އެމްއޯސީގެ އިންތިހާބު މޮނީޓާ ކުރުމަށް ތިން މެމްބަރުންގެ ކޮމިޓީއެއް

އޮލިމްޕިކް ކޮމެޓީގެ އަހަރީ އާންމް ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިންތިޚާބުގެ ކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފިއެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބައްވާ އެ ކޮމިޓީގެ އިންތިހާބާ ގުޅޭ ކަންކަން ބެލެހެއްޓުމަށް އެކުލަވާލައިފައިވަނީ ތިން މެމްބަރުންގެ ކޮމިޓީއެކެވެ.

އެ އިންތިހަބު މޮނީޓާކުރުމަށް އެކުލަވާލި ކޮމިޓީގައި ހިމެނެނީ ހުސައިން ސިރާޖު، އަލީ ސަލީމް އަދި އަބްދުﷲ ރަޝީދެވެ. ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ސިރާޖު ކަނޑައަޅާފައިވާއިރު ކޮމިޓީގެ ސެކްރެޓޭރިއަޓުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ތަމޫހް އަހުމަދު ސައީދެވެ.

އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާއިރު މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ މީހުންނަކީ އެ ކޮމިޓީގެ މިހާރުގެ ރައީސް މުހައްމަދު ޝަވީދު އަދި މިހަރުގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އެވެ.

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި ހޮވާނީ އެ ކޮމެޓީގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ ޖެނެރަލް، އޮލިމްޕިކް ޓީމް ސްޕޯޓްސްގެ ދެ މަގާމަކާއި، އޮލިމްޕިކްސް އިންޑިވިޖުއަލް ސްޕޯޓްސްގެ ތިން މަގާމަކާއި ހަޒާންދާރެވެ. އަދި މީގެ އިތުރުން އޮލިމްޕިކް ނޫން ދެ ކުޅިވަރަކުން ދެ މަގާމާއި އަދި ދެ އަންހެން މެމްބަރުންނެވެ.

comment ކޮމެންޓް