ބާސާ ރޮއްވާލުމަށްފަހު ޔުވެންޓަސްއިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަދި ޔުވެންޓަސް ބައްދަލުކުރި މެޗަށް ފަހު ބާސާ ކުޅުންތެރިން ހިތާމަ ފާޅުކުރަނީ --ފޮޓޯ ބީބީސީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ބުދަ ދުވަހުގެ ރޭ ބާސެލޯނާއާ ޔުވެންޓަސް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ދެ ލެގުގެ އެގްރިގޭޓް ނަތީޖާ 3-0ގެ ނަތީޖާއިން ބާސެލޯނާ މައްޗަށް ޔުވެންޓަސް ކުރި ހޯދައިގެން އެ މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވީ ނަމަވެސް މި ދެޓިމު ކުޅުނު ފުރަތަމަ ލެގު މެޗުގައި ޔުވެންޓަސް ވަނީ 3-0ގެ ނަތީޖާއަކުން ބާސާ ބަލިކޮށްފައެވެ.

ބާސާގެ އަމިއްލަ ދަނޑުގައި އެޓީމުގެ އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފޯރިގަދަ މެޗު ފަށައިގެން ޔުވެންޓަސްގެ ފަރާތުން، ފެނިގެން ދިޔައީ ކުރީގެ މެޗުން ލިބިފައިވާ ބޮޑު ލީޑު ދެމެހެއްޓުމަށް ޑިފެންސިވް ގޭމެއް ކުޅުމުގެ ބަދަލުގައި ރަނގަޅު އެޓޭކެއް ހެދޭތޯ މަސައްކަތް ކުރި ތަނެވެ. އެޓީމުންވަނީ މެޗުގެ ފުރަތަމަ 12 މިނިޓްގައިވެސް މެޗުގެ ކޮންޓްރޯލް ނަގައި ރަނަގަޅަށް ކުޅެފައެވެ.

ނަމަވެސް މެޗުގެ ކޮންޓްރޯލް ނަގައިގެން ޔުވެންޓަސް އަށް ކުޅެވުނީ މަދު ވަގުތުކޮޅަކަށެވެ. ބާސެލޯނާއިންވަނީ މަޑުމަޑުން ގޭމް ތެރެއަށް ވަދެ ޔުވެންޓަސް އަށް ވުރެ ގިނަ އިރު ބޯޅަ ހިފަހައްޓައި ރަނގަޅު އެޓޭކް ތަކެއް ހެދޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

މިމެޗުގައި ބާސާގެ ތަރި ލިއޮނަލް މެސީގެ ފަރާތުން ދުރުން ބާރު ހަމަލާއެއް ފޮނުވަލައިގެން ގޯލެއް ކާމިޔާބުކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެ ހުރިހާ ބޯޅައެއްވެސް ވަނީ ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނިޓްގައި ލުއިސް ސުއަރޭޒް ފަހިކޮށްދިން ފުރުސަތުން ޔުވެންޓަސްގެ އޭރިއާ މެދުގައި ހުރެ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. އަދި މެޗުގެ 31 ވަނަ މިނިޓްގައި އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ ވަނީ ޔުވެންޓަސްގެ ކީޕަރު ބުފޮން ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާއާ ނޭމާއަށް މި މެޗުގައި ރެފްރީ ވަނީ ރީނދޫ ކާޑު ދައްކާފައެވެ. އަދި ޔުވެންޓަސްގެ ޖޯރްޖޯ ކްރްލީނީއާއި ސެމީ ކެދީރާއަށް ވެސް ވަނީ ރެފްރީ ރީނދޫ ކާޑު ދައްކާފައެވެ.

މި ނަތީޖާއާއެކު ބާސާ މުބާރާތަށް އަލްވަދާއުކީ އިރު ޔުވެންޓަސް ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ހަތް ފަހަރު ދަތުރުކުރި، އިޓަލީއަށް ނިސްބަތްވާ ފުރަތަމަ ކުލަބަށެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުވެފައިވާ ހަތަރު ޓީމަކީ ސްޕެއިންގެ ރެއާލް މެޑްރިޑް، އިޓަލީގެ ޔުވެންޓަސް، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އަދި ފްރާންސްގެ މޮނާކޯއެވެ.

comment ކޮމެންޓް