމުގައި މަޝްޣޫލުވެވަޑައިގެން އެތައްއިރަކު އިންނަވައެވެ. އެގޮތަށް އިންނަވާއިރު ވަރަށް ގިނައިން ކީރިތި ކުރައްވައެވެ. ދުޢާކުރެއްވުމާއި،ކީރިތި ކުރެއްވުމުގައި ވަރަށް ގިނަ ރޭރޭގެ ރޭގަނޑު ހޭދަކުރައްވައެވެ. ފަހަރެއްގައި އަވަހާރަފުޅުލެއްޕެވުނު ކަމުގައިވެސް ހޭފުޅުލެއްވެވޭއިރަށް ޒިކުރުކުރެއްވުމުގައި އަލުން މަޝްޣޫލުވެވަޑައިގަންނަވައެވެ. ބައެއްރެރޭ އެކަލޭގެފާނުގެ އަރިހަށް ފިޤުހުވެރިންނާއި، ޢިލްމުވެރިން އެއްވެވަޑައިގަންނަވައެވެ. އެފަދަ ރޭރޭގެ މައުޟޫއަކަށް އޮންނަނީ މަރާއި ޤިޔާމަތުގެ ވާހަކައެވެ. އެވާހަކަތަކާއެކު އެހުރިހާ ބޭކަލުން ކީރިތިކުރައްވައެވެ.

ކީރިތިޤުރުއާނުގެ އާޔަތްތަކުގެ ތެރެއިން ޤިޔާމަތުގެ ވާހަކަ އަންނަ އާޔަތެއްގެ އަޑުއިވިވަޑައިގެންފިނަމަ ނުވަތަ ކިޔަވައި ވިދާޅުވެވިއްޖެނަމަ އިޚްތިޔާރަކާއި ނުލައި ކީރިތި ކުރެއްވިދެއެވެ. ނަސޭހަތްޕުޅު އަރުއްވާ ޢިލްމުވެރިންގެ ވާހަކަފުޅުތައް އަޑުއައްސަވައިފައި ގިސްލެއްވެވެންދެން ކީރިތިކުރައްވައެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ފާޠިމާ ބިންތި ޢަބްދުލް މަލިކު ވިދާޅުވެފައިވެއެވެ. "ޢުމަރަށްވުރެ ބޮޑަށް މާތްﷲއަށް ބިރުފުޅުގެންވަޑައިގަންނަވާ ބޭކަލަކު ދެކެވަޑައެއްނުގަންނަވަމެވެ. އެކަލޭގެފާނު އަވަހާރަފުޅުލައްޕަވާ ތަންމަތިކޮޅުގައިވެސް މާތްﷲ ހަނދުމަފުޅުކުރައްވައި ބިރުފުޅުން ތުރުތުރުއަޅައި ވަޑައިގަނެއެވެ." ޔަޒީދު ބިން ޙަރުޝަބު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " ޢުމަރު ބުނު ޢަބްދުލް ޢަޒީޒާއި ޙަސަނުލް ބަޞަރީއާ ދެބޭކަލުންނަށްވުރެ (ރަޙިމަހުމުﷲ ) ބޮޑަށް މާތްﷲއަށް ބިރުފުޅުގެން ވަޑައިގަންނަވާ ދެބޭކަލަކު އަހަރެން ނުދެކެމެވެ. ނަރަކަ ހައްދަވައިފައިވަނީ އެދެބޭކަލުންނަށްޓަކައި ކަހަލައެވެ."

ކީރިތި ކުރައްވާލެއް ގިނަކަމުން މީހުން ސުވާލުކުރުމުން ވިދާޅުވެއެވެ. " ތިޔަބައިމީހުން މަލާމަތްކުރާއިރު އެނގޭހެއްޔެވެ. ފުރާތުކޯރުގެ އައްސޭރީން ޅަބަކަރިޔެއް މަރުވިކަމުގައިވިޔަސް އެކަމާމެދު ޢުމަރުބުނު ޢަބްދުލްޢަޒީޒާ ސުވާލުކުރެވޭނެއެވެ.

ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ އެކަލޭގެފާނުގެ ގަވަރުނަރުންނަށް ލިޔުއްވާ ސިޓީފުޅުތަކުގައިވެސް އާޚިރަތް ދުވަހުގެ ހިސާބުބެއްލެވުމުގެ މަތީން ހަނދާންކޮށްދެއްވައެވެ. އެދުވަހާމެދު އިންޒާރުދެއެވައެވެ.

*****

އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އަށް އިސްލާމީއުންމަތުގެ ހުރިހާ ފިކުރީ މަދަރުސާތެކެއްގެ އެންމެން ކަމޭހިތައި ލޯތްބާއި އިޙްތިރާމް އަދާކުރަނީ އެކަލޭގެފާނުގެ މިދެންނެވި ރީތި ޚުލުޤުފުޅަށްޓަކައެވެ. މިސިލްސިލާގައި އަޅުގަނޑު މަތިމަތީން އަލިއަޅުވައިލި އަފޫރުއްބަ އިސްލާޙީ މަސައްކަތްޕުޅަށްޓަކައެވެ. ދީނީ ޢިލްމުވެރިންނާއި ސަލަފުންގެ ފަޤީހުންނާއި، ސީރަތާއި ތާރީޚުގެ އެދުރުން ޢުމަރުޘާނީގެ ލަޤަބު އެކަލޭގެފާނުގެ ނަންފުޅާ ގުޅުއްވަނީ އެކަމާހުރެއެވެ. އެކަލޭގެފާނަކީ ތެދުމަގު ލިބިވަޑައިގެން ހުންނެވި ފަސްވަނަ ޚަލީފާކަމުގައްޔާއި، ހިޖްރީ އެންމެ ފުރަތަމަ ސައްތައިގެ މުޖައްދިދަކީ އެކަލޭގެފާނު ކަމުގައި ވިދާޅުވަނީ އިސްވެދިޔަ ސަފްޙާތަކުގައި ޚުލާޞާގޮތެއްގައި ބަޔާންކޮށްފައި އެވާ މަތިވެރި ޚިދުމަތްތަކަށްޓަކައެވެ.

އަބޫސުލައިމާނު އައްދާރާނީ ރަޙިމަހުﷲ ވިދާޅުވާގޮތުގައި ޢުމަރުބުނު ޢަބްދުލްޢަޒީޒަކީ ޒާހިދުކަމުގައި ޚައިރުއްތާބިޢީން އުވައިސުލްޤަރްނީއަށްވުރެވެސް ކުރިއަށް ހުންނެވި ބޭކަލެކެވެ. އެހެނީ ޢުމަރު ބުނު ޢަބްދުލް ޢަޒީޒަށްވަނީ ހިތްޕުޅަށް އެރި ކޮންމެ ކަމެއް ކުރެއްވޭގޮތަށް "ދުނިޔެ ހިތަކަށް" ލިބިވަޑައިގެންފައެވެ. ނަމަވެސް ޢުމަރު އެދުނިޔެ ޤަބޫލުނުކުރައްވައި ރައްދުކުރެއްވިއެވެ. އުވައިސުލްޤަރްނީގެ ނަސީބުފުޅުގައި ދުނިޔެ ލިޔުއްވިފައެއްނެތެވެ.

މާލިކު ބުނުދީނާރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " މީހުންބުނެ އުޅެއެވެ. މާލިކަކީ ޒާހިދެކެވެ. އެކަމަކު މާލިކުގެ ހުރީ ކޮން ޒާހިދުކަމެއް ހެއްޔެވެ؟ ދުނިޔެ ހެވިދިލިފައި ދެއަތް ދަމާލައިގެންހުރެ ޢުމަރުބުނު ޢަބްދުލްޢަޒީޒުގެ އަރިހަށް ދިޔައެވެ. ނަމަވެސް ޢުމަރު އެދުނިޔެ ޤަބޫލެއްނުކުރެއްވިއެވެ. އައިކޮޅަށް އަނބުރާ ފޮނުއްވައިލެއްވިއެވެ. އެހެންވީއިރު ޒާހިދަކީ ޢުމަރުބުނު ޢަބްދުލްޢަޒީޒެވެ."

އަރަހުށި މާތްﷲ ޢުމަރުބުނު ޢަބްދުލްޢަޒީޒަށް ރަޙްމަތްލައްވާށިއެވެ.

"މީސްތަކުންވަނީ އެބައިމީހުންގެ ވެރީންގެ ދީންމަތީގައެވެ."

އިސްވެދިޔަ ޞަފުޙާތަކުގައިވާނީ، މަތީގައިވާ ޙިކުމަތްތެރި ބަސްފުޅުގައިވާ ފަދައިން އުމަވީ ޚަލީފާއިން އިސްލާމީ އުންމަތަށް ފޯރުއްވެވި އަސަރާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ. ނަމަވެސް އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ސީރަތު ލިޔަން ނެގި ގަލަމުގެ ދޯރިޖެހޭން އަންނަނީ މި މައިގަނޑު ނަމުގައިވެސް ވާހަކަކޮޅެއް ދައްކައިލުމަށްފަހުއެވެ.

މުޖްތަމަޢެއް އިސްލާހުކުރުމަށްޓަކައި ބޭނުންވާ ހަތަރުކަމަކީ ފިކުރީ އިސްލާޙާއި،ރަނގަޅު ތަޢުލީމާއި، ރަނގަޅު ނަމޫނާއާއި،ރަނގަޅު ސަރުކާރެކެވެ. މިދާއިރާތަކުގެ އެއް ނަމޫނާއަކީ ޢުމަރުބުނު ޢަބްދުލްޢަޒީޒުގެ އާއިލާގެ މެމްބަރުންކަމުގައިވާ މަރުވާނުބުނުލް ޙަކަމާއި، ޢަބްދުލްމަލިކުބުނު މަރްވާނާއި،ވަލީދުބުނު ޢަބްދުލް މަލިކާއި، ސުލައިމާނު ބުނު ޢަބްދުލް މަލިކު އިސްލާމީ އުންމަތަށް ދެއްކެވި މިސާލެވެ. ދެވަނަ ނަމޫނާއަކީ އަމީރުލް މުއުމިނީން ޢުމަރުބުނު ޢަބްދުލްޢަޒީޒު ރަޙިމަﷲ އިސްލާމީ އުންމަތަށް ދެއްކެވި ނަމޫނާއެވެ. މިދެންނެވި ޚާއްޞަ ހަތަރު ދާއިރާގެ ތެރެއިންވެސް އުންމަތަށް އެންމެ ވަރުގަދަ އަސަރެއް ފޯރުވައިފައިވަނީ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ އަމިއްލަފުޅު ޝަޚްޞިއްޔަތެވެ. އެބޭފުޅަކު އުންމަތަށް ދޫކުރައްވާ އަސަރުތަކެވެ.

(ނުނިމޭ)

comment ކޮމެންޓް