ޓްވިޓާގައި އޮބާމާ ދެއްކެވި ވާހަކަތަކުގައި ހަގީގަތް އެކުލެވެނީ ކިހާވަރަކަށް؟

އެމެރިކާގެ ރައީސް އޮބާމާ، ސޯޝަލް ނެޓްވޯކެއްގެ ތެރެއިން އެ ގައުމުގެ ރައްޔިތުންނާ ދެވަނަ ފަހަރަށް ވާހަކަ ދެއްކެވީ އިއްޔެ ޓްވިޓާގައި އޭނާ ބޭއްވެވި " ޓައުން ހޯލް" ސެޝަންގަ އެވެ.
އޮބާމާއަށް ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ރައީސް އޮބާމާ ޓްވިޓާގައި ދެއްކެވި ގިނަ ވާހަކަފުޅުތަކަކީ އެމެރިކާގެ ރައްޔިތުން އުފާކުރުމަށް ދެއްކި ވާހަކަފުޅުތަކެކެވެ.

"ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާގެ ތެރޭގައި ކޮންގްރެސްއާއި ވައިޓްހައުސް ގުޅިގެން މަސައްކަތްކޮށް، އަހަރެމެންގެ ޑެފިސިޓް ކުޑަކޮށް، ދަރަނި ކުޑަކުރެވޭނެ ގޮތެއް ހޯދާނެ،" އޮބާމާ އިއްޔެ ޓްވިޓާގައި ވިދާޅުވެފައި ވެއެވެ.

ނަމަވެސް ކޮންގްރެސްއަށް އޮބާމާ ހުށައަޅުއްވާފައިވާ ގޮތަށް 12 އަހަރުގެ ތެރޭގައި ހަތަރު ޓްރިލިއަން ޑޮލަރުގެ ޑެފިސިޓް ކުޑަކުރުމަށް ފާސްކޮށްފި ނަމަ އެމެރިކާގެ ދަރަނި ދާނީ ބޮޑުވެގެންނެވެ. އަދި އެކަމުގެ ސަބަބުން އެމެރިކާގެ ބަޖެޓްގެ ބެލެންސް ގެއްލޭނެ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައިޕާޓިސަން ކޮމިޓީ ފޯ ރެސްޕޮންސިބްލް ފެޑެރަލް ބަޖެޓްއިން ލަފާކޮށްފައިވާ ގޮތުގައި އޮބާމާގެ ޕްލޭންގެ ސަބަބުން އެ ގައުމަށް ދަރަނީގެ ގޮތުގައި 10 އަހަރުގެ ތެރޭގައި ހަތް ޓްރިލިއަން ޑޮލަރު ހޯދަން ޖެހެއެވެ.
ޓްވިޓާގައި އޮބާމާ ވިދާޅުވެފައިވާ އަނެއް ވާހަކަ ފުޅަކީ "އެމެރިކާގެ ކޮންމެ ރައްޔިތެއްގެ ޖީބަށް 1000 ޑޮލަރު އިތުރުވާނެ ކަމެއްކަމަށްވާ ޕޭރޯލް ޓެކްސް ކަނޑައިލުމަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާއެކު އޭނާ މަސައްކަތް ކުރެއްވި" ވާހަކަފުޅެވެ.

ނަމަވެސް ހަގީގަތުގައި ވައިޓްހައުސް )އެމެރިކާ ސަރުކާރު( ގެ ހިސާބުތައް ދައްކާ ގޮތުން ވެސް ޕޭރޯލް ޓެކްސް ކަނޑައިލުމުން ފައިދާ ކުރާނީ 159 މިލިޔަން މީހުންނަށެވެ. އެމެރިކާގެ އާބާދީއަކީ 311 މިލިޔަނެވެ.

އޮބާމާ ޓްވިޓާގައި އިއްޔެ ދެއްކެވި މިފަދަ އެތައް ވާހަކަތަކެއް، އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް ފާހަގަ ކުރެވުނަސް އިއްޔެ އޭނާ ބޭއްވެވި ޓްވިޓާ ޓައުން ހޯލް ސެޝަންގެ ސަބަބުން ޓްވިޓާގައި އޭނާ ފޮލޯ ކްރާ މީހުންގެ އަދަދު މިހާރު ވަނީ ނުވަ މިލިޔަނަށް އަރާފަ އެވެ.
ސޯޝަލް ނެޓްވޯކްތަކުގެ ތެރެއިން ފޭސް ބުކާއި ޓްވިޓާގެ އިތުރުން ޔޫޓިއުބް ވެސް އެމެރިކާގެ ރައީސް އޮބާމާ ބޭނުން ކުރައްވަ އެވެ. -- އެސޯސިއޭޓެޑް ޕްރެސް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު