އިސްރާއީލުގެ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައިފި

ބައިތުލަހްމު (އެޕްރީލް 20) : އިސްރާއީލުގެ ސިފައިން ބަޑިން ހަމަލާދީ ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައިފި އެވެ. މިޖަރީމާ ހިންގާފައި ވަނީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރަށެއްކަމަށްވާ ބައިތުލަހްމުގެ ދެކުނުގެ ސަރަހައްދެއްގަ އެވެ.

އިސްރާއީލު ސިފައިން 21 އަހަރުގެ ސުހައިބު މޫސާ ޝަހީދުކޮށްލީ ޔަހޫދީ ވަޒަންވެރިއެއްގެ ގައިގައި ކާރުން ޖައްސައި އެމީހާ ޒަޚަމްކޮށްލި ކަމުގެ ތުހުމަތު އޭނާގެ ބޮލުގައި އެޅުވުމަށްފަހުގަ އެވެ.

ނަމަވެސް ސުހައިބުގެ އާއިލާއިން މިކަން ދޮގުކުރެ އެވެ. ސުހައިބުގެ އާއިލާއިން ބުނީ އޭނާ އިސްރާއީލު ސިފައިންނާ ދެކޮޅަށް ވެސް އަދި ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގަނެގެންއުޅޭ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް ވެސް އެއްވެސް އަމަލެއް ހިންގާފައިނުވާ ކަމުގަ އެވެ. ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިން ވަނީ ސުހައިބު ޝަހީދުކޮށްލުމަކީ އިސްރާއީލުން ހިންގި ގަތުލުގެ ޖަރީމާއެއްކަމަށް ސިފަކޮށް މިޖަރީމާ ތަހްގީގް ކުރުމަށް އިސްރާއީލަށް ގޮވާލާފަ އެވެ.

ފަލަސްތީނުގެ ޒުވާނުން ގަސްދުގައި މެރުމަކީ އިސްރާއީލު ސިފައިން ވަރަށް ރޭވުންތެރިކަމާ އެކު ކުރިޔަށްގެންދާ ޖަރީމާތަކެއްކަމަށް ފަލަސްތީނުން ބުނެ އެވެ. މިކަމުގެ ބޭނުމަކީ ފަލަސްތީނުގެ އާބާދީ އިތުރުވިޔަނުދިނުމާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާނެ ފަލަސްތީނުގެ ޒުވާނުންގެ އަދަދު މަދުކުރުމެވެ.

ސުހައިބު މަރާލުމުގެ ޖަރީމާ ހިންގުމަށް ފަހު އިސްރާއީލުގެ އިސްތިއްމާރީ ސިފައިން ވަނީ ހުޅަނގު އައްސޭރީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އިސްރާއީލުން މިޖަރީމާ ހިންގާފައިމިވަނީ އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަސީރުން ހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންގެންދާ ދަނޑިވަޅެއްގަ އެވެ. މިހަޅުތާލުގެ ބޭނުމަކީ އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަސީރުންގެ ހާލަތު ރަނގަނޅުކުރުމަށާއި ފަލަސްތީނުގެ ބައެއް އަސީރުން މިނިވަންކުރުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުމެވެ. (އަލްޖަޒީރާ)

comment ކޮމެންޓް